2001ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ވާލްޑް ޓްރޭޑް ސެންޓަރަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން، އެމެރިކާއިން ބޭނުންވީ، އޭރު އަފްއާނިސްތާނުގެ ވެރިކަމުގައި އޮތް، ތާލިބާން ސަރުކާރުން، އެހަމާލާގެ ތުހުމަތު ކުރެވޭ އެންމެ އިސް ފަރާތް ކަމުގައިވާ އުސާމާ ބިންލާދިން އެމެރިކާއާއި ހަވާލު ކުރާށެވެ.
އެހެންނަމަވެސް، އޭރު ތާލިބާނުންގެ ވެރިޔަކަށް ހުންނެވި މުއްލާ އުމަރު، ފާޅުގައި އެމެރިކާގެ މި އެދުމަށް ދެކޮޅު ހެއްދެވުމާއި ގުޅިގެން އެމެރިކާއިން އަފްއާނިސްތާނަށް އަރާ، އެގައުމުގައި އޮތް ތާލިބާނުންގެ ވެރިކަން ނިމުމަކަށް ގެނެސް، ހުޅަގުން ތާއީދުކުރާ ވެރިކަމެއް އެގައުމުގައި ގާއިމް ކުރިއެވެ.
އަދި އެއަށްފަހު، ޓެރަރިޒަމާއި ދެކޮޅަށް އެމެރިކާއިން ކުރަމުންއައި ހަގުރާމައިގެ އެންމެ މުހިންމު ބައިވެރިޔަކަށް ވެގެން ދިޔައީ އަފްއާނިސްތާނެވެ.
މިގޮތުން، ފާއިތުވެގެންދިޔަ 20 އަހަރު ދުވަހު، ވެރިކަމުން ދުރުކުރެވުނު ތާލިބާން ޖަމާއަތް ގެންދިަޔއީ، ހުޅަގުގެ ތާއީދާއެެކީ އަފްއާނިސްތާނުގައި ވެރިކަން ކުރަމުންދިޔަ ސަރުކާރާއި ދެކޮޅަށް ގެރިއްލާ ހަގުރާމައެއް ކުރަމުންނެވެ.
އަދި، ހަމައެއާއެކު، ތާލިބާނުންނާ ދެކޮޅަށް، ހަގުރާމަ ކުރާނެ ވަރުގަދަ އަސްކަރިއްޔާއެއް، އަފްއާނިސްތާނުގައި އޮތް ހުޅަގުގެ ގައުމުތަކުން ތާއީދުކުރާ ސަރުކާރަށް އެކުލަވާލަ ދިނުމުގެ ގޮތުން އެމެރިކާއިން އިސްވެއޮވެ، އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރާއި އަދި އެންމެ ފަހުގެ ތަމްރީނުދީ، ވަރުގަދަ އަސްކަރިއްޔާއެއް ވަނީ އެކުލަވާލާފައެވެ.
20 އަހަރުވަންދެން އެމެރިކާ އިސްވެ އޮވެ، ކުރި ބޮޑެތި ޚަރަދުތަކާއި، އަދި އެތަކެއް މަސައްކަތްތަކެއް ފުރިހަމަކޮށް، އަފްއާނިސްތާނު ދޫކޮށް ދިއުމަށް، އެމެރިކާގެ ފަހަކަށްއައި ހުރިހާ ރައީސުން ކަހަލަ ގޮތަކަށް ވީ ވައުދު އެންމެފަހުން ފުއްދާވާފައިވަނީ، މިހާރުގެ ރައީސް ޖޯ ބައިޑްންއެވެ.
މިގޮތުން އޭނާ ނިންމެވީ، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 11ވަނަ ދުވަހުގެ (2001 ވަނަ އަަހަރުގެ ޓެރައިސްޓް ހަމަލާއަށް 20 އަހަރު ފުރޭ މުނާސަބަތުގެ) ކުރިން އެމެރިކާގެ ހުރިހާ ސިފައިން އަފްއާނިސްތާނުން ބޭލުމަށެވެ. ނަތީޖާއެއްގެ ގޮތުން ކަޑައެޅި މުއްދަތުގެ މާކުރިން އެމެރިކާސިފައިން އެކީ ކަހަލަގޮތަކަށް އަފްއާނިސްތާނުން ފައިބައިގެން ދިއުމާއެކު، އަފްއާނިސްތާން ސަރުކާރާ ދެކޮޅަށް ފާއިތުވެދިޔަ 20 އަަހަރުވަންދެން ގެރިއްލާ ހަގުރާމައެއް ކުރަމުންއައި ތާލިބާނުން، އަސްކަރީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާ، އެންމެފަހުން މިވަނީ އެގައުމުގެ ވެރިރަށް ކާބުލް އެމީހުންގެ ބާރުގެދަށަށް ގެނެސްފައެވެ.
އަލުން ވެރިކަމަށް އަންނައިރު، ތާލިބާންގެ މިހާރުގެ ލީޑަރޝުޕުން ބުނަނީ ކީކޭ؟
ހުޅަގުގެ ގައުމުތަކުން ތާއީދުކުރަމުންއައި ވެރިކަން، އެންމެ 10 ދުވަހުގެ ތެރޭގައި ހޯދި ބޮޑެތި ކުރިއެރުންތަކާއެކު، ތާލިބާނުން މިވަނީ ބަދަލު ކޮށްފައެވެ.
އަދި އަފްއާނިސްތާނު އެމީހުންގެ ބާރުގެދަށަށް ގެނައުމަށްފަހު މިހާރު ތާލިބާނުން ދަނީ އެގައުމުގައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ތެރޭގައި ތާލިބާނުން ބުނެފައިވަނީ، އެމީހުން އަފްއާނިސްތާނުގައި ވެރިކަން ކުރަމުންދާނީ، މީގެ 20 އަހަރު ކުރީގެ ތާލިބާން ޖަމާއަތް އަފްއާނިސްތާނުގައި ވެރިކަން ކުރި ގޮތާ ތަފާތުކޮށް ކަމަށެވެ.
1996އިން 2001 ވަނަ އަހަރުގެ ނިޔަލަށް އޭރު އަފްއާނިސްތާނުގައި ތާލިބާނުން ވެރިކަން ކުރަމުން ގޮސްފައިވަނީ، ވަރަށް ހަރުކަށި އުސޫލުތަކެއް އެގައުމުގައި ތައާރަފް ކޮށްގެންނެވެ. މީގެ ތެރޭގައި އިސްލާމީ ޝަރީއަތުގެ މައްޗަށް ބައެއްކަންކަން އޭރުގެ ތާލިބާނުން ބައްޓަން ކޮށްފައި އޮތް ނަމަވެސް، އެތައް ބައެއްގެ ޚިޔާލުތަފާތުވުން އުފެދިގެން ދިޔަ އެތަކެއް އުސޫލުތަކެއްވެސް ތައާރަފްކޮށް ތާލިބާނުން ދިޔައީ އޭރު ތަންފީޒު ކުރަމުންނެވެ.
މީގެތެރޭއިންވެސް އެނެމް ބޮޑަށް ފާހަގަވެގެން ދިޔައީ، ފިރިހެނުންގެ ތުބުޅި ބެހެއްްޓުން މަޖުބޫރު ކުރުމާއި، އަންހެނުން މަހުރަމަކާ ނުލާ ގެއިން ބޭރުގައި އުޅުން މަނާކުރުމާއި، އަދި ފުރިހަމަ ޝަރުއީ ނިޒާމެއް އެކުލަވާލުމެއްނެތި، މީހުންނަށް އާންމުކޮށް މަރުގެ އަދަބު ދިނުމާއި، ހަމަ އެއުސޫލުން ވައްކަން ކުރާ މީހުންގެ އަތް ކަނޑަމުން ދިއުމާއި، އަދި އަންހެން ކުދިން ތައުލީމު ހާސިލްކުރުމުން މަހުރޫމް ކުރުންފަދަ އެތައް އުސޫލުތަކެއް ތައާރަފްކޮށް، އެގައުމުގައި އޭރު ތާލިބާނުން ގެންދިޔައީ ތަންފީޒު ކުރަމުންނެވެ.
އެހެންނަމަވެސް، މި ހުރިހާ އުސޫލުތަކަށްވުރެވެސް ބޮޑަށް އޭރު، ހުޅަނގުގެ ގައުމުތަކުން އަފްއާނިސްތާނަށް އަރާ އެގައުމުގައި އޮތް ތާލިބާނުންގެ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ، އެ ޖަމާއަތުން، އަލް ޤައިދާއަށް ހިމާޔަތްދީ، ހުޅަނގުގެ ގައުމުތަކަށް ހަމަލާދޭ މައިގަޑު ބޭސްއަކަށް އަފްއާނިސްތާނުގެ ބިން ހެދުމާއި ގުޅިގެންނެވެ.
މިހުރިހާ ތަޖުރިބާތަކާއެކު، މިފަހަރު އަފްއާނިސްތާން ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް އައިސް، އެގައުމުގައި އެހީމުންގެ ވެރިކަމެއް ގާއިމް ކުރުމަށް ފުރުސަތު ލިބިގެން ދިއުމާއެކު ތާލިބާންގެ ވެރިިން ވިދާޅުވެފައިވަނީ، އެޖަމާއަަތުން އޭރު ތަންފީޒުކުރަމުންއައި ހަަރުކަށި އުސޫލުތައް ދޫކޮށްލާ، އެގައުމުގައި ދެން ގާއިމްކުރާނީ އަފްއާނިސްތާންގެ އަންހެން ކަބަލުންވެސް ބައިވެރި ވެވޭ ސަރުކާރެއް ކަމުގައެވެ.
މިގޮތުން، ތާލިބާން ޖަމާއަތުންވަނީ، އަފްއާނިސްތާނުގެ އަންހެން ބޭފުޅުންވެސް އެމީހުން މިހާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ސަރުކާރާ ގުޅުމަށްވެސް ގޮވާލާފައެވެ. އަދި، އިސްލާމީ ގިއުގަޑުގެ ތެރޭގައި، އަންހެނުންނަށް ފުރިހަމަ މިނިވަންކަން ދޭނެކަމަށްވެސް ތާލިބާންގެ ލީޑަރޝިޕުން ވަނީ ބުނެފައެވެ. ނަތީޖާއެއްގެ ގޮތުން، ވެރިރަށް ކާބުލްގެ ސްކޫލުތައް ހުޅުވާ، އަންހެން ކުދިންނަށް ސްކޫލަތަކަށް ދިއުމުގެ ފުރުސަތު މިހާރުވެސް ދީފައިވާކަން ފާހަގަ ކޮށްލެވެއެވެ.
އަދި ހަމައެއާއެކު، ތާލިބާންގެ އިސްވެރިންވަނީ، ދެން އުފެދޭ އެޖަމާއަތުގެ ވެރިކަމެއްގައި، ބޭރުގެ ގައުމުތަކަށް ހަމަލާ ދިނުމަށް އެގައުމުގެ ބިމުން ޖާގަ ނުދޭނެކަމަށް ބުނެ، ދުނިޔެއިން ބާކީވެފައިވާ ގައުމަކަށް އަފްއާނިސްތާން ވެގެންދާން އެޖަމާއަތުން ބޭނުން ނުވާކަމަށްވެސް ބުނެފައެވެ.
ގިނަ ގައުމުތައް ހަނު!
ތާލިބާން ޖަމާއަތުން، މި ހަފްތާގެ އާދީއްތަ ދުވަހު، އަފްއާނިސްތާނުގެ ވެރިރަށް ކާބުލް ހިފާ، އެގައުމުގެ ވަރިކަން ކުރުމަށް މިހާރު ތައްޔާރު ވަމުންދާއިރު، އަފްއާނިސްތާނަށް މިއައި، ކުއްލި ބޮޑު ބަދަލާ ގުޅޭގޮތުން، ދުނިޔޭގެ ގިނަ ގައުމުތައް ތިބީ އަދިވެސް ހަނުކަން ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް، ތާލިބާން ޖަމާއަތުގެ އަތްމައްޗަށް އަފްއާނިސްތާން ސޮއްސާލައިގެން ދިޔަ ދިއުމުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭނަ ކަމަށް ގިނަ ގައުމުތަކުން ބުނަމުން އައިނަމަވެސް، މިއަދާ ހަމައަށްވެސް އަލަށް އުފެދޭ ތާލިބާން ސަރުކާރާ ދެކޮޅު ހަދާނެކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުން ސީދާ ގޮތެއްގައި ބުނެފައެއް ނުވެއެވެ.
އަދި ގިނަ ގައުމުތަކުން ހަނު ތިބިއިރު، އެމެރިކާ އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތް ފަދަ ގައުމުތަކުން ބުނެފައިވަނީ، އެގައުމުތަކުން ތާލިބާންގެ ސަރުކާރު ބަލައިގަތުމާމެދު ގޮތެއް ނިންމާނީ، އަދި ބައްވާނޭ ގުޅުން ބިނާވެގެންދާނީ ތާލިބާނުން، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރެއްގެ މައްޗަށް ކަމުގައެވެ.
ހަމަ އެއާއެކު ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ އަފްއާނިސްތާނުގައި، މަސައްކަތް ކުރަމުންދާ ދެ އެމްބަސީއަކަށް މިހާރުހުރީ ހަމައެކަނި ޗައިނާ އަދި ރަޝިއާގެ އެމްބަސީ ކަމެވެ. އަދި ތާލިބާން ހަގުރާމަވެރިން އެ ދެއެމްބަސީއަށް ފުރިހަމަޔަށް ރައްކާތެރިކަން ފޯރުކޮށް ދެމުންދާ ކަމުގައި ވެސް އެދެގައުމުން ބުނެފައި ވެއެވެ.
ރަޝިއާގެ ރައީސް ވަލްޑިމިރު ޕުޓިންގެ ފަރާތުން އަފްއާނިސްތާނަށް ކަޑައަޅާފައި ހުންވާ ޚާއްސަ މަންދޫބު ވިދާޅުވެފައިވާ ގޮތުގައި، ކާބުލްގައި ހުރި އެގައުމުގެ އެންބަސީ މެދުވެރިކޮށް، ރަޝިއާއިން ދަނީ، ތާލިބާނުންނަވާ ވާހަކަ ދައްކަމުން ކަމުގައެވެ.
ޗައިނާއިން ބުނެފައިވަނީ، އެގައުމުން ބޭނުންވަނީ ތާލިބާންއާއެކީ “އެކުވެރި ގާތް ގުޅުމެއް” ގާއިމް ކުރަން ކަމުގައެވެ. ޗައިނާގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވެފައިވަނީ، އެގައުމުން އުއްމީދު ކުރަނީ ތާލިބާނުން އަފްއާނިސްތާނުގެ ހުރިހާ ޕާޓީތަކާއި އަދި ހުރިހާ ދަރިކޮޅެއްގެ މީހުންވެސް އެއްގަލަކަށް އަރުވައިގެން އެއްބައިވަން ކުރުވުމަށް މަސައްކަތް ކުރާނެކަމަށް ކަމަށެވެ.
އެހެންނަކަމުން، ދުނިޔޭގެ ގިނަ ގައުމުތަކުން، އަފްއާނިސްތާނަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން މިހާތަނަށް ދަމަހައްޓަކުމުން ދަނީ "ފިނި" ސިޔާސަތެއްކަން ފާހަގަ ކޮށްލެވެއެވެ.
ސަބަބެއްކަމުގައި، ސިޔާސީ ބައެއް ތަޖުރިބާކާރުން، ފާހަގަ ކޮށްފައިވަނީ، ތާލިބާން ޖަމާއަތުގެ ސިޔާސަތު އެޖަމާއަތުން ބަދަލުކުރާނެ ކަމަށް ބުނަމުން ދިއުމާ، އަދި އެޖަމާއަތުން އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ސަރުކާރުގެ އޮނިގަޑު އަދި ސާފުވެފައި ނެތުމުން، ވެރިކަމަށް އަންނާނޭކަން ޔަގީންވެފައިވާ ސަރުކާރަކަށް ފާޑުކިއުމުގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ މަސްހަލަތެއް މިވަގު ނެތްކަމަށް އެގައުމުތަކުން ގަބޫލުކުރާ ކުރުމެވެ.
ނަޝީދު ތާލިބާން ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް، ދިވެހި ސަރުކާރު ހަނު!
އަފްއާނިސްތާނަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން އޮތީ ހަނުއެވެ. ރައީސުލްޖުމްހޫރިއްޔާވެސް، އަދި ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދުވެސް، އަފްއާނިސްތާނުގައި އަލަށް އެކުލަވާލަމުންދާ ތާލިބާން ސަރުކާރާ ގުޅޭގޮތުން އެއްވެސް ވާހަކަފުޅެއް އަދި މިހާތަނަށް މީޑިއާގައި ފާޅުކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހެނީ، ރާއްޖޭގެ ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ، އަފްއާނިސްތާނުގައި އަލަށް އުފެއްދުމަށް މަސައްކަތް ކުރެވެމުންދާ ތާލިބާން ސަރުކާރާ މެދު ތަފާތު ޝުޢޫރުތައް ބޭރުގެ މީޑިއާތަކުގައި ފާޅު ކުރައްވަމުން ކަމެވެ.
މީގެތެރޭގައި ނަޝީދު އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ، އަފްއާނިސްތާނުގައި އޮތް ވެރިކަން ވެއްޓިގެންދިޔައީ އެގައުމުގައި ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދިނުމުގެ ސަބަބުން ކަމުގައެވެ.
އަދި އެއަށްފަހު، މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރެރިސްޓް ހަަމަލާއަށްފަހު ރާއްޖޭގައި ރައްކާތެރި މާހައުލެއް ނެތުމުން، ރާއްޖެއަށް ވަޑައިނުގެން، އިނގިރޭސިވިލާތުގައި ހުންނަވައި އިންޑިޔާގެ ޓީވީޗެނަލްއެއް ކަމަށްވާ “ޓައިމްސް ނައު” އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވަނީ ތާލިބާނުންގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރާއި އެކަމުގެ ނުރައްކަލާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.
މިގޮތުން ނަޝީދު ވިދާޅުވީ އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައިސް އަތްގަދަ ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެކަމުގެ ބިރު މިހާރު ދެކުނު އޭޝިޔާގެ ގައުމުތަކަށް ފޯރާފައިވާ ކަމަށެވެ. އަދި މިސަރަހައްދުގައި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ވަރުގަދަކޮށް އެފިކުރު ފެތުރުމުގެ ފުރުސަތު ބޮޑުވާނެކަމަށް ވިދާޅުވެ، ތާލިބާނުން ދެކުނު އޭޝިއާގެ ގައުމުތަކަށް ހަމަލާ ދިނުމަށް ފަސްނުޖެހޭނެކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ތާލިބާނުން ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، އަދި ޕާކިސްތާނަށް ހަމަލާ ދޭން ބޭނުންވާނެ ކަމަށެވެ. މިހާރު މިކަންކަން ކުރުމަށް އެތައް ގުނައަކުން ފަސޭހަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު، ތާލިބާނުން އަފްއާނިސްތާނުގެ ވެރިކަމަށް އިސްވުމާ ގުޅޭގޮތުން، ރާއްޖޭގެ ކުރީގެ ފޮރިންގ މިނިސްޓަރ އަދި، ދީނީ މިނިވަންކަމާ ގުޅޭ އދ.ގެ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދުވެސް ވަނީ ޓުވީޓު ކުރައްވާފައެވެ. މިގޮތުން އަފްޢާނިސްތާނަށް ތާލިބާނުން ވެރިވެގަތުމުން ރާއްޖެއަށް ސަލާމަތީ، އިޖުތިމާއީ އަދި އިޤްތިޞާދީ ގޮތުން ބޮޑު އަސަރުތަކެއް ކޮށްފާނެކަމުގައި އޭނާވަނީ ވިދާޅުވެފައެވެ.
ތާލިބާނުން އެގައުމުގެ ވެރިރަށް ކާބުލް ހިފުމުގެ ކުރިން ޑރ.ޝަހީދު ކުރެއްވި މި ޓުވީޓުގައި ވިދާޅުވީ އަފްއާނިސްތާނުގައި ކުރެވެމުންދާ ހަނގުރާމާގައި ތާލިބާނުންނަށް ކުރިލިބިއްޖެނަމަ ރާއްޖެއަށް ސަލާމަތީ، އިޖުތިމާއީ އަދި އިޤްތިޞާދީ ގޮތުން ބޮޑު އަސަރުތަކެއް ކޮށްފާނެކަމަށެވެ. މިކަމަކީ ރާއްޖެއިން ޚާއްސަ ސަމާލުކަމެއްދީގެން ނަޒަރު ހިންގަން ޖެހޭ ކަމެއްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް!
20 އަހަރުފަހުން ތާލިބާނުން އަފްއާނިސްތާނުގެ ވެރިކަމަށް އަލުން އައިސް، އެ ޖަމާއަތުގެ އުސޫލުތައް ބަދަލު ކުރާނެކަމަށް ބުނަމުން އައިނަމަވެސް، ގިނަބަޔަކަށް އަދިވެސް ތާލިބާން ޖަމާއަތަށް އިތުބާރު ކުރުންވަނީ ދަތިކަމަކަށް ވެފައެވެ.
ސަބަބަކީ، އަދިވެސް އެޖަމާއަތުގެ ލީޑަރޝިޕްގެ އެންމެ އުހުގައި ތިބި ބައެއް ފަރާތްތަކަކީ، އެ ޖަމާއަތުގެ ބާނީންކަމުގައި ވުމެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ، ތާލިބާން ޖަމާއަތުގެ ހަގުރާމަވެރި ގޮފީގެ އެންމެ އިސް އެއް ލީޑަރަކީ، ތާލިބާންގެ ބާނީ މުއްލާ އުމަރުގެ ދަރިފުޅުކަމެވެ.
ނަތީޖާއެއްގެ ގޮތުން، ތާލިބާނުން ކާބުލް ހިފުމާއެކު، އެގައުމުން ދޫކޮށް ދިއުމަށް އަފްއާނިސްތާނުގެ އެތައްހާސް ރައްޔިތުންދަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.
އެހެންކަމުން، ކުރިޔަށް އޮތްތަނުގައި ރެފިއުޖީންގެ ގޮތުގައި އަފްއާނިސްތާނުގެ އެތައް ބަޔަކު އަވައްޓެރި ގައުމުތަކަށް ހިޖުރަ ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި ގޮންޖެހުންމުން ދިވެހިރާއްޖެވެސް އިސްތިސްނާ ވެދާނެކަމަށް ނުބެލެވެއެވެ.
ހަމައެއާއެކު ފާހަގަ ކޮށްލަންޖެހޭ އަނެއް ނުކުތާއަކީ، އަފްއާނިސްތާނަކީ އިސްލާމީ ގައުމަކަށް ވިނަމަވެސް، ސަލާމަތީ ކަންކަން ދޯދިޔާ ވުމާއި، އަދި އަހުލީހަގުރާމާގައި ގައުމު ވީރާނާވެ، ގާނޫނުތައް ތަންފީޒު ނުކުރެވި ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ތަފާތު އެކި ގައުމުތަކަށް، މަސްތުވާ ތަކެތީގެ ބާވަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އެއްގައުމަކީ އަދިވެސް އަފްއާނިސްތާނު ކަމެވެ. އަދި ރާއްޖެއަކީ މިހާރުވެސް، ދުނިޔޭގެ މަސްތުވާތަކެތީގެ ނެޓްވާކްތަކުން ވަރަށްވެސް ބޮޑަށް ފޫއަޅުވާލާފައިވާ މަންޒިލަކަށް ވާތީ، ރާއްޖެއަށް ކުރިމަތިވެފައި އޮތް މި ނުރައްކާ، ނުވަތަ ގޮންޖެހުން، ތާލިބާނުންގެ ވެރިކަމުގެ އަމާޒު ބަދަލުވެގެންދާ ގޮތަކުން، އިތުރަށް ބޮޑުވެދާނެކަމަށް ކަމުގެ މާހިރުން ލަފާ ކުރައްވައެވެ.
އަދި މިއީ އިގްތިސާދީ ގޮތުންނާއި، އިޖުތިމާއީގޮތުންވެސް ރާއްޖެއަށް ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެއްކަމުގައި ބެލެވެއެވެ.
ދެން އޮތީ، ދީނީގޮތުން ހައްދުފަހަނަ އަޅާ ދިއުމާއި، ޓެރަރިޒަމްއެވެ.
ފާއިތުވެދިޔަ ތަނުގައިވެސް، އަފްއާނިސްން އަދި ޕާކިސްތާން ވެގެންދިޔައީ، ޓެރަރިޒަމްގެ އަމަލްތައް އެގައުމުތަކުގެ އެކި ހިސާބުތަކުން އުފަންވަމުންއައި ދެގައުމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ފަހަކަށް އައިސް، އެގައުމުތަކުގެ އެކަހެރި ސަރަހައްދު ތަކުގައި ހިނގަމުން އައި، ޓެރަރިޒަމްގެ އަމަލްތައް ހިންގާނެ މީހުން ތަމްރީނުކުރުމާއި، އަދި އެމީހުން ފުރިހަމަ މިނިވަންކަމާއެކު ހަރަކާތްތެރި ވަމުން އައިއައުމަށް މަޑުޖެހުމެއް އައިސްފައިވާކަން ގާހަގަ ކޮށްލެވެއެވެ. މައިގަޑު ސަބަބެއްކަމުގައި މިހާތަނަށް ބެލެވިފައިވަނީ، ފާއިތުވެދިޔަ ހަފްތާއާއި ހަމައަށް އަފްއާނިސްތާނުގައި ތިބި ހުޅަގުގެ އަސްކަރީ ބާރުތަކުން މެދުނުކެނޑި ދެމުންއައި އަސްކަރީ ހަމަލާތަކެވެ.
އެހެންނަމަވެސް، ބޭރުގެ ބާރުތަކުން އެގައުމުން ފައިބާ، މިހާރު މުޅި އަފްއާނިސްތާން ތާލިބާނުންގެ ބާރުގެ ދަށަށް އައިސްފައިވާއިރު، މިސަރަހައްދުތައް އަފާނިސްތާނަށް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިދާނެތޯ މިއީ އެތައްބަޔަކު ކުރަމުންދާ ސުވާލުތަކެކެވެ. އަދި ޚުދު ތާލިބާނުން ހަރުކަށި ފިކުރާ، އަދި ޓޭރަރިޒަމާ ހަގީގަތުގަވެސް ދުރަށް ހިގައިދާނެތޯ މިއީވެސް އެތައްބަޔަކު ޝައްކުގެ ނަޒަރަކުން އަދިވެސް ދެކެމުންދާ ކަންކަމެވެ.
އެހެންކަމުން، ކުރިޔަށް އޮތް މުސަތަގުބަލުގައި، ޕާކިސްތާން އަދި އަފްއާނިސްތާނަށް ދިވެހިން ދަތުރުފަތުރު ކޮށްއުޅުމާއި، އަދި އެގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް ޚާއްސަ ގޮތެއްގައި މޮނިޓަރ ކުރުންފަދަ ކަންކަމަށް ސަމާލުކަން ނުދެވިއްޖަނަމަ، ހަމަ ރާއްޖެއަށްވެސް ނުރައްކާ އޮވެދާނެކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.
އެހެންކަމުން، އަފްއާނިސްތާނަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، ދިވެހި ސަރުކާރުން ހަނު އޮތެއްކަމަކު، މިކަންކަމާ ގުޅޭގޮތުން ސަރުކާރުން ދެލޯ މަރާލާއިގެން އޮވެދާނެކަމަށް ނުބެލެވެއެވެ. އެހެންނަމަވެސް، ސަރުކާރުން ލޯ ހުޅުވާލައިގެން އޮތީ ކޮން މިންވަރަކަށްތޯ، މިއީ ކުރިޔަށް އޮތްތަނުގައި ވަޒަން ކުރެވިގެންދާނޭ ކަމެއްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.