ޗައިނާ އާއި ދެކޮޅަށް ފާޅުގައި ތެދުވެ އިންޑޯ ޕެސިފިކް ގައުމުތައް ޗައިނާގެ ކިބައިން މިނިވަންކުރުމުގެ ނަމުގައި މިސަރަހައްދަށް އަތްގަދަކުރަން އެމެރިކާއިން މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން، އެގައުމުގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ހިމެނޭހެން އޭޝިއާގެ 4 ގައުމަކަށް މިހާރު ގެންދަނީ ދަތުރުކުރައްވަމުންނެވެ. ސަރަހައްދީ ބޮޑު ބާރު، އިންޑިއާއިން ބިޔަ ބޮޑު އެމެރިކާގެ ބަނޑުދަށަށް ވަދެ ސަލާމަތް ހޯދި ނަމަވެސް ސަރަހައްދުގެ އެހެން ގައުމުތައް ހަމަ އެމެރިކާ ޖަހާހާ ބެރަކަށް ނަށާނެތޯ ނޫންތޯ މި ދަތުރުފުޅުން އެނގިގެން ދާނެއެވެ.
އިންޑިއާއިން އެމެރިކާއާއެކު ދިފާއީ އަދި ޖާސޫސީ މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ޕޮމްޕެއޯގެ އިތުރުން ސެކެޓްރީ އޮފް ޑިފެންސް މާކް އެސްޕާ، އިންޑިއާއަށް ވަޑައިގެން އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިޔަމް ޖަޔަޝަންކަރާއި ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގްއާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި، ރާޖްނާތު ސިންގް ވިދާޅުވީ އިންޑިއާއިންވެސް ބޭނުންވަނީ އިންޑޯޕެސިފިކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. އަދި މި ބަޔާނުގައި ޕޮމްޕެއޯ ވިދާޅުވީ އެމެރިކާއިން އަބަދުވެސް އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް އިންޑިއާއެކު އޮންނާނެކަމަށެވެ.
އިންޑިއާއިން ގެންގުޅެމުންއައި ވަކިފަރާތަކަށް ބުރަނުވާ ސިޔާސަތު ދޫކޮށްލުމަށްފަހު އެމެރިކާ އާއި ގުޅިގެން ފާޅުގައި ޗައިނާއާއި ދެކޮޅަށް ނުކުމެފައި މިވަނީ، މިއަހަރު އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރުގައި ހިނގި ކުރިމަތިލުން ތަކަށް ފަހުއެވެ. ރަޝިއާއާއި އެކު މީގެކުރިން އޮތް އަސްކަރީ ގުޅުން އިންޑިއާއިން އެމެރިކާ ކޮޅަށް ދީލާލައި، ބަދަހި ކުރަމުން އައި ނަމަވެސް ފާޅުގައި އެމެރިކާއާއި މިހާ ގާތްގުޅުމެއް ބާއްވަން އިންޑިއާ ކުރިން ޖެހިލުން ވިއެވެ. މީގެ ކުރިން އެމެރިކާއަށް ބައިއަތުހިފައިގެން އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާއަށް ފާރަލަމުން ގެންދިޔައީ ޖަޕާނާއި އޮސްޓްރޭލިއާ އިންނެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ދެތިން ދުވަހަށް ވެފައި ވަނިކޮށް އެޤައުމުގެ އެންމެ ބާރުގަދަ އެއް ވަޒީރު އޭޝިއާއަށް ވަޑައިގަތުން ބައެއް ފަރާތްތަކުން ސިފަކުރަނީ ޓްރަމްޕްގެ ކެމްޕެއިން ސްޓަންޓެއްގެ ގޮތުގައެވެ. އެގޮތުން ޗައިނާއާއި ދެކޮޅުވެރިކަން ދެއްކުމުގެ ސިޔާސަތަކީ ޓްރަމްޕު މި އިންތިޚާބުގައި ބޭނުންކުރާ އެއް ޓޫލެވެ. ޗައިނާ އިން ސިފަކުރަނީ މިއީ އެގައުމާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ފިނިހަނގުރާމައެއްގެ ގޮތުގައެވެ.
އެމެރިކާއިން ޗައިނާދެކެ ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބަކީ ޗައިނާގެ ކުރިއަރާފައިވާ އިޤްތިޞާދެވެ. އެންމެފަހުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފުން ނެރުނު ރިޕޯޓުން ދައްކާގޮތުން އެމެރިކާގެ އިޤްތިޞާދުގެ ހަ ބައިކޮށްއެއްބައި އިންސައްތަ ޗައިނާގެ އިޤްތިސާދު ބޮޑެވެ. އެހެންކަމުން މިއީ އެމެރިކާއަށް ތަހައްމަލް ކުރެވޭވަރުގެ ކަމަކަށް ނުވެއެވެ. ސަރަހައްދަށް އަތްގަދަ ކުރަނީއޭ، ދަރަނީގެ ދަންތުރައިގާ ގައުމުތައް ޖައްސަނީއޭ ކިޔައިގެން އެމެރިކާއިން ބޭނުންވަނީ އެމީހުން، ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔެއަށް ހަންފަތުރަން ކުރާ މަސައްކަތް ދެމެހެއްޓުމަށެވެ.
ދެންއޮތީ ޕޮމްޕެއޯގެ މިދަތުރަށް ގައުމުތަކުން ދޭނެ ޖަވާބެވެ. އިންޑިއާއިން އެމެރިކާގެ ބަނޑުދަށަށް ވަނަސް މާކުޑަ ސްރީލަންކާއި އިން މިހާރު ވަނީ އެމެރިކާ ބުނާހާ ކޮންމެ ގޮތެއް ނަހަދާނެކަމަށް ބުނެފައެވެ. މީގެ އިތުރުން އިންޑޮނޭޝިއާ ވެސް ސީދާ އެމެރިކާގެ ކޮންމެ ކަމަކަށް އާނބަސް ބުނާނެކަމާއިމެދު ގިނަބަޔަކު ޝައްކު އުފައްދައެވެ. އެހެނީ ޗައިނާ އަކީ އިންޑޮނޭޝިއާގެ ވިޔަފާރީގެ ގޮތުން ގާތް ޤައުމަކަށް ވާތީއެވެ. އަދި ކޯވިޑް-19 އާދެކޮޅަށް އިންޑޮނޭޝިއާ ކުރާ ހަނގުރާމާގައި ވެސް އެންމެ ބޮޑު އެހީއެއްވާ ގައުމަކީ ޗައިނާއެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ދާދިފަހުން އެދުނު އެހީތެރިކަމަށްވެސް އިންޑޮނޭޝިއާއިން ވަނީ ނޫނެކޭބުނެފައެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރު ދައުރެއްގައި ވެރިކަމުގައި ހުންނާނެ ކަމާއިމެދުވެސް އިންޑޮނޭޝިއާއިން ސުވާލުއުފައްދައެވެ.
ދެން އޮތީ ރާއްޖެއިން ދޭނެ ޖަވާބެކެވެ. އިންޑިއާގެ އަމަލުތަށް މި ހުރިގޮތާއި، ރާއްޖޭގެ އަދުގެ ސަރުކާރުގެ ބަސްމަގާއި ޢަމަލުތައް ހުރި ގޮތުން ރާއްޖޭގެ ޖަވާބު ވަރަށްވެސް ސާފު ނޫންތޯއެވެ؟