ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނެއްގެ އޯޑިއޯ ރެކޯޑިންގ އާންމުކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނެއްގެ އޯޑިއޯ ރެކޯޑިންގ އާންމުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 އޮގަސްޓް 2021 10:23
0

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ޤާނޫނާއި ޤަވާޢިދުގެ އޯޑިއޯ ރެކޯޑިންގ ބަންޑާރަ ނާއިބުގެ އޮފީހުގެ އާންމުކޮށްފިއެވެ.

މިކަން ހާމަކުރައްވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ކުރެއްވި ޓުވީޓެއްގައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނާއި ޤަވާއިދުގެ އޯޑިއޯ ރެކޯޑިންގ ބަންޑާރަ ނާއިބުގެ އޮފީހުގެ ވެބްސައިޓާއި ހުރިހާ ޤާނޫނުތައް ފެންނަން އާންމުކޮށްފައިވާ "އެމްވީ ލޯ" ވެބްސައިޓުން މިހާރު ލިބެންހުންނާނެކަމަށެވެ.

އެ ޤާނޫނުތަކުގެ އޯޑިއޯ ލިންކްތައް ޓުވިޓަރގައި ހިއްސާކުރެއްވުމައްފަހު ބަންޑާރަ ނާއިބުވަނީ އެމަސައްކަތްކުރުމުގައި ޔޫއެންޑީޕީ މޯލްޑިވްސްއާއި އޮސްޓްރޭލިޔަން ހައިކޮމިޝަނުން ފޯރުކޮށްދިން އެހީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަކީ، އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެވެސް ކަރާމާތަށް އިޙްތިރާމްކުރުމާއި، އަމިއްލައަށް ކަންތައްތައް ނިންމުމުގެ އިޚްތިޔާރު ލިބިދިނުމާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިދިނުމުގެ އިތުރުން ނުކުޅެދުންތެރިކަމަށް ބިނާކޮށް ތަފާތުނުކުރުުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ފުރިހަމަ އަދި ފައިދާހުރި ގޮތެއްގައި މުޖްތަމަޢުގައި ބައިވެރިކުރުމާއެކު، ހަމަހަމަކަމާއެކު ފުރުޞަތުތައް ލިބިދިނުމުގެ މަޤުސަދުގައި އެކަންކަން ތަފްސީލްކޮށްދިނުމަށް އެކުލަވާލާފައިވާ ޤާނޫނެކެވެ.

މިފަދަ ޤާނޫނެެއްގެ އޯޑިއޯ ރެކޯޑިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް އެޤާނޫނުތަކުގައި ހިމެނޭ ހައްޤުތަކާއި ރައްކާތެރިކަމުގެ މައުލޫމާތު އަޑު އަހާލެވި، އެފަރާތްތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ. އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ 36،000އަށްވުރެ ގިނަ މީހުން ރާއްޖޭގެ އާބާދީގައި ހިމެނޭ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާއިރު، އޭގެ ތެރެއިން ދެވަނަ އަށް އެންމެ ގިނައީ ފެނުމުން މަހުރޫމްވެފައިވާ މީހުންނެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ %24އެވެ.

މިއީ ރާއްޖޭގައި މިފަދަ ޤާނޫނަކާއި ޤަވާޢިދެއްގެ އޯޑިއޯ ސަރުކާރުގެ އިދާރާއެއްގެ ވެބްސައިޓަކުން އަޑުއަހާލެވޭގޮތަށް ހެދި ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.