މޯލްޑިވްސް ނޭޝަނަލް ޕާޓީއާއި ގުޅުނީ ގަބޫލުކުރާ ގޮތް ބަދަލުގޮތް ނޫންކަމަށާއި، މިހާރުވެސް ގަބޫލު ކުރަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ނުވާނެ ކަމަށް ކަމުގައި، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލި އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާންއަކީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތކު ކުރަމުންދާ އެއްބޭފުޅާއެވ. ތަފާތު އެކި ފޯރަމްތަކުގައާއި، ބައްދަލުވުންތަކުގައި މިކަމާއި ދެކޮޅަށް ވަނީ ވާހަކަ ދައްކަވާފައެވެ. ނަމަވެސް އިހުސާން މިހާރު ސިޔާސީ ޕާޓީއަކާއި ގުޅުމުން ގޮތް ބަދަލުކުރެއްވީތޯ ބައެއް ފަރާތްތަކުން ކުރައްވަމުންދާ ސުވާލާއި ގުޅިގެން އިހުސާން ވިދާޅުވީ ސިޔާސީ މަސައްކަތަށް ނިކުމެ ވަޑައިގެންނެވީ، ގަބޫލުކުރާ އަސާސްތަކާއި ހަމަތައް ދޫކުރައްވާފައި ނޫންކަމަށެވެ.
އެމްއެންޕީއާއި ގުޅުނީ އެޕާޓީގެ ސިޔާސަތުތަކަކީ، އޭނާވެސް ގަބޫލުކުރާ އަދި އޭނާ ގެންގުޅުއްވާ ސިޔާސަތުތަކާއި އެއްގޮތް ވުމުންކަމަށެވެ. މިއަދުވެސް ގަބޫލުކުރަނީ އިންޑިޔާ ސިފައިންނަށް ރާއްޖޭގައި ތިބެވިގެން ނުވާނެކަމަށާއި، އަދި އެކަން ޕާޓީ ތެރެއިން ކަށަވަރު ކުރައްވާނެ ކަމަށްވެސް ކެޕްޓަން އިހުސާން ވިދާޅުވިއެވެ.
އަޅުގަނޑު އެމްއެންޕީ އާއި ގުޅުނީ އެޕާޓީގެ ސިޔާސަތާއި، އަޅުގަނޑު ގަބޫލުކުރާ ގޮތައި، ދިމާވާތީ. އެއްގޮތަކަށްވެސް އަޅުގަނޑު ގަބޫލުކުރާ ގޮތް ބަދަލުކޮށްގެންނޫން. އެހެންވެ ދަންނަވަން، ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުވާނެ. އެކަން އަޅުގަނޑު ކަށަވަރުކުރާނަން.
– އިހުސާން ވިދާޅުވިއެވެ.
Alhugandu @MNP_Secretariat ah gulhuny e party ge siyaasathaa alhugandu qabool kuraa gothaa dhimaavaathee. Eh gothakahves Ahugandu qaboolu kuraa goiyy badhalukohgeneh noon. Ehenve dhannavan, Raajjeygai India Sifain thibegen nuvaane. Ekan alhugandu kashavaru kuraanan!
— Ali Ihusaan (@ali_ihusaan) August 16, 2021
އެމްއެންޕީއާއި ގުޅުނުކަން ރަސްމީކޮށް ހަމަކުރައްވައި އިއްޔެ އިހުސާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި އިޤްތިޞާދީ އަދި ސަރަޙައްދީ މިނިވަންކަމަށް ކުރިމަގުގައި ނުހަނު ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަމަށާއި، އަދި މިހާރު ވެސް ކުރިމަތިވެފައިވާކަމަށެވެ. މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ، ދިވެހި ފަސްގަނޑާއި ދިވެހީން ދެކެ ތިމާގެ ނަފުސަށްވުރެ ބޮޑަށް ލޯބިވާ، ތެދުވެރި، އިޚްލާސްތެރި، ތަޢުލީމީ އަދި ޒިންމާދާރު ދިވެހީންތަކެއް ރާއްޖޭގެ ސިޔާސީ މައިދާނުގައި ދިވެހީންގެ ޙައްޤުގައި މަސައްކަތްކޮށްގެން ކަމަށް އިހުސާން ވިދާޅުވިއެވެ.
އޭނާއަކީ ދިވެހިރާއްޖެއާއި ދިވެހީން ދިފާޢުކުރުމުގައި އަމިއްލަ ފުރާނަ ޤުރުބާންކުރުމަށް ތައްޔާރަށް ހުރިކަމަށް މާތްﷲ ގަންދީ ހުވާކޮށްގެން ހުރި ކުރީގެ ސިފައިންގެ އޮފިސަރަކަށްވާތީ، އިސްވެ ދެންނެވުނު ޙާލަތުގައި ޤައުމު އޮންނަން ޖެހޭނެކަމަށް އެއްވެސް ވަރަކަށް ޤަބޫލު ނުކުރާ އަދި ޤަބޫލު ނުވެސް ކުރެވޭނެ މީހެއް ނޫންކަމަސްވެސް އިހުސާން ވިދާޅުވިއެވެ.
އަދި ރަސްމީގޮތުން ސިޔާސީ މައިދާނަށް ނުކުމެ، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ފުރަތަމަ ފަހަރަށްވެ، ޤައުމުގެ ޙައްޤުގައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެމްބަރަކަށް ވުމަށް ނިންމީކަމަށް އޭނާ ވިދާޅުވިއެވެ.