ފަނޑިޔާރުންގެ އޯޑިއޯތަކާއި ގުޅިގެން ހުށައެޅި މައްސަލަ ބޭރުކޮށްލައިފި

ފަނޑިޔާރުންގެ އޯޑިއޯތަކާއި ގުޅިގެން ހުށައެޅި މައްސަލަ ބޭރުކޮށްލައިފި

Author
މުޙައްމަދު ޖިމީ
31 އޮގަސްޓް 2021 09:50
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީޢަތުގެ ހުކުމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ވާހަކަދައްކާކަމަށް ބުނެ ލީކުވެފައިވާ އޯޑިއޯ މައްސަލާގައި އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ހުށައެޅުއްވި އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 20 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓުދެއްވީ 7 މެންބަރުންނެވެ.

އާދަމް ޝަރީފް މަޖިލީހަށް ހުށައެޅުއްވި މައްސަލާގައި ރައީސް ޔާމީންނަށް ކްރިމިނަކލް ކޯޓުން އިއްވި ހުކުމަކީ ބޭއިންސާފު އަދި ހެކި އުފައްދައިގެން، ނުފޫޒުން އިއްވާފައިވާ ހުކުމެއް ކަން ލީކުވެފައިވާ އޯޑިއޯއިން ސާފުވާކަމަސެވެ. އެހެންކަމުން އެ އޯޑިއޯތަކުގެ މައްޗަށް މިނިވަން ތަހުގީގެއް ހިންގައި ދިނުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ. ފަނޑިޔާރުން ހުކުމް ކުރިއިރު ފަނޑިޔާރުން ތިބީ ހުކުމުގައިވާ އެއްޗެއް ނޭނގޭ ހާލުގައިކަމަށްވެސް އާދަމް ޝަރީފް ވިދާލުވިއެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށް އެމަނިކުފާނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވާ އޯޑިއޯއެއް މިހާރު ވަނީ ލީކުވެފައެވެ.

ޢާންމުވެފައިވާ އޯޑިއޯގައި ރަހުމަތްތެރިޔަކާއިއެކު ގާޒީ ހުސެއިން ފާއިޒް ދެއްކެވި ވާހަކަފުޅު ޤާޟީ ވަނީ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ އަށް ބިރުދެއްކުމުންކަމަށެވެ. ބިރު ދެއްކުމުން އޮތީ ދެގޮތެއް ކަމަށާއި އެއްގޮތަކީ ބިރާއި ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާއި އެއްކޮޅަށް ހުކުމް ކުރުން ކަމަށް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.

ކުރިމަތިވި ހާލަތުގައި ޔާމީންގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކޮށްގެން ކަމަށް ހުސެއިން ފާއިޒް ވިދާޅުވިއެވެ. އެއީ ހުކުމް ނުކޮށްފިނަމަ ޔާމީނަށް އެއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށްވެސް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.

މިފަދައިން ފާއިޒް ވިދާޅުވެފައިވާއިރު، ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްކުރަން ތަޢާވަލުކޮށްފައިވަނިކޮށް އެމައްސަލަ ފުރަތަމަ ބެއްލެވި އެކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ސަސްޕެންޑްކުރުމަށްފަހު ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ލީކުވެފައިވާ އެ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށްޓަކައި، ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯގައި ޝާމިލުވާ ކަމަށްބުނާ ތިން ފަނޑިޔާރުން ރުހުންދީފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.