ރަސްމާލޭގެ ހިއްކުމުގެ 70 އިންސައްތަ ނިމިއްޖެ، ބާކީ މަސައްކަތް ދެތިން މަހުގެ ތެރޭގައި ނިންމާލެވޭނެ: ރައީސް

ރަސްމާލޭގެ ހިއްކުމުގެ 70 އިންސައްތަ ނިމިއްޖެ، ބާކީ މަސައްކަތް ދެތިން މަހުގެ ތެރޭގައި ނިންމާލެވޭނެ: ރައީސް

Author
އަހުމަދު
26 ސެޕްޓެމްބަރ 2026 09:34
0

ރަސްމާލޭގައި ހިންގަން ނިންމާފައިވާ އީގަލް ހިލްސް އިޤްތިޞާދީ މަޝްރޫޢުގެ ސަބަބުން، އެ ރަށުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ރޭވުންތަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޭޝަން ޗެޓް ޕްރޮގްރާމުގައި ރަސްމާލެ މަޝްރޫޢު ލަސްވާކަމަށް ދެކެވޭ ވާހަކަތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑެތި މަޝްރޫޢުތަކުގައި ދިމާވާ ފަދަ ގޮންޖެހުންތައް މި މަޝްރޫޢުގައިވެސް ދިމާވި ނަމަވެސް، އެ ކަންކަމަށް ޙައްލު ހޯދައި މިހާރު މަސައްކަތް ހަލުއިކޮށް ކުރިއަށްދާކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި 1100 ހެކްޓަރުގެ ބިމުގެ ގާތްގަނޑަކަށް 70 އިންސައްތަ ހިއްކައި ނިމިފައިވާއިރު، ބާކީ މަސައްކަތް ދެތިން މަހުގެ ތެރޭގައި ނިންމާލެވޭނެއެވެ. އާ ބިމެއް އުފެއްދުމަކީ ޤައުމަށް ލިބޭ ވަރަށް ބޮޑު އިޤްތިޞާދީ މުދަލެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނަށް ކަނޑައަޅާފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓް މަޝްރޫޢެއް ކެންސަލް ނުކުރާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ގޯތި ދިނުމަށާއި ފްލެޓް ޢިމާރާތްކުރުމަށް ފުދޭވަރަށް ބިން ރަސްމާލޭގައި ހުރިކަމަށެވެ. ފޯމުތައް ރިވިއުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބައެއް ކެޓަގަރީތަކަށް އެއްކޮށް ގޯތި ދެވިދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބޭރުގެ ކުންފުންޏަކަށް ރަސްމާލޭގައި އިންވެސްޓްކުރުމުގެ ފުރުޞަތު ދިނީ ރަށުގެ ތަރައްޤީ ހަލުއިކުރުމުގެ ބޭނުމުގައިކަމަށާއި، މިއީ ވަޒީފާއާއި ވިޔަފާރީގެ ފުރުޞަތުތައް އުފައްދައިދޭނެ މަޝްރޫޢެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލޭގެ މުޅި ތަރައްޤީއަކީ 10 އަހަރުގެ ޕްލޭނެކެވެ. ހިއްކުން ނިމުމާއެކު، އަންނަ އަހަރުގެ ކުރީކޮޅު ޔުޓިލިޓީ މަސައްކަތް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުންދެއެވެ. ތިމާވެއްޓާ ރައްޓެހި، ކާބަން ނިއުޓްރަލް ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލެއިން 65،000 ގެދޮރު ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.