ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ފުލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން، ހައުސިން މިނިސްޓްރީން އަންނަ މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފިއެވެ.
މި ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދެން ފޯމު ބަލައިގަންނަން ފަށާނީ އޭޕްރީލް 1 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ކަމަށެވެ. އަދި އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް، މިނިސްޓްރީގެ ބޯހިޔާވަހިކަން ޕޯޓަލް (boahiyaavahikan.housing.gov.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފުލެޓު ދޫކުރުމުގެ އުސޫލަށް ގެނައި އިސްލާހާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ޝަރުތުތަކުގައި ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން، މާލޭގެ ރަށްވެއްސަކަށް ވީތާ އެއް އަހަރު ވުން، ނުވަތަ އެހެން ރަށެއްގެ މީހެއްނަމަ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވުން ފަދަ ދިގު މުއްދަތުގެ ޝަރުތުތައް މި ކެޓަގަރީގެ މީހުންގެ މައްޗަކަށް ދެނެއް ނުހިނގާނެއެވެ. މިހާރު މި ކެޓަގަރީއަށް ފޯމު ހުށަހެޅޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގާނޫނުގައި ބަޔާންކުރާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ މީހުންނަށެވެ.
މީގެ އިތުރުން، އާއިލާގެ މާލީ ހާލަތު ހުރިގޮތުން މާލެ ސަރަހައްދުގައި އުޅެވެން ނެތް ނަމަވެސް، އެމީހެއްގެ ނުކުޅެދުންތެރިކަމަށް ރަށުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން މާލެ ސަރަހައްދުން ފަރުވާ ހޯދާތާ އެއް އަހަރު ވެފައިވާ މީހުންނަށްވެސް މިހާރު ކުރިމަތިލެވޭނެއެވެ. އަދި މާލެ ސަރަހައްދުގައި މެދުނުކެނޑި ދިރިއުޅޭތާ ފަސް އަހަރު ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް މި ކެޓަގަރީގެ ދަށުން ފުލެޓަށް އެދެވޭނެ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ