ރާއްޖެ ސަރަހައްދުން ނުރައްކާތެރި ވިހަގަދަ ބޯވައެއް

ރާއްޖެ ސަރަހައްދުން ނުރައްކާތެރި ވިހަގަދަ ބޯވައެއް

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2021 08:25
0

ރާއްޖެއިން އާއްމުކޮށް ނުފެންނަ ނުރައްކާ ބާވަތެއްގެ ބޯވައެއް މި ދުވަސްވަރު ރާއްޖޭ ސަރަހައްދުން ފެންނަމުން ދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން މިއަދު ބުނީ މި ފަހަކަށް އައިސް "ބްލޫރިންގްޑް އޮކްޓްޕަސް" ރާއްޖޭގެ އެކި ސަރަހައްދުން ކޮންމެވެސް މިންވަރަކަށް ފެންނަމުންދާ ކަމަށެވެ. މި ވައްތަރުގެ ބޯވައަކީ ރާއްޖެއިން ފެންނަ ބޯވައިގެ ބާވަތްތަކަށް ބަލާއިރު ސައިޒުން ކުޑަ ބޯވައެކެވެ. އެސޮރުމެންނަށް ނުރައްކާ އިހުސާސްވުމުން ވަށް ބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫ ކުލައިގެ ވިދުމެއްހެން ލަތްތަކެއް ހަންގަނޑަށް އަރުވައެވެ.

މި ބާވަތުގެ ބޯވަ ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެ އެއްޗިހި އުފައްދާ ވިހަ މާއްދާއެއް ބޭނުންކޮށްގެންނެވެ. މިއީ ހިއްސުތަކާއި ގުޅޭ ނާރުތަކަށް ހަމަލާދޭ ވިހައެއްކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ބުނެއެވެ.

މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް ބުނީ މި ބާވަތުގެ ބޯވަ އުފައްދާ ނިއުރޯޓޮކްސިންއަކީ އިންސާނުންނަށްވެސް ވަރަށް ނުރައްކާތެރި ވިހައެއްކަމަށެވެ. މިބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ، އިންސާނުންގެ ގައިގައިވެސް ދަތް އަޅައި ވިހަދޫކުރުމުގެ ފުރުސަތު އޮވެއެވެ. މިގޮތަށް ބޯވަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އެޅިނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެއެވެ. ނަމަވެސް، ހަށިގަނޑުގެ ތެރެއަށް ނިއުރޯޓޮކްސިންގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ.

މި ބާވަތުގެ ބޯވައިގައި ހިފާ އޭގައި އަތް ނުލާ ހެދުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި އެން ދަލުގައި މި ބާވަތުގެ ބޯވައެއް ޖެހިފައި އޮތްނަމަ އެން ނަގަން އުޅުމުގައިވެސް މި ބޯވައިގައި ނުޖެހުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.