މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގައި ޝާމިލުވާ ކަމަށްބުނާ ތިން ފަނޑިޔާރުން އޯޑިއޯ ސާމްޕަލް ހެދުމަށް އޯޑިއޯ ރެކޯޑިން ފުލުހުންނަށް ދެއްވައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ މިމައްސަލަ ތަހުގީގް ކުރުމަށް ފުލުހުންގެ ކިބައިގައި ކޮމިޝަނުން އެދުމުން، ދައުރުވާ އޯޑިއޯގައި ހިމެނޭ ތިން ފަނޑިޔާރުންގެ އޯޑިއޯ ފުލުހުންނަށް ދެއްވާފައިވާކަމަށެވެ.
މިތަޙުޤީގާއި ގުޅޭގޮތުން ޖޭއެސްސީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުއާ، އެ ކޯޓުގެފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމްއާ، ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކޮށްފައިވާކަމަށެވެ.
މިމައްސަލައިގެ ތަޙުޤީގުގައި 3 ފަނޑިޔާރުންވެސް ވަނީީ މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ވިދާޅުވެފައިކަމަށް ޖޭއެސްސީން ވިދާޅުވެފައިވާކަމަށެވެ. މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި 2 ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލާއި ސުވާލުކޮށް މަޢުލޫމާތު ސާފުކުރެވުނުކަންވެސް ޖޭއެސްސީންވަނީ ވިދާޅުވެފައެވެ. އަދި އެ އޯޑިއޯތަކުގައިކޮށްފައިވާ ތުހުމަތުތައް އެ ފަނޑިޔާރުންވެސް ދޮގުކުރައްވާފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވަނީ ވިދާޅުވެފައެވެ.
ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ޙުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ސަރުކާރުން މިހާރުވަނީ ފުލުހުންގެ ޚިދުމަތަށްވެސް އަންގާފައެވެ.
One Response
އަދިވެސް މިއުޅެނީ ނުފޫޒު ފޯރުވަން. ބަލަ ތިޔަ ޖޭއެސްސީ އާއި ފުލުހުންނާ ސަރުކާރުންނޭ އެކަން ކުރުވީ. މިހާރު ދެން ހަދާނީ އަނެއް ހަ ދޮގު