ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމް އަދި އައިކު އަހުމަދު އީސާއެވެ. މި މައްސަލައިގައި އެދިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައިވާ ސުވާލަކީ ގާނޫނުއަސާސީން ލާޒިމުކުރާ އުސޫލާ ޚިލާފު ސުވާލެއް ކަމަށް ކަނޑައަޅައި، އެ ވޯޓު ނެގުން ހުއްޓުވައިދިނުމަށެވެ. މައްސަލަ ހުށަހެޅި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް ފެނޭތޯ އެހުމުގެ ބަދަލުގައި، ރެފެރެންޑަމްގައި އަހަންޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމަށް ރުހޭތޯ ނުވަތަ ނޫންތޯއެވެ. ވަކީލު އައިކު ވިދާޅުވީ މައްސަލައިގައި ދައުވާކުރުމުގެ ހުއްދަ ކޯޓުން މިހާރު ދީފައިވާތީ، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރިއަށްދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ރެފެރެންޑަމްގައި އަހާ ސުވާލު ގާނޫނުއަސާސީގައި ބުނާ ޝަރުތުތަކަށް ފެތޭ ކަމަށެވެ. މީގެ އިތުރުން، މި ވޯޓު ހުއްޓުވުމަށް އެދި އިދިކޮޅު އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ތިން ފަހަރަށް ރިޖެކްޓުކޮށްފައިވާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ. ސުޕްރީމް ކޯޓަށް މިދިޔަ ހަފުތާގައި ރެފެރެންޑަމާ ގުޅޭ އެހެން މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. އެއީ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ، އެ ބިލު ބާތިލްކޮށްދިނުމަށް އެދި ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ