މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސަސްޕެންޑް ކޮށްފިއެވެ. އެހެންނަމަވެސް އޭނާ އޮފީހަށް ނުނިކުންނަ ގޮތަށް މަގާމުން ސަސްޕެންޑް ކުރީ ކޮން ސަބަބަކާ ހެދިމަކެއް އަދި ޔަގީން ކުރެވިފައި ނުވިނަމަވެސް، އޭނާއާއި ގުޅޭ ސީރިއަސް މައްސަލަތަކެއް ތަހުގީގު ކުރެވެމުންދާކަން ޚަބަރު އޮންލައިނަށް ވަނީ ޔަގީން ކުރެވިފައެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އޮފީހަށް ނުނިކުންނަވާތާ މިހާރުވަނީ ދުވަސްކޮޅެއް ވެފައެވެ.
ޕެންޝަން އޮފީހުގެ ސިއީއޯގެ އަކީ ޕެންޝަން ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މޯލްޓާއަށް އުފަން ޖޯން ގްރިންޑާލްއެވެ. އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްދާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.
ޖޯން ގްރިންޑާލް ވަނީ މީގެ ކުރިން މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީމާއި، ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިންގ އޮފިސަރުކަމުގެ އިތުރުން އިނގިރޭސިވިލާތުގެ މާލީ އިދާރާއެއް ކަމުގައިވާ ލޯއިޑްސް ބޭންކިންގްގ ގްރޫޕުގެ ސީނިއާ އެކްޗުއަރީކަން ކުރައްވާފައެވެ. މީގެ އިތުރުން، އޭނާއަކީ ޑިފައިންޑް ކޮންޓްރިބިއުޝަން އެންޑް ޑިފައިންޑް ބެނެފިޓް ފަންޑިންއާއި ޕެންޝަނާގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެކެވެ.
ދިވެހިރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ޤާއިމްކުރެވިގެންދިޔައީ 2009 ވަނަ އަހަރުއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ 2009 ވަނަ އަހަރުން ފެށިގެން އެމަޤާމު ފުރުއްވަމުން ގެންދެވި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވި މުހައްމަދު ހުސައިން މަނިކެވެ.