ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ ދަފްތަރަށާއި، ކޮމިޓީތަކަށް އައިސްފައިވާ ބަދަލުތައް މަޖިލީހުން ހާމަކުރައްވައިފިއެވެ.
މަޖިލީހުގެ ދަފްތަރަށް ބަދަލުތަކެއް އައިސްފައިވަނީ ދަނގެތި ދައިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ޖުމްހޫރީ ޕާޓީން ވަކިވެފައިވާކަން އަންގަވައި، މަޖިލީހުގެ ގަވާއިދުގައި ބުނާ ލިޔުންތައް ހުށަހަޅުއްވާތީ އެޕާޓީން ވަކިމުންނެވެ.
ނާޒިމްއާއި ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެފައިވަނީ ސިޔާސީ ޕާޓީއެއް އުފައްދުމަށެވެ. ނާޒިމްއާއި، ރިޔާޒު ޖޭޕީން ވަކިވުމުމަށް ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 3 އަށް ވެއްޓިފައެވެ. އަދި ނާޒިމް އުފައްދަވާ ޕާޓީގެ ދެ މެމްބަރުންގެ ގޮތުގައި ނާޒިމްއާއި، ރިޔާޒު ވަނީ ކަނޑައަޅުއްވާފައެވެ. ދަފްތަރުގައި މިހާރު އައި ބަދަލާއިއެކު މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 65 މެމްބަރުންނާއި، ޕީޕީއެމްގެ 6 މެމްބަރުންނާއި، ޖޭޕީގެ 3 މެމްބަރުންނާއި، ޕީއެންސީގެ 3 މެމްބަރުންނާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް 2 މެމްބަރުންގެ އިތުރުން މިނިވަން 8 މެމްބަރުންނެވެ.
އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ. ނަމަވެސް މިއަދު އިއުލާން ކުރިއިރު، އެމްއެންޕީގެ ތިއްބެވީ މަޖިލީހުގެ 2 މެމްބަރުންނެވެ.
އެމްއެންޕީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސްވަނީ އެޕާޓީއާއި ގުޅިފައެވެ.