ޒިހާންގެ މައްޗަށް 100 އަހަރުގެ ޖަލުހުކުމެއް އަންނަ 13 ދަޢުވާއެއް

ޒިހާންގެ މައްޗަށް 100 އަހަރުގެ ޖަލުހުކުމެއް އަންނަ 13 ދަޢުވާއެއް

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2021 03:17
0

މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27)، މައްޗަށް 13 ދައުވާއެއް އުފުލައިފިއެވެ.

އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޒިހާންގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޖިންސީ ގޯނާގެ ފަސް ދައުވާއެއް ވެސް ހިމެނެއެވެ.

މަރާލުމަށް ފަހު ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ސަރަހައްދުން ކަރުތާފެނާ ހިސާބު މޫދުގައި ފޮއްޓަކަށް ލާފައި އޮއްވާ އެ ކުއްޖާގެ ހަށިގަނޑު ފެނުނުއިރު އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރިއެވެ. އެއީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާން އާއި އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އެ ދެ މީހުން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ޒިހާންގެ މައްޗަށް މައިގަނޑު ގޮތެއްގައި ކުރި ކަމަށް ތުހުމަތު ކުރަނީ ހަތަރު ކަމަކަށެވެ. އެއީ ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެކަށީގެން ވާ ވަރަށް ހެކި ލިބިފައި ވުމުން ޝަރީއަތް ނިމެންދެން ހުރީ ބަންދުގައެވެ.

ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ގްރޫމްކުރި ކަމުގެ ކުށުގެ ދައުވާ
  • ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގެ ފަސް ދައުވާ
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ
  • ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރި ކުށުގެ ދައުވާ
  • މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާ
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް ވެސް ހިމެނޭ

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ވެސް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ކުށުގެ ދައުވާ އެވެ. އުމުރުން 17 އަހަރުގެ ކުއްޖާގެ މައްސަލަ ވެސް މިއަދު ކޯޓަށް ވައްދާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ކުޑަ ކުއްޖާގެ މައްޗަށް ކުރަނީ ތިން ދައުވާ އެކެވެ. އޭގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އެވެ. އެ ކުއްޖާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެ ނަމަ 11 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކުޑަ ކުއްޖާ މަރާލުމަށް ފަހު ފޮއްޓަކަލަށް ލައި މޫދަށް އެއްލައިލާފައި އޮއްވައި ފުލުހުން ހޯދީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެރޭ، މެންދަމު 2:30 ހާއިރު އެވެ. ފުލުހުންނަށް އެކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އެ ކުއްޖާ ރަހީނު ކުރި ކަމަށް އާއިލާ އިން ރިޕޯޓު ކުރުމުން ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.