ދުނިޔޭގެ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއަކީ، ދެވަނަ ބޮޑު ހަގުރާމަ ނިމި، އެ ހަގުރާމަ ކާމިޔާބު ކުރި ގައުމުތަކުން އިސްނަގައިގެން، ދުނިޔޭގެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށްޓަކާ، ދުނިޔޭގެ ހުރިހާ ގައުމުތަކެއް ތަމްސީލު ކުރާގޮތަށް އުފެއްދި ޖަމިއްޔާއެކެވެ.
މިގޮތުން މި ޖަމިއްޔާ ވުޖޫދުވެގެން އައިސްފައިވަނީ، 1945 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހު، ދުނިޔޭގެ 29 ގައުމަކުން އެންމެ ފުރަތަމަ މި ޖަމިއްޔާގެ ޗާޓަރު (އަސާސީ ގަވާއިދު) ތަސްދީގު ކުުރުމާ ހަމައިންނެވެ.
ދުނިޔޭގެ ގައުމުތަކުގެ މެދުގައި ސުލްޙަ ގާއިމްކުރުން އެންމެ މުހިންމު މަގުސަދެއްގެ ގޮތުގައި ބަލައިގެންފައިވާ މިޖަމިއްޔާގެ މައިގަޑު 4 މަގުސަދެއް އެބައޮތެވެ. އެ މަގުދުތަކަކީ:
- ދުނިޔޭގައި ސުލްހަ ގާއިމް ކުރުމާއި ސުލްހަ ދެމެހެއްޓުން
- ގައުމުތަކުގެ މެދުގައި އެކުވެރިކަން ދެމެހެއްޓުން
- ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަގަޅު ކުރުމާއި، ބަނޑުހައިހޫނުކަމާއި، ބަލިތަކާއި އަދި ލިޔަންކިޔަން ނޭގުން ދުނިޔެއިން ނައްތާލުމާއި، އެއްބަޔަކު އަނެއްބައެއްގެ އިންސާނީ ޙައްގުތަކާއި މިނިވަންކަމަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން
- މި މަގުސަދުތައް ހާސިލްކުމަށް ދުނިޔޭގެ ގައުމުތަކަށް އަޅަމުންދާ ފިޔަވަޅުތައް ހަގީގަތަކަށް ހެދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރުން
ޔޫއެންގެ ތާރީޚުން މިހާރު 76 އަހަރު ވެފައިވާއިރު، މި ޖަމިއްޔާއަކީ މިއަދު ދުނިޔޭގެ 193 ގައުމު ތަމްސީލުކުރަމުންދާ ޖަމިއްޔާއެކެވެ. އަދި، އެކި ރޮގުރޮގުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ސުލްހަ ގާއިމް ކުރުމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، ތަފާތު ކާރިސާތަކުން ދުނިޔޭގެ އެކި ގައުމުތަކަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމުގައި އެގައުމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން، ޔޫއެއިންވަނީ، އެ ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި ތިބި ބައެއް ގައުމުތައް ޖަމިއްޔާގެ ޗާޓަރާ ޚިލާފުވުމާއި ގުޅިގެން ބައެއް ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ.
މި ޖަމިއްޔާ އުފެދިގެން އައިސްފައިވަނީ މައިގަޑު 6 ގުނަވަނެއްގެ މައްޗަށެވެ. އޭގެ ތެރޭގައި، އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޔޫއެން ހެޑްކުއާޓަރގައި ގާއިމްކުރެވިފައިވާ 5 ގުނަވަނަކީ:
- ޖެނެރަލް އެސެމްބްލީ
- ސެކިއުރިޓީ ކައުންސިލް
- އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް
- ޓްރަސްޓީޝިޕް ކައުންސިލް އެންޑް ސެކްރެޓޭރިއޭޓް
ޔޫއެންގެ 6ވަނަ ގުނަވަނަކީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއެވެ. މި ކޯޓު ގާއިމްކުރެވިފައިވަނީ ނެދަރލޭންޑުގެ ދަ ހޭގުގައެވެ.
ޔޫއެން ޖެނެރަލކް އެސެމްބްލީގެ ރައީސްކަން ދިވެހި ރާއްޖެއަށް
ޔޫއެން ޖެނެރަލް އެސެމްބްލީއަކީ މި ޖަމިއްޔާގެ 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.
އަދި މި މަޖިލިހަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ތަމްސީލުކުރާ ދަރުބާރަކަށް ވުމާއެކު، މިއީ ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު ބަހުސްކުރެވޭ، އަދި އެވަގުތެއްގެ ދުނިޔޭގެ ސިޔާސީ، އިގްތުސާދީ އަދި އިޖުތިމާއީ ހާލަތު ވަރަށްވެސް ރަގަޅަށް ތަމްސީލުކޮށްދޭ މަޖިލިހެކެވެ.
މިގޮތުން އާންމު މަޖިލިހުން، ޔޫއެންގައި އަދާކުރާ މައިގަޑު 3 މަސްއޫލިއްޔަތެއް އޮވެއެވެ. އެ މަސްއޫލިއްޔަތު ތަކަކީ:
- ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ލަފާގެމަތިން، ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އައްޔަން ކުރުން
- ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ނޫން މެމްބަރުން އައްޔަން ކުރުން
- ޔޫއެންގެ ބަޖެޓު ފާސްކުރުން
ޔޫއެންގެ ޖެނެރަލް އެސެމްބްލީން ރަސްމީކޮށް، ވަކި ތާވަލެއްގެ ދަށުން ބައްދަލުންވުންތައް ބާއްވާނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަނަލަށެވެ. އެއަށްފަހު، އާންމު މަޖިލިސް ބައްދަލު ކުރާނީ، ބޭނުންވެއްޖެ ހާލަތެއްގައެވެ.
މި ބައްދަލުވުންތަކުގައި، ކަނޑައެޅިފައިވާ ވަކި އެޖެންޑާތަކަކަށް ބަހުސްކޮށް، އަދި މިގޮތުން ބަހުސް ކުރެވޭ ބައެއް އެޖެންޑާތައް ގަރާރުތަކަށް ޔޫއެންގެ އޮނިގަޑުގެ ތެރެއިން ބަދަލުވެގެން ދެއެވެ. އދގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވާނެއެވެ.
އަދި މީގެ އިތުރުން މުޅި ދުނިޔޭގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ދުނިޔެއަަށް ލާބަހުރި ވަކި އެޖެންޑާއެއް ކުރިއެރުވުމަށް، މެމްބަރު ގައުމުތައް އެއްކުރުމުގެ ބާރު ޖެނެރަލް އެސެމްބްރީގެ ރައީސަށް، ޔޫއެންގެ އޮނިގަޑުގެ ތެރޭގައި ލިބިދީފައި އޮވެއެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދު ކާމިޔާބު ކުރައްވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ.
މި އިންތިޚާބު، ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބު ކުރައްވައިގެން ބޮޑު އައުލަބިއްޔަތަކުންނެވެ.
މި އިންތިޚާބުގައި ޝާހިދުއާއި ވާދަ ކޮށްފައިވަނީ، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއެވެ. އޭނާއަށް ލިބިގެން ދިޔައީ، 48 ވޯޓެވެ.
2021 ސެޕްޓެމްބަރު 14 ގައި ފެށޭ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ގައުމު ކަމުގައެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ވަޑައިގެންނެވިއްޖެ ނަމަ، މައިގަޑު 5 އަމާޒެއް ހާސިލް ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް، ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދު، މަގާމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭނުގައި ވިދާޅުވެފައިވެއެވެ.
މިގޮތުން "އުއްމީދީ ރިޔާސަތެއް" މި ޝިއާރުގެ ދަށުން އެމަނިކްފާނު ކުރެއްވި ކެމްޕޭންގައި، ޖެނެރަލް އެސެމްބްލީގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު މެމްބަރު ގައުމުތަކުން ދެއްވައިފި ނަމަ، އެއް އަހަރުގެ ދައުރުގައި ހާސިލް ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވައުދުވި މައިގަޑު 5 ވައުދަކީ:
- ކޯވިޑް19 ކާރިސާއިން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަން ދިނުން: 2022 ނިމުމުގެ ކުރިން ދުނިޔޭގެ މުޅި އާބާދީ އަށް ކޯވިޑް ވެކްސިން ޖަހާ ނިންމުމަށް އަމާޒު ހިފުމުގެ އިތުރުން، ހަމަހަމަ ކަމާއެކު ދުނިޔޭގެ ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުން
- ކޯވިޑް19 އިން އަރައިގަނެވުމަށްފަހު، އަންނަ ހެޔޮ ބަދަލުތަކަކީ ދެމެހެއްޓެވިނި ބަދަލުތަކަކަށް ހެދުން
- ދުނިޔޭގެ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުން ދުނިޔެ ސަލާމަތްކުރުމަށް މެމްބަރު ގައުމުތަކާއެކު މަސައްކަތް ކުރުން
- އިންސާނީ ހައްގުތައް ކުރިއެރުވުން: ޖިންސީ ހަމަހަމަކަން ކުރިއެރުވުމާއި، ހަމަހަމަ ކަމާއި އިންސާފު ގާއިމުކުރުމާއި، އަދި ޔޫއެންގެ ނިޒާމުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތު ހުޅުވާލުން
- ޔޫއެންއަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުން: ޔޫއެން އިތުރަށް ބާރުވެރި ކުރުވުމަށްޓަކާ، ޔޫއެންގެ އިކޮނޮމިކް އަދި ސޯޝަލް ކައުންސިލް ވަރުގަދަކޮށް، ޔޫއެން ސެކިއުރިޓީ ކައުންސިލަށް އިސްލާޙީ ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުމުގެ އިތުރުން ޔޫއެންއަކީ ޒިންމާދާރު ކުރުވާ އަދި ޒިންމާދާރުވާ މުވައްސަސާއަކަށް ހެއްދެވުމަށް މަސައްކަތް ކުރުން
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތު، ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަދުބުﷲ ޝާހިދު ކާމިޔާބު ކުރެއްވުމަށްފަހު، ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސެއްގެ ހައިސިއްތުން ޝާހިދު މިހާރު ގެންދަވަނީ ދުނިޔޭގެ ބައެއް ގައުމުތަކަށް ދަތުރު ކުރައްވަމުންނެވެ.
މި ދަތުރުފުޅުތަކުގައި މިހާތަނަށް ޝާހިދުވަނީ، އަވައްޓެރި އިންޑިއާއި، އަދި ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމުގައިވާ ޖަޕާނަށްވެސް ވަޑައިގެންފައެވެ. މިދަތުރު ފުޅުތަކަކީ، އަންނަ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ރަސްމީކޮށް އަބުދުﷲ ޝާހިދު ޖެނެރަލް އެސެމްބްލީގެ ރިޔާސަތާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިން، މިގައުމުތަކުން ދެއްވާފައިވާ ދައުވަތުތަކަށް އެގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކެކެވެ.
މިދަތުރުފުޅުތަކުގައި، ޔޫއެންގެ ރިޔާސަތުގައި ކުރައްވާނެ މުހިންމު މަސައްކަތްތަކުގެ އިތުރުން ޝާހިދުވަނީ، މިގައުމުތަކާ ރާއްޖެއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރުމުގެ އިތުރުން، މި ގައުމުތަކުން ރާއްޖެއަަށް ބޭނުންވާ އިތުރު އެހީތައް ހޯދުމަށްވެސް ގައުމުތަކާ އެކީ މަޝްވަރާ ކުރައްވާފައެވެ.
އަގުބޮޑު ކެޕްމޭނަކާ އެކު ރިޔާސަތަށް! އޮތީ ކޮން ފައިދާއެއް؟
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ކުރިޔަށް އޮތް 76 ވަނަ ދައުރުގެ ރިޔާސަތަށް ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު އިންތިޚާބުކުރުމަށް ކުރަންޖެހޭ ކެމްޕޭނަށް ޚަރަދު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ 4.35 މިލިއަން ރުފިޔާ ހިމަނުއްވާފައެވެ.
އަދި، ރިޔާސަތު ކާމިޔާބު ކުރުމަށް، ރާއްޖޭއިން ބޭރުގައި ހުރި، ރާއްޖޭގެ މިޝަންތަކުން ޚާއްސަ ސަމާލުކަމެއް ދީގެން އަހަރެއްހާ ދުވަހުގެ ބޮޑު ކެމްޕޭނެ ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ހަމައެއާއެކު، މިމަގާމަށް ކެމްޕޭން ކުރުމަށްޓަކާ، ކެމްޕޭނުގެ އެންމެފަހު ދުވަސްކޮޅު، ދެމަހެއްހާ ދުވަސްވަންދެން، ޚުދު ޝާހިދު އަމިއްލަފުޅަށް ނިއުުޔޯކަށް ވަޑައިގެން، ނިއުޔޯކުގައި ހުންނަވާފައިވެއެވެ.
މި ގޮތުން، ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޔާސަތު ރާއްޖެއިން ކާމިޔާބު ކުރުމަށް ސަރުކާރުން ކުރި ހޭދަތަކަށާއި އަދި ޝާހިދު ކުރެއްވި ކެމްޕޭނަށް އިދިކޮޅު ފަރާތްތަކުގެ ވަރަށް ބޮޑު ފާޑުކިއުމެއް އަމާޒުވެގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ. އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ބޮޑަށް އަމާޒުވެގެން ގޮސްފައިވަނީ، ކޯވިޑް ކާރިސާގެ ތެރޭގައި ގައުމު އޮށްވާ، މިފަދަ ކެމްޕޭނަކަށް ކުރަންޖެހުނު ހޭދައާއި އަދި ފޮރިންގ މިނިސްޓަރ ރާއްޖެއިން ބޭރަށް ކުރެއްވި ގިނަ ދަތުރުތަކުން ރާއްޖެއަށް، މި ހޭދަތަކާ އެއްވަރުގެ ބަދަލެއް ނުވަތަ އިގްތިސާދީ ފައިދާއެއް ނުލިބޭނެކަމަށް ބުނެއެވެ.
އެހެންނަމަވެސް، ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ، ކޯވިޑް19ގެ ކާރިސާގައި ދިވެހިރާއްޖޭގެ އިގުތިސާދު އިނދަޖެހި، ބަޖެޓަށް ބާރުބޮޑުވެ، ބޭރުގެ ދައުލަތްތަކާ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދަން މަޖުބޫރުވެ، އަދި ސިއްޙީ ދާއިރާއަށް ބޭނުންވާ ސާމާނާ، އަދި ވަސީލަތްތައް ހޯދުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ވެފައިވަނީ، ފޮރިން މިނިސްޓްރީން ކަމެވެ.
ހަމަ އެއާކު، ބަޖެޓް ސަޕޯޓަށް ބޭނުންވާ ކޮންސެޝަނަލް ލޯނުތަކާއި، ހިލޭ އެހީގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ސަރުކާރަށް ލިބިގެން ދިޔައިރު، މިއެހީތައް ކަށަވަރު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކޮށްފައިވަނީވެސް ފޮރިންގ މިނިސްޓްރީންނެވެ. އަދި މިއެހީތައް ކަށަވަރު ކުރުމުގައި، ފޮރިންގ މިނިސްޓަރ ޝާހިދު ގައުމުން ބޭރަށް ކުރެއްވި ގިނަ ދަތުރުފުޅުތަކުގައި، ގައުމުތަކުގެ ވެރިންނާއި، އަދި މާލީ އިދާރާތަަކުގެ އިސްވެރިންނާ އަދި މިނޫނަސް މިފަދަ މުހިން ފަރާތްތަކާއެކީ ބޭއްވެވި ބައްދަލުވުންތަކާ މަޝްވަރާތައް މުހިންމު ދައުރެއް އަދާ ކޮށްފައިވާ ވާނެކަމީވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
ދެން އޮތީ، ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ޝާހިދު އިންތިޚާބު ކުރުމަށް ދައުލަތުން ކުރި ހޭދަތަކާއި، ކުރެވުނު މަސައްކަތެކެވެ.
މިގޮތުން ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، އެއްވެސް ޝައްކެއް ނެތްގޮތުގައި، ރާއްޖެފަދަ ކުޑަ ގައުމަކުން، ބައިނަލްއަގުވާމީ ދުނިޔޭގައި މިފަދަ މުހިންމު މަގާމެއް އަދާކުރުމަކީ ރާއްޖެއަަށް ލިބިގެންދާނެ ފަޚުރަކާއި ޝަރަފެއްކަމެވެ. އެހެންނަމަވެސް، ފާޑުވިދާޅުވާ ފަރާތްތަކުގެ ޝަކުވާތަކުގައިވެސް ހަގީގަތެއް އޮތް ކަމުގައި ގަބޫކުކުރަންވެސް ޖެހެއެވެ. ސަބަބަކީ، މިގޮތުން، މިފަދަ ދަނޑިވަޅެއްގައި ގައުމަށް މިގޮތުން ލިބިގެންދާނެ ޝަރަފަކާއި އިއްޒަތަކަށްވުރެ، ލިބެންޖެހޭ މާލީ މަންފާއާއި އަދި ލިބެންޖެހޭ އެހީތެރިކަމަށް ސަމާލުކަން ދިނުން މުހިންމު ވެގެން ދާނެތީއެވެ.
މިގޮތުން ބަލާއިރު، ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ، ޖެނެރަލް އެސެމްބްލީގެ ރިޔާސަތުގައި ރާއްޖޭގެ ފޮރިންގ މިނިސްޓަރ އިންނަވާއިރު، ރާއްޖެއަކީ ކުޑަ ގައުމަކަށްވިނަމަވެސް، ދުނިޔޭގެ ގައުމުތަކުން ރިޔާސަތާއި ގުޅިގެން ކުރިއަރުވަން ބޭނުންވާނެ، އެގައުމުތަކުގެ އަމިއްލަ އެތަކެއް މަސްލަހަތު ތައް ހުންނާނޭކަމެވެ. ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ވަކިވަކި ގައުމުތަކުގެ ލީޑަރޝިޕްތާކާ ބައްދަލުވެ، ރާއްޖެއިން ބޭނުންވާ ތަފާތު ބޭނުންތައް އެގައުމުތަކަށް ހުށަހަޅާ، އަދި ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި، އެކި ކަންކަމުގައި ބޭނުންވާ ތާއީދާއި އެއްބާރުލް ހޯދުމުގައި، މިފުރުސަތު ވެގެންދާނީ، ހުޅުވޭ މުހިންމު ދޮރަކަށް ކަމުގައި ނޫނީ ވެގެން ނުދާނޭކަމީ ކަށަވަރަރުވެ ޔަގީންވާ ކަމެކެވެ.
ހަމަ އެފަދައިން، ފޮރިންގ މިނިސްޓަރ ޝާހިދު، އާންމު މަޖިލީހުގެ ރިޔާސަތުގައި ހޭދަކުރައްވާ މުއްދަތުގައި، ރާއްޖެއަށް، ތިމާވެށީގެ ފޯރަމްތަކުގައި، މިހާރަށްވުރެސް ބޮޑަށް ތަމްސީލުކުރުމުގެ ފުރުސަތު ލިބެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. ސަބަބަކީ، ދުނިޔޭގެ ކްލައިމެޓް ޗޭންޖެ ފޯރަމްތަކާއި، އަދި މިނޫނަސް ތިމާވެއްޓާބެހޭ ގިނަ މަސައްކަތްތަކެއް ޖެނެރަލް އެސެމްބްލީގެ ރިޔާސަތުގެ ބޮޑު ދައުރެއް އޮވެގެން ހިގަމުންދާނެ ތީއެވެ. މިގޮތުން ތިމާވެށި ހިމާޔަތްކުރުމާއި، ރައްޖެއަށް މުހިންމު ވަސީލަތްތައް ކަމަށްވާ އިއާދަކުރަނިވި ހަކަތައާއި، ކުނި މެނޭޖްކުރުމާއި، ކަނޑުތަކުގެ ދިރުމާއި، އަދި މިގެންގޮސް ތިމާވެއްޓާއި ބެހޭ އެތައް ދާއިރާއެއްގައި ރާއްޖެއަށް ފުރުސަތުތައް އިތުރަށް ހުޅުވިގެންދާނެ ކަމީވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
މީގެ އިތުރުން، ޖެނެރަލް އެސެމްބްލީގެ ރިޔާސަތަށް އިންތިޚާބު ވުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައިވެސް ޝާހިދު ވިދާޅުވެފައިވަނީ، އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ ކޯވިޑުން އަރައިގަތުމަށް ކަމަށްވާތީ، ކޯވިޑް19އާއި ދެކޮޅަށް ކުރެވެމުންދާ ހަގުރާމާގައި، ރާއްޖެއަށް ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެ ބޮޑަށް ބައިނަލް އަގުވާމީ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ގަބޫލު ކުރެވެއެވެ.
މިގޮތުން އދގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތުގައި ޝާހިދު ހޭދަކުރައްވާ 1 އަހަރުދުވަހުގެ މުއްދަތުގައި، ދައުލަތުން މިމަގާމު ކާމިޔާބު ކުރުމަށް ކުރި ހޭދައާއި މަސައްކަތަކީ، ރަގަޅު އިންވެސްޓަކަށް ވެގެންދާނެ ކަމުގެ އުއްމީދުގައި ދިވެހި ސަރުކާރުންވެސް އަދި، އެނޫން ގިނަބަޔަކުވެސް މިތިބީ ޝައުގުވެރިކަމާއެކު ބަލާށެވެ.