އަންނަ ސެޕްޓެމްބަރމަހުގެ 1 ވަނަ ދުވަހުން ފެށިގެން، ސައުދީ އަރަބިއާގެ ގައުމީ އެއަރލައިން ކަމުގައިވާ ސައުދީ އެއަރލައިންސްއިން އެތެރޭގެ އުހުންތަކުގައި ދަތުރު ނުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.
ސައުދީ ސަރުކާރުން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވަނީ، ސައުދީ އަރަބިއާގެ އެތެރޭގެ އުދުހުންތަކުގައި ދެން ދަތުރު ކުރެވޭނީ، ކޯވިޑް19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައެވެ.
އެއަރލައިންއިން ނެެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 12 އަހަރުން ދަށުގެ ކުޑަ ކުދިންނާއި، އަދި ސިއްޙީ ސަބަބުތަކަށްޓަކާ ވެކްސިން ޖަހަން ނުޖެހޭ ފަރާތްތައް މި އުސޫލުން އިސްތިސްނާ ވާނެ ކަމުގައެވެ.
ފާއިތުވެދިޔަ ހަފްތާގެ އަންގާރަ ދުވަހު ސައުދީ ސަރުކާރުންވަނީ، އެގައުމަށް މީހުން އައުން މަނާކޮށްފައިވާ 20 ގައުމަކުން އެގައުމަށް ދަތުރުކުރުން ހުއްދަ ދޭން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. ސައުދީން މި 20 ގައުމުން މީހުން އެގައުމަށް އެތެރެވުން މަނާކޮށްފައިވަނީ، މިއަހަރުގެ ފެބްރުއަރީމަހުން ފެށިގެން، ކޯވިޑް19ގެ ނުރައްކާތެރިކަން އެގައުމުގައި އިންތިހާއަށް ބޮޑުވާން ފެށުމާ ގުޅިގެންނެވެ.
ސައުދީ އަރަބިއާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ފަރާތުން އަންގާރަ ދުވަހު ބުނެފައިވަނީ، ސައުދީން ފުރުމުގެކުރިން 2 ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެބުރި އެގައުމަށް އައުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.
ސައުދީ އަރަބިއާއަށް މީހުން އެތެރެވުމުގެ ހުއްދަ ދީފައިވާ ގައުމުތަކަކީ، ޔުނައިޓެޑް އަރަބި އެމިރޭޓްސް، ލުބުނާން، މިސްރު، އިންޑިއާ، އާޖެންޓީނާ، ޖަރުމަނުވިލާތް، އެމެރިކާ، އިންޑޮނޭޝީއާ، އަޔަރލޭންޑް، އިޓަލީ، ޕާކިސްތާން، ބްރެޒިލް، ޕޯޗުގަލް، އިނގިރޭސިވިލާތް، ތުރުކީ، ސައުތު އެފްރިކާ، ސުވިޑްން، ސުވިޒަލޭންޑް، ފްރާންސް އަދި ޖަޕާނެވެ.
ކޮމެންޓު ފޮނުވާ