ކޯވިޑް-19ގެ ކޭސްތަކެއްފެނި މިއަދު އެކަނިވެސް 9 ރަށެއް މޮނިޓަރިންއަށް ލައިފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު މޮނިޓަރިންގައި 25 ރަށެއް އެބައޮތެވެ. މިގޮތުން ފާއިތުވި ތިން ދުވަހު ގިނަ ރަށްތަކެއް މޮނިޓަރިންއަށް ލާފައިވެއެވެ. މިއަދު މޮނިޓަރިންއަށް ލާފައިވާ 9 ރަށުގެ ތެރޭގައި، އދ.މަހިބަދޫ، ށ.ކަނޑިތީމު، ވ.ތިނަދޫ، ހދ.ނޮޅިވަރަމް، މ.ވޭވަށް، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ ފޭދޫ އަދި ފޭދޫ ހިމެނެއެވެ.
އިއްޔެ މޮނިޓަރިންއަށް ލާފައިވަނީ ށ.މިލަންދޫއާއި، ތ.ވޭމަންޑޫ އަދި ލ.މުންޑޫއެވެ.
ގިނަ ރަށްތަކެއް މޮނިޓަރިންއަސް ލާފައިމިވަނީ މަމަހުގެ ކުރީކޮޅު އެޢަދަދު 9އަކަށް ދަސްވުމަށްފަހުއެވެ. ކޯވިޑްގެ ޙާލަތު ގޯސްވެ މެއި މަހުގެ ތެރޭގައި އެ ޢަދަދު 70އިން މައްޗަށްވެސް އެރިއެވެ. އަދި ކޯވިޑްގެ ޙާލަތު ގިނަ ރަށްތަކެއްގައި ގޯސްވުމާއެކު ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައި އެރަށްތަކުގައި ކާފިއުވެސް ހިންގިއެވެ.
މޮނިޓަރިންގެ ޙާލަތަށް ރަށެއް ގެންނަނީ، އެރަށަކުން ކޯވިޑްގެ ކޭސް ފެނި، ކޮންޓްރެކްޓް ޓްރޭސިން ހެދުމަށެވެ. އަދި މުޖުތަމަޢުގެ ތެރޭގައި ބަލި އުޅޭކަމަށް ފެނިއްޖެނަމަ އެރަށެއްގެ މޮނިޓަރިންގެ ޙާލަތު އުވާލަނީ، އެޗްޕީއޭއިން ކަނޑައަޅާ ވަކި ޢަދަދަކަށް ރެންޑަމް ސާމްޕަލް ނަގައި، ހުރިހާ ސާމްޕަލެއް ނެގެޓިވް ވުމުންނެވެ.
ރާއްޖޭގައި މިހާރު ކޯވިޑްގެ ޙާލަތު ރަނގަޅުވެފައިވާއިރު، އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް އެޅި ގިނަ ފަޔަވަޅުތަކަށް ލުއި ދީފައެވެ. އަދި ބަލިން ރައްކާތެރިވުމަށް ކޯވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްވެސް ވަނީ ފުޅާކޮށްފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިމަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށެވެ. ސަރުކާރުން ވަނީ ޢުމުރުން 12 އަހަރުން މަތީގެ އެންމެނަށް ބޭނުންވާވަރަށް ވެކްސިން ރާއްޖެ ގެނެސްފައެވެ.