އަތޮޅު ނާއިބު ރައީސުންނަށް އިތުރު 1000 ރުފިޔާ ދޭން ފާސްކޮށްފި

އަތޮޅު ނާއިބު ރައީސުންނަށް އިތުރު 1000 ރުފިޔާ ދޭން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2021 12:17
0

އަތޮޅު ކައުންސިލްތަކުގެ ނާއިބް ރައީސުންނަށް މިހާރު ދެމުންދާ މުސާރައިގެ އިތުރުން، އިތުރު 1000 ރުފިޔާގެ އެލަވެންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އަތޮޅު ކައުންސިލްގެ އެހެން މެންބަރުންނާއި ކައުންސިލްގެ ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ގެންނަން މާލިއްޔަތު ކޮމިޓީގައި މަޝްވަރާކޮށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތަޢީދު ކުރައްވައި އެލަވަންސްގެ ގޮތުގައި 1000 ރުފިޔާދޭން ފާސްކުރީ ކޮމިޓީގެ އަޤްލަބިއްޔަތުންނެވެ.

އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިމިވަނީ އަތޮޅު ކައުންސިލްގެ ރައީސް ނެތް ޙާލަތުގައި ރައީސްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރަންޖެހެނީ ނައިބު ރައީސްކަމުން، އެހެން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ހުންނަންޖެހޭނެކަމަށް ބަޔާންކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން މާލިއްޔަތު އެކޮމިޓީއަށް ސިޓީ ފޮނުވުމާ ގުޅިގެން އެކަމަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރައަކީ އިންޔާތްތަކާއެކު 28،000 ރުފިޔާއެވެ. އަދި އަތޮޅު ކައުންސިލްގައި ތިއްބަވާ އެހެން ރަށްތައް ތަމްސީލުކުރާ އެރަށްރަށުގެ ކައުންސިލް ރައީސުންނަށް މުސާރައާ އިނާޔަތްތަކާއިއެކު ދޭން ފާސްކުރީ 20،000 ރުފިޔާއެވެ.

އެހެންކަމުން އައު ކައުންސިލަރުން އިންތިޚާބުވެ މަޤާމާ ހަވާލުވިފަހުން އަތޮޅު ކައުންސިލްގެ ނާއިބުރައީސަށްވެސް ދެމުންދިޔައީ 20000 ރުފިޔާއެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން މިގެންނެވި ބަދަލު މަޖިލީހުން ފާސްވެއްޖެނަމަ އަތޮޅު ކައުންސިލްގެ ނާއިބު ރައީސަށް މުސާރައިގެ އިތުރުން ބޮޑުކުރި 1000 ރުފިޔާގެ އެލަވަންސާއިއެކު، ޖުމަލް 21،000 ރުފިޔާ ލިބިގެންދާނެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެސްފައިވާ އިޞްލާހުތަކާއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިގެންގޮސްފައެވެ. އެގޮތުން ރަށުގެ އިޙްތިޞާސްގެ ތެރެއިން ވާކަންކަމުން އާމްދަނީ ހޯދުމާއި، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ފައިސާ ދިނުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ސީދާ ލިބޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ޤާނޫނު އަސާސީއަށް ގެނައި އިޞްލާހާއެކު އައު ކައުންސިލްތަކުގެ ދައުރު ވަނީ ތިން އަހަރުން 5 އަހަރަށް އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.