341 މިލިއަން ރުފިޔާގެ މަޝްރޫޢަކާއެކު ތިނަދޫ މަގު ހެދުމުގެ 3 ވަނަ ފިޔަވަހި ފަށައިފި

341 މިލިއަން ރުފިޔާގެ މަޝްރޫޢަކާއެކު ތިނަދޫ މަގު ހެދުމުގެ 3 ވަނަ ފިޔަވަހި ފަށައިފި

Author
އަހުމަދު
23 މާރޗް 2026 09:26
0

ގދ. ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބޮޑު މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށްޓަކައި ތިނަދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި، ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދުގެ އިތުރުން މަސައްކަތުގެ ކޮންޓްރެކްޓަރ ކަމަށްވާ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 341.8 މިލިއަން ރުފިޔާ (341,872,868.17 ރުފިޔާ) ގެ ބޮޑު މަޝްރޫޢެކެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އާރުޑީސީއާ ހަވާލުކުރި މި މަސައްކަތް އެއްކޮށް ނިންމުމަށް ހައުސިންގ މިނިސްޓްރީން ދީފައިވަނީ 1440 ދުވަހުގެ މުއްދަތެކެވެ.

މި ފިޔަވަހީގެ ދަށުން ތިނަދޫގެ 50 މަގަކަށްވާ ޖުމްލަ 19.3 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ހިނގާ މީހުންނަށް ރައްކާތެރިކަމާއެކު އުޅެވޭނެހެން ދުވާރު ހެދުމާއި، މަގުތަކުގައި ކުރަހަންޖެހޭ ނިޝާންތައް (ރޯޑް މާކިންގ) ކުރެހުމާއި، ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ފުރިހަމަކުރެވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.