ރާއްޖެއިން އިތުރު 134 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 134 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 48 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 77 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 19 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 79،659 އަށް އަރާފައެވެ. މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 1،712 މީހުންނެވެ. މީގެތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 74މީހުނެވެ. މިއާއެކު މި ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 77،713އަށް އަރާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6،750 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 205 ދިވެހިންނާ 17 ބިދޭސީންނެވެ.