ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލި މައްސަލައިގެ ތަހުގީގުގެ ބަޔާންތައް ފެނުމުން ސިހުންލިބި ފޮޓޯވެސް ބަލަން ނުކެރުނުކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
13 އަހަރުގެ ފިރިހެން ކުއްޖާ މަރާލާފައި، ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ ޖޫންމަހުގެ 22 ވަނަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ. އަދި އެމައްސަލައިގައި ފުލުހުން ވަނީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނުއާއި 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައެވެ.
ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މިމައްސަލައިގެ ބަޔާންތައް ފެނުމުން، ހަނދާނަށް އައީ އިބްތިހާލްގެ މަރު މައްސަލައިގައި ކަންކަން ހިނގާފައިވާ ގޮތްކަމަށެވެ. މިމައްސަލާގެ ބަޔާންތައް ބެލުމުން އެއަށްވުރެވެސް އިހާނެތި ގޮތަކަށް އަމަލުކޮށްފައިވާކަން ފާހަގަކުރެވުނުކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި ރާއްޖޭގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫންކަމަށާއި، މިފަދަ ކަންކަމަށް ރާއްޖޭގައި ޖާގަ ދެވިގެން ނުވާނެކަމަށް ޕީޖީ ވިދާޅުވިއެވެ.
މިމައްސަލައިގެ ބަޔާންތައް ކިޔާލީމާ ހަމަ އެކަހަލަ އިހުސާސްތަކެއް ކުރެވުނު. ވަރަށް އެހެން ކަހަލަ ގޮތަކަސް ހިނގަފަ އޮތްކަމެއް. މިއީ އެއްގޮތަކަށްވެސް މިރާއްޖޭގައި، ހިނގައިވާނެ ކަންތައްތަކެއްނޫން. މިއީ ވަރަށް ދެރަ ކަންތައްތައް، ހަމަ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ވަރުގެ ކަންތައްތަކެއްނޫން މީގައި ހިނގާފައި ހުރީކީ.
– ޝަމީމް
ޕީޖީ ވިދާޅުވީ މިމައްސަލާގައި ޕްރޮސެކިއުޝަންގެ މަރުހަލާގައާއި، ތަހުގީގީ މަރުހަލާގައި ހަރަކާތްތެރިވި ބޭފުޅުންނަށް މިކަމުގައި ކުރާނެ އަސަރު ބަޔާންތަކަށް ބެލުމުން ސަފުވާކަމަށެވެ. އަދި ބަޔާންތައް ކިޔުމަށްފަހު މިމައްސަލާގައި ނަގާފައިވާ ފޮޓޯތައްވެސް ބަލަން ޖެހިލުންވިކަމަށް ޕީޖީ ވިދާޅުވިއެވެ.
އަޅުގަނޑަސް ގަބޫލު ކުރެވޭ އަޅުގަނޑަށް އިހުސާސް ކުރެވޭ މިމައްސަލައިގައި މަސައްކަތް ކުރެއްވި އިންވެސްޓިގޭޓަރުންނާއި، މިއޮފީހުގެ ބޭފުޅުންނަށް، މީގައި ކޮށްފައި ހުންނާނެ އަސަރު. ދެން މީގައި އަޅުގަނޑު މިކަމުގެ ފޮޓޯތަކެއް ނުބަލަން. ފޮޓޯތައް ނުބެލި ސަބަބަކީ މިބާޔާންތައް ކިޔާފަވެސް އެވީ އުދަނގޫ ތަކާއިހެދި އަޅުގަނޑު ހިތައްއެރި، އެފޮޓޯތައް ބަލައިފިނަމަ މިތާކު މިވާކަ ދައްކާކަށް އަޅުގަނދަށް ނީދެވޭނެއޭ.
– ޝަމީމް
ޕީޖީ ވިދާޅުވީ މިފަދަ މައްސަލަތައް ޚާއްސަކޮށް، ކުޑަކުދިންނަށް ކުރެވޭ އަނިޔާއާއި، މަރުގެ މައްސަލަތަކަކީ އެމަޤާމުގައި އޭނާ ހުރިހާ ދުވަހަކު ދައުވާ ނުކޮށް ދޫކޮށްލާނެ މައްސަލަތަކެއް ނޫންކަމަށެވެ. ޕީޖީވަނީ ވަރަށް ހަރުކަށިކޮށް، މިފަދަ އަމަލު ހިންގާ މީހުންނަށް ސަލާމަތް ނުވެވޭނެކަމުގެ އިންޒާރު ދެއްވާފައެވެ.
ޒިހާންގެ މައްޗަށް 100 އަހަރުގެ ޖަލުހުކުމެއް އަންނަ 13 ދަޢުވާއެއް
މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ޒީހާންގެ މައްޗަށް 7 ބާވާތެއް 13 ދައުވާއެއް އުފުލަން ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި ގަސްތުގައި މީހަކު މެރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި، ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރުމުގެ އިތުރުން މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާވެސް ހިމެނެއެވެ. ޝަމީމް ވިދާޅުވީ އެ ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށްވެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، އިތުރު ދައުވާތަކެއް ކުރަން ނިންމާފައިވާކަމަށެވެ. އަދި މިމައްސަލައިގައި ވީއެންމެ އަވަހަކަށް ޝަރީޢަތް ކުރިއަށްގެންގޮސް ނިންމާލުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މި ދެ މީހުންގެ މައްޗަށްވެސް މައްސަލަ ސާބިތުވާވަރުގެ ހެކި އެބަހުރިކަމަށެވެ. އަދި މިމައްސަލައިގައި އާއްމުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝަމީމް ވަނީ ޝުކުރުއަދާކޮށްފައެވެ. މަރާލުމަށްފަހު ހުޅުމާލޭ ފޭސް 2ގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމްވެސް ވަނީ ހަދާފައެވެ. އަދި ޕޯސްޓްމޯޓަމް ނަތީޖާއިންވެސް ހެކި ލިބިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.
13 އަހަރުގެ މިކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެވެ. މިކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ. މި ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ އެކުއްޖާގެ މޫނު ވަކިނުކުރެވޭވަރަށް މޫނު ވަރަށް ބޮޑަށް ޒަޚަމްކޮށްލުމަށްފަހު ކަމަށް އެނގިފައިވެއެވެ.
ކޮމެންޓު ފޮނުވާ