ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރެއިން ރާއްޖެއަށް ވައްދަން ގެނައި، ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހިފަހައްޓައި، މިކަމާ ގުޅިގެން ދެ ބިދޭސީއަކާއި އެއް ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނާ ގޮތުގައި، މި މަހުގެ 22 ގައި އިންޑިއާއިން ރާއްޖެ އައި ދެ އިންޑިއާ ރައްޔިތަކު، އެމީހުންގެ ލަގެޖުގައި މަސްތުވާތަކެތި ފޮރުވައިގެން ގެނެސްފައިވާ ކަމަށް ކަސްޓަމްސްއިން ދިން މަޢުލޫމާތުގެ މަތިން އެ ދެމީހުން ހައްޔަރުކުރީއެވެ. ތިންވަނަ މީހާ ހައްޔަރުކުރީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން އަދި އިންޓެލިޖެންސް ބައިވެރިވެގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައެވެ.
ހައްޔަރުކުރެވުނީ 24 އަހަރުގެ ވިވެކް އަމްބަން، 32 އަހަރުގެ ޝަހްމިލް ޕަލި ޕަރަމްބަތް (ދެމީހުންވެސް އިންޑިއާ) އަދި ޏ. ފުވައްމުލަކު ހޯދަޑު ކުމެރީގޭ 36 އަހަރުގެ ޢަބްދުﷲ އިބްރާހީމްއެވެ.
ބަންދާ ބެހޭ ގޮތުން ކޯޓުން ނިންމީ ޢަބްދުﷲ 15 ދުވަހަށް ބަންދުކުރުމަށާއި، އިންޑިއާގެ ދެ މީހުން މައްސަލަ ޝަރީޢަތުގައި ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. މި މައްސަލަ ފުލުހުން ތަޙްޤީޤުކުރަމުން ދަނީއެވެ.
ކޮމެންޓު ފޮނުވާ