ސިނަމާލެ ބްރިޖުން ކަނޑަށް ފުންމާލި ބަންގްލަދޭޝްގެ 31 އަހަރުގެ ފިރިހެނަކު، ފަރުވާ ދެމުންދާ ހޮސްޕިޓަލުގައި އޮއްވާ ފުލުހުން ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން އޭނާ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މި މީހާ ބްރިޖުން ފުންމާލީ ބުދަ ދުވަހުގެ ދަންވަރު އެވެ. ރިޕޯޓު ލިބުމާއެކު ހޯދުމަށް ނުކުތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާ ފެނުނީ ބްރިޖުގެ ތަނބަކަށް ހިފައިގެން އޮއްވާ އެވެ. ސަލާމަތްކުރުމަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.
އަމިއްލަ ނަފުސަށް ގެއްލުން ދީ ފުރާނަ ނެގުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މި މީހާގެ ބަންދު މުއްދަތު ކަނޑައަޅާފައިވަނީ ހޮސްޕިޓަލުގައި އޮއްވާ އެވެ. ހާލަތު ރަނގަޅުވުމުން 24 ގަޑިއިރު ތެރޭގައި އޭނާ ކޯޓަށް ހާޒިރުކުރަން ވެސް ކޯޓުން އަންގާފައިވެ އެވެ.
ކޮމެންޓު ފޮނުވާ