ރާއްޖެއިން އިތުރު 106 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 106 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 16 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 78 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 12 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 79،525 އަށް އަރާފައެވެ. މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 1،652 މީހުންނެވެ. މީގެތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 15 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 133މީހުނެވެ. މިއާއެކު މި ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 77،639އަށް އަރާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5،333 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 205 ދިވެހިންނާ 17 ބިދޭސީންނެވެ.