ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާ އަށް ސައުދީ ސަރުުކާރުގެ ހާއްސަ މަންދޫބަކު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ތަރްޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ސައުދީ މަންދޫބާ އެކު މާދަމާ ރަސްމީ މަޝްވަރާތައް ފަށާނެ ކަމަށެވެ. އަދި އެ މަޝްވަރާގައި ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީޚެއް ކަނޑައެޅުމާއި މިސްކިތް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ އެހީގެ ދަށުން ބިނާކުރި ކިންގް ސަލްމާން މިސްކިތް މިދިޔަ ރަމަޟާން މަހު ހުޅުވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މިސްކިތް ހުޅުވުން ލަސްވެފައިވަނީ ކޯވިޑް އާ ގުޅިގެން ދަތުރުފަތުރަށް ބުރު އެރުމާ ގުޅިގެން ސަޢުދީގެ ވަފްދު އައުމަށް ދަތިވުމުންކަމަށެވެ.
ސަލްމާން މިސްކިތް ނުހުޅުވި ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތުގެ އެކި މަގާމުތަކަށް މީހުން ހޯދުމަށް އިއުލާންކޮށްފަ އެވެ. މިސްކިތުގެ އިމާރާތުގައި، ނަމާދުކުރާ ތަނުގެ އިތުރުން ކުއްޔަށް ދޭ ހޯލުތަކާއި މީޓިން ރޫމުތަކެއް ހަދާފައި ވެ އެވެ. މިއީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެޅި މިސްކިތެކެވެ.
މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފައެވެ. 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5ވަނަ ބުރި ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.