"ރެހެންދި އެވޯޑު" ދިނުމުގެ ރަސްމިއްޔާތު މިމަހުގެ 6 ވަނަ ދުވަހު ރޭ ބާއްވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ އެވޯޑަށް ޖުމްލަ 2 ދާއިރާއަކުން 7 ބޭފުޅުން ހޮވިވަޑައިގެންފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ކޮންމެ އަހަރަކު މި އެވޯޑު ހަވާލުކުރަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާގައެވެ. ނަމަވެސް، ކޯވިޑް–19 އާއި ގުޅިގެން ދިމާވެފައިވާ ޙާލަތުގެ ސަބަބުން މި އަހަރުގެ އެވޯޑް ދިނުމުގެ ޙަފްލާ ވަނީ ފަސްކުރެވިފައެވެ.
2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ހަވާލުކުރުމުގެ ރަސްމިއްޔާތު 06 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މި އެވޯޑަކީ ގައުމީ ފެންވަރުގައި ދެވޭ އެވޯޑަކަށްވެފައި، މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
މިދިޔަ އަަހަރުގެ ރެހެންދި އެވޯޑް ލިބިފައިވާ ފަރާތްތައް:
ރެހެންދި އެވޯޑް / އިޖުތިމާޢީ ދާއިރާ:
– ފާތިމަތު އިބްރާހިމް، ޅ. ހިންނަވަރު ކާނިމާގެ،
– އަލްއުސްތާޛާ މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ،
ރެހެންދި އެވޯޑް / އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ:
– ޙައްވާ ލަތީފް، ހުޅުމާލެ ފްލެޓް 10-3-01
– އާމިނަތު އަމީނާ، ލ. ކުނަހަންދޫ ހަނދުވަރީގެ،
– ޝިފްޒާ މުޞްޠަފާ، ފުވައްމުލައް ސިޓީ އާސާން،
– ޢާއިޝަތު ޙުސައިން މަނިކު، ހ. ރީނދޫކޮކާގެ،
– މިންހާ ފާއިޒު ރަޝާދު، ހުޅުމާލެ ފްލެޓް 99-1-02
ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދެމުން ގެންދާ ޚާއްޞަ އެވޯޑެކެވެ.
ހަމައެއާއެކު، ދިވެހިރާއްޖޭގެ ތަރައްޤީއާއި، ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުމާއި، އެ ކަނބަލުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާއި، ޤައުމީ ޚިދުމަތުގައި އަދި އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އާ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމާއި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތް ކުރާ ވަކި ފަރުދުންނާއި އަދި މުއައްސަސާތަކުގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރުންވެސް މި އެވޯޑު ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ