ޓެރަރިޒަމްގެ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ފަށައިފި

ޓެރަރިޒަމްގެ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
17 އޮގަސްޓް 2021 02:45
0

ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވާ ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ހޯމް މިނިސްޓްރީން އެކުލަވާލަން ޖެހޭ އޮނިގަނޑު އެކުލަވާލައި، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޤާނޫނުގައި ބަޔާންކުރާ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް ހިއްސަާކުރުމުގެ އޮނިގަނޑު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށާފައިވާކަމަށެވެ. މިކަމަށްޓަކައި އެކުލަވާލަންޖެހޭ އިންތިޒާމް އެކުލަވާލައި މިމަސައްކަތް މިއަދު ފެށިގެން ދިޔައީ ޤާނޫނުގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކުގައިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިޒާމު އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމާއެކު އަވަހަށް މިފަދަ މައުލޫމާތު ހިއްސާކުރުމާއި އެފަދަ މައުލޫމާތު އެނެލައިޒް ކުރުމުގެ ޤާބިލުކަން މުއައްސަސާތަކުގައި އިތުރުކުރުމަށް ކުރަންޖޭހޭ އިތުރު މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުން ދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވައެވެ.

ޤާނޫނުގައި ބުނެފައިވާގޮތުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމަށްޓަކައި، ކަމާގުޅޭ އޮނިގަނޑެއް، މި ޤާނޫނުގެ ދަށުން ހޯމް މިނިސްޓަރު އެކުލަވާލައި، އެ އޮނިގަނޑާ އެއްގޮތަށް ޓެރަރިޒަމާގުޅޭ އިންޓެލިޖެންސާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލައި މޮނިޓަރކުރަމުން ދިއުމަށް ގެންދަންވާނެކަމަށް ވަނީ ބުނެފައެވެ. އަދި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން، އެކުލަވާލާ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން ޓެރަރިޒަމާ ގުޅޭ މުހިންމު މަޢުލޫމާތު، އެ އިދާރާތަކުގެ މެދުގައި ބަދަލުކުރުންވާނެކަމަށް ބަނީ ބުނެފައެވެ.

ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް ހޯދުމާއި އެއްކުރުމާއި އެފަދަ އިންޓެލިޖެންސް މައުލޫމާތު ކަމާއިގުޅުންހުރި އިދާރާތަކަށް ފޯރުކޮށް ދިނުމާއި ގުޅޭގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި އެކުލަލި ރިޕޯޓުގެ ރެކޮމަންޑޭޝަންތަކުގައިވެސް ހިމަނާފައެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް ހޯދުމާއި އެއްކުރުމާއި އެފަދަ އިންޓެލިޖެންސް ދިރާސާކުރުމުގެ ޤާބިލުކަން، ޤާނޫނުގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގައި ޤާއިމުކުރަން ޖެހެއެވެ. އަދި އިންޓެލިޖެންސް އިދާރާތަކުގެ އިތުރުން، ދައުލަތުގެ އެއްވެސް އިދާރާއެއްގެ މަސައްކަތުގެ ދާއިރާއިން ޓެރަރިޒަމާ ގުޅޭ މުހިންމު މަޢުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް، އެ މަޢުލޫމާތެއް، އެ މާއްދާގައި ބަޔާންކުރާ އިދާރާތަކުގެ ތެރެއިން އެ މަޢުލޫމާތަކާ ގުޅުންހުރި އިދާރާއަކާ ޙިއްޞާކުރަންވެސް ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.