ކ.ގާފަރުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތު އެދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ނާއިބް ރައީސް ފައިސަލް ނަސީމްއާއި ހިއްސާ ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ގާފަރުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މަޝްވަރާކުރައްވާފައެވެ.
އެގޮތުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދެންނެވިއެވެ. ހަމަ އެއާއެކު އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމުން ދިމާވާ ދަތިތަކާއި، ރަށު ސްކޫލަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން ދެ ދަންފަޅިއަށް ސްކޫލުގައި ކިޔަވައިދިނުން ކުރިއަށްގެންދަން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާއި ޙިއްޞާކުރެއްވެވިއެވެ. މީގެ އިތުރުން ރަށުގައި ފުލުހުންގެ ޚިދުމަތް ނެތުމުން ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުންވަނީ އެމަނިކުފާނާއި ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގައި ޓުއަރިޒަމް ތަރައްޤީކުރުމަށް ބޭނުންވާކަމަށް ފާހަގަކުރައްވައި އެކަމަށް މަގުފަހި ކުރުމަށް ސަރުކާރުން ކުރެވެންހުރިކަންކަން ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީކުރުމަށް ބޭނުންވާކަންވެސް ކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޙައްލުހޯއްދަވައި ދެއްވުމަށް އެކަންކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ކުރިއަށްގެންދެވޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުންވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ރައްޔިތުން ބޭނުންވެފައިވާ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު ސްކޫލް ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ކަންކަން ރާވައިހިންގުމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
One Response
ތިޔަ ހުރިހާކަމެއްގެ ވާހަކަ ދެއްކި އިރު ބުނެލި ނަމަ ރައްޔިތުން ވަރަށް ކަންބޮޑުވެޔޭ ދަޅުކޮށި ފުރިގެން ބަންޑުން ވާތީ… ގައިމު ވޯޓު ހޯދަން ރައްޔިތުން ކައިރިޔަށް އައިއިރު ބުނި ސަރުކާރައް ދަންނަވައިގެން ވެސް މަސައްކަތް ކުރާނަމޭ..??.. މިކަމާ ވިސްނާލައްޗޭ ވަރަށް އެހެންވީމަ…