ކުޅިވަރުގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ވަސީލްތައް ޤާއިމްކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމުގެ އެއްބަސްވުމުގައި މާދަމަ ސޮއިކުރެވޭނެކަމަށް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި މާދަމާ ސޮއިކުރެވޭއިރު އޭގެ ތެރޭގައި އަތޮޅުތަކުގައިވެސް ކުޅިވަރުގެ ވަސީލްތަތައް ޤާއިމްކުރުންވެސް ހިމެނެއެވެ.
މަބްރޫކް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މާލޭ ގަލޮޅު ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށް ނެޝަނަލް ވިލީ އަދި ބާސްކެޓް ބޯލް ކޯޓް ތަރައްޤީކުރުން ހިމެނޭކަމަށެވެ. އަދި ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުންވެސް ހިމެނޭކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެބަހިމެނޭ ހދ.ކުމުންދޫ ޔޫތު ސެންޓަރގެ މަސައްކަތް، އަދި ތ.ކަނޑޫދޫގެވެސް ޔޫތު ސެންޓަރުގެ މަސައްކަތް ހިމެނޭ. މީގެ އިތުރު ގަލޮޅު ދަނޑު އަލުން އިތުރަށް ތަރައްޤީކުރުމަށް މި ޕްރޮޖެކްޓްގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ. އަދި ނެޝަނަލް ބާސްކެޓް ބޯލް ސެންޓަރެއް މަލްޓިޕްލެކްސްއެއް ހެދުމަށް މި ޕްރޮޖެކްޓްގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ މި އެއްބަސްވުމުގެ ތެރެއިން. ނެޝަނަލް ޓޭބަލް ޓެނިސް ސެންޓަރއެއް ނެޝަނަލް ވޮލީބޯލް ކޯޓެއް އަދި ސިންތެޓިކް ޓްރެކް އެކި ރަށްރަށުގައި، އެއީ ކުޅުދުއްފުށީ، ގދ.ތިނަދޫ، ފުވައްމުލައް ސިޓީ އައްޑޫ އަދި އައްޑޫ ހިތަދޫގަ ކުރިއަށް ގެންދެވޭނެ. މީގެ އިތުރުން އިންޑޯ ސްޕޯޓްސް ކޮމްޕެލެކްސްއެއް ކުޅުދުއްފުށީ ސިޓީގައި ތަރައްްީކުރުމަށް ފައިނޭންސް ކުރެވިގެންދާނެ.
– މަބްރޫކް ޢަޒީޒް
މިއަހަރު ވެގެންދާނީ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ އަހަރެއްކަމަށާއި މިއަންނަ އަހަރު ގިނަ ކުޅިވަރު ވަސީލަތްތަކެއް ގާއިމް ކުރެވިގެންދާނެކަމަށް ސަރުކާރުން ހާމަކުަރައްވާފައިވެއެވެ.
މިގޮތުން ގަލޮޅު ދަނޑު އިތުރަށް ތަރައްޤީކުރުަމުގެ މަސައްކަތަށް އިސްކަންދީގެން ފީފާއިން ޤަބޫލުކުރާ މިންގަނޑަށް ފެއްތުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މީގެ އިތުރުން ރާއްޖޭގެ 4 ރަށެއްގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މާލޭ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށްވަނީ ބަދަލުކޮށްފައެވެ.