6 މެއި ގައި ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ތަހުގީގް ނިންމައި ހަމަލާގައި ބައިވެރިވި އެންމެން ހައްޔަރުކޮށް ތަހުގީގް ނިމުމުން ނޫނީ ރާއްޖެ ވަޑައި ނުގަތުމަށް މަޖިލިސް ރައީސް، ރައީސް ނަޝީދު ނިންމަވައިފިއެވެ.
މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށުމަށް މިއަދު ބޭއްވި ޖަލްސާއަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ފޮނުވި ސިޓީ ވަނީ އިއްވާފައެވެ. މިސިޓީގައި މަޖިލިސް ރައީސް ވަނީ އެމަނިކުފާނަށް ދެވެނު ހަމަލާގެ ތަހުގީގް ނިމި އެހަމަލާއަށް ފަންޑު ކުރި މީހުންނާއި، ހަމަލާގައި ބައިވެރިވި އެންމެންގެ މައްސަލަތައް ތަހުގީގް ކުރެވުމުން ނޫނީ ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި ހެޔޮއެދޭ އެތައް ބަޔަކު އެދޭ ގޮތެއް ނޫންކަމަށެވެ.
6 މޭ 2021 ވަނަ ދުވަހު އަޅުގަނޑަށް ދިން ޙަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަޙްޤީޤު އަދި ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނޭ. އެ ތަޙްޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އަޅުގަނޑު ރާއްޖެ ދިޔުމަކީ އަޅުގަނޑުގެ އާއިލާއާއި އަޅުގަނޑަށް ހެޔޮއެދޭ އެތައް ބަޔަކާއި އަޅުގަނޑުވެސް ޖެހިލުންވާކަމެއް.
– މަޖިލިސް ރައީސްގެ ސިޓީގައި ވެއެވެ.
އެހެންކަމަށް ވުމުން މިމައްސަލަ މިހާރުވެސް ތަހުގީގް ކުރެވެމުންދާއިރު، ތަހުގީގް ނިމެންދެން ރާއްޖެއިން ބޭރުގައި ރަސްމީ މަސައްކަތުގައި އުޅެވޭ ގޮތަށް ޗުއްޓީ ހަމަޖައްސަވައި ދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މަޖިލިސް ރައީސް ވަނީ މަޖިލީހުގެ ކިބައިން ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ހިތް ޚަލާޞްކުރައްވައި، އެފުރުސަތު ފަހިކޮށްދެއްވުމަށް އެދިފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނައިރު މަޖިލީހުގެ އެންމެހައި ކަންކަން ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ މެންބަރުންގެ އިރުޝާދުގެ ދަށުން މަޖިލީހުގެ ނައިބު ރައީސް އިސްވެ ހުންނަވައި މަޖިލީހުގެ އިދާރާއިން ހިންގާނެކަމީ ހިތުގައި އެއްވެސް ޝައްކެއް އުފެދޭކަމެއްނޫންކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ބޭރުގައި ހުންނައިރު ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގައި މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި، ޚާއްޞަ ގޮތެއްގައި އިންޓަރޕާލަމެންޓަރީ ޔޫނިއަންއާއި، ކޮމަންވެލްތް ޕާލިމަންޓަރީ އެސޯސިއޭޝަން މެދުވެރިކޮށް ހިންގާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކްލައިމެޓް ވަލްނަރަބްލް ފޯރަމްއާއެކު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ