ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި ރިޒާވް އިތުރަށް ވަރުގަދަވާނެ: ރައީސް

ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި ރިޒާވް އިތުރަށް ވަރުގަދަވާނެ: ރައީސް

Author
އަހުމަދު
26 ސެޕްޓެމްބަރ 2026 09:33
0

ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ބޭރު ފައިސާގެ ރަސްމީ ރިޒާވް އިތުރަށް ވަރުގަދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ރިޒާވް އެންމެ މަތީ މިންވަރަށް މި ސަރުކާރުން އުފުލާލެވުނު ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި އަހަރުގެ ފެބްރުއަރީ ނިމުނުއިރު 1.2 ބިލިއަން ޑޮލަރަށް އަރާފައިވާ ރިޒާވް، މާޗު ނިމުނުއިރު ރެކޯޑު މިންވަރެއް ކަމަށްވާ 1.3 ބިލިއަން ޑޮލަރަށް އިތުރުވިއެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި އަސާސީ މުދަލުގެ އަގު އުފުލުމާއި، ސުކޫކަށް ގާތްގަނޑަކަށް 520 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަން ޖެހުމުން ރިޒާވް ދަށްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި، ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް އަސަރުނުކޮށް ގަޑިން ގަޑިއަށް ދަރަނި ދައްކައިގެން ގައުމު ބަނގުރޫޓުވުމުގެ ނުރައްކަލުން ސަލާމަތް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިކަމާ ހަވާލުވިއިރު 2 މިލިއަނެއްހާ ޑޮލަރު ހުރި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)، މިހާރު 300 މިލިއަން ޑޮލަރަށްވުރެ މައްޗަށް އިތުރުކުރެވިފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ދަރަނީގެ ބުރަ ލުއިކޮށް، އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓައި، ދިރިއުޅުމުގެ ޚަރަދު ކުޑަކުރުން ކަމަށާއި، ރިޒާވާއި އެސްޑީއެފް އިތުރަށް ވަރުގަދަވުމުން ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފައިދާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.