2001 ވަނަ އަހަރުފެށިގެން އެމެރިކާއިން ވަނީ އަފްއާނިސްތާނުގައި 20 އަހަރުވަންދެން ތިބެފައި

20 އަހަރު ފަހުން ތާލިބާންގެ އެބުރި އައުން، އެމެރިކާއިން ކުރިހާ ހޭދައަކާއި ވީހާ ގުރުބާނީއެއް ފެނަށް!

20 އަހަރު ފަހުން ތާލިބާންގެ އެބުރި އައުން، އެމެރިކާއިން ކުރިހާ ހޭދައަކާއި ވީހާ ގުރުބާނީއެއް ފެނަށް!

2001ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ވާލްޑް ޓްރޭޑް ސެންޓަރަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން، އެމެރިކާއިން ބޭނުންވީ، އޭރު އަފްއާނިސްތާނުގެ ވެރިކަމުގައި އޮތް، ތާލިބާނު ސަރުކާރުން، އެހަމާލާގެ ތުހުމަތު ކުރެވޭ އެންމެ އިސް ފަރާތްތައް ކަމުގައިވާ އުސާމާ ބިންލާދިން އެމެރިކާއާއި ހަވާލު ކުރާށެވެ.

އެހެންނަމަވެސް، އޭރު ތާލިބާނުންގެ ވެރިޔަކަށް ހުންނެވި މުއްލާ އުމަރު، ފާޅުގައި އެމެރިކާގެ މި އެދުމަށް ދެކޮޅު ހެއްދެވުމާއި ގުޅިގެން އެމެރިކާއިން އަފްއާނިސްތާނަށް އަރާ، އެގައުމުގައި އޮތް ތާލިބާނުންގެ ވެރިކަން ނިމުމަކަށް ގެނެސް، ހުޅަގުން ތާއީދުކުރާ ވެރިކަމެއް އެގައުމުގައި ގާއިމް ކުރިއެވެ.

އަދި އެއަށްފަހު، ޓެރަރިޒަމާއި ދެކޮޅަށް އެމެރިކާއިން ކުރަމުންއައި ހަގުރާމައިގެ އެންމެ މުހިންމު ބައިވެރިޔަކަށް ވެގެން ދިޔައީ އަފްއާނިސްތާނެވެ.

އެމެރިކާއިން އަފްއާނިސްތާނަށް 2001ވަނަ އަަހަރު އެރީ، ބިންލާދިން އެގައުމާ ހަވާލުކުރުމަށް އޭރުގެ ތާލިބާން ސަރުކާެރުން ދެކޮޅު ހެދުމުން

މިގޮތުން، ފާއިތުވެގެންދިޔަ 20 އަހަރު ދުވަހު، ވެރިކަމުން ދުރުކުރެވުނު ތާލިބާން ޖަމާއަތް ގެންދިަޔއީ، ހުޅަގުގެ ތާއީދާއެެކީ އަފްއާނިސްތާނުގައި ވެރިކަން ކުރަމުންދިޔަ ސަރުކާރާއި ދެކޮޅަށް ގެރިއްލާ ހަގުރާމައެއް ކުރަމުންނެވެ.

އަދި، ހަމައެއާއެކު، ތާލިބާނުންނާ ދެކޮޅަށް، ހަގުރާމަ ކުރާނެ ވަރުގަދަ އަސްކަރިއްޔާއެއް، އަފްއާނިސްތާނުގައި އޮތް ހުޅަގުގެ ގައުމުތަކުން ތާއީދުކުރާ ސަރުކާރަށް އެކުލަވާލަ ދިނުމުގެ ގޮތުން އެމެރިކާއިން އިސްވެއޮވެ، އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރާއި އަދި އެންމެ ފަހުންގެ ތަމްރީނުދީ، ވަރުގަދަ އަސްކަރިއްޔާއެއް ވަނީ އެކުލަވާލާފައެވެ.

20 އަހަރުވަންދެން އެމެރިކާ އިސްވެ އޮވެ، ކުރި ބޮޑެތި ޚަރަދުތަކާއި، އަދި އެތަކެއް މަސައްކަތްތަކެއް ފުރިހަމަކޮށް، އަފްއާނިސްތާނު ދޫކޮށް ދިއުމަށް، އެމެރިކާގެ ފަހަކަށްއައި ހުރިހާ ރައީސުން ކަހަލަ ގޮތަކަށް ވީ ވައުދު އެންމެފަހުން ފުއްދާވާފައިވަނީ، މިހާރުގެ ރައީސް ޖޯ ބައިޑްންއެވެ.

މިގޮތުން އޭނާ ނިންމެވީ، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 11ވަނަ ދުވަހުގެ (2001 ވަނަ އަަހަރުގެ ޓެރައިސްޓް ހަމަލާއަށް 20 އަހަރު ފުރޭ މުނާސަބަތުގެ) ކުރިން  އެމެރިކާގެ ހުރިހާ ސިފައިން އަފްއާނިސްތާނުން ބޭލުމަށެވެ. ނަތީޖާއެއްގެ ގޮތުން ކަޑައެޅި މުއްދަތުގެ މާކުރިން އެމެރިކާސިފައިން އެކީ ކަހަލަގޮތަކަށް އަފްއާނިސްތާނުން ފައިބައިގެން ދިއުމާއެކު، އަފްއާނިސްތާން ސަރުކާރާ ދެކޮޅަށް ފާއިތުވެދިޔަ 20 އަަހަރުވަންދެން ގެރިއްލާ ހަގުރާމައެއް ކުރަމުންއައި ތާލިބާނުން، އަސްކަރީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާ، އެންމެފަހުން މިވަނީ އެގައުމުގެ ވެރިރަށް ކާބުލް އެމީހުންގެ ބާރުގެދަށަށް ގެނެސްފައެވެ.

އަދި މިހާރު، އަފްއާނިސްތާނުގެ ރައީސް އަޝްރަފް ޢަނީ ގައުމު ދޫކޮށް ވަޑައިގެންފައިވާއިރު، ތާލިބާނުން ގެންދަނީ، ސުލްހަވެރިކަމާއެކު، ބާރުތައް އަތުލުމަށް އަފްއާން ސަރުކާރުގައި މަސައްކަތް ކުރެއްވި އިސްފަރާތްތަކާއެކު މަޝްވަރާރަތައް ކުރިޔަށް ގެންދަމުންނެވެ.

އެހެންނަމަވެސް، އަފްއާނިސްތާނުގައި ތިބި ގައުމުން ބޭރުގެ ސިފައިން އެގައުމުން ފައިބައިގެން ދިއުމާއެކު، އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި މުޅި އަފްއާނިސްތާން ހިފާ، އެންމެފަހުން އެގައުމުގެ ވެރިކަމަށް ތާލިބާނުންނަށް އެބުރި އާދެވުނު ގޮތާ ގުޅޭގޮތުން އެތައްބަޔަކު ދަނީ އެތަކެއް ސުވާލުތަކެއް އުފައްދަމުންނެވެ.

ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ 20 އަަހަރުވަންދެން، އަފައާނިސްތާނުގެ ސަލަމާތާއި ރައްކާތެރިކަމަށް އެމެރިކާއިން ކުރަމުންދިޔަ ބުރަ އަދި ބޮޑެތި މަސައްކަތްތަކާއި، އަދި ކުރިހާ ބޮޑެތި ހޭދައެއް މަދު ހަފްތާތަކެއްގެ ތެރޭގައި ފެނަށް ވެގެން މިދިޔައީ ކީއްވެގެން ތޯއެވެ.

 

ތާލިބާނުންނަކީ ކޮންބައެއް؟

ތާލިބާންގެ މާނައަކީ ޕަޝްޓޯ ބަހުން (އަފްއާން ބަހުން) "ކިޔަވާކުދިން"އެވެ. އެމީހުންނަކީ ފާއިތުވެދިޔަ 20 އަހަރު ދުވަހު، ހުޅަގުން ތާއީދުކޮށްގެން އަފްއާނިސްތާނުގައި އެކުލަވާލެވިފައި އޮތް ސަރުރާކާ ދެކޮޅަށް ގެރިއްލާ ހަގުރާމައެއް ކުރަމުން އައި ޖަމާއަތެކެވެ.

އެހެންނަަމަވެސް، މި ގުރޫޕަކީ މިއަށްވުރެ މާދިގު މާޒީއެއް އޮތް ޖަމާއަތެކެވެ. މިގޮތުން ތާލިބާން ޖަމާއަތަކީ، 1980ގެ އަހަރުތަކުގައި، އޭރުގެ ސޯވިއެޓް ޔޫނިއަންއިން އަފްއާނިސްތާން ހިފައިގެން ތިބިއިރު، ސޯވިއެޓް ސަރުކާރާ ދެކޮޅަށް، އެމެރިކާގެ ސީއައިއޭއިން އެހީތެރިވެދީގެން ހަގުރާމަ ކުރަމުން އައި، "މުޖާހިދީން" ހަގުރާމަވެރިން އުފެއްދި ޖަމާއަތެކެވެ.

މިގޮތުން، އަފްއާނިސްތާނުގައި ހިގަމުންއައި އަހުލީ ހަގުރާމާގައި، ހަގުރާމަ ކުރަމުން އައި އެތައްކެއް ފެކްޝަންތަކުގެ ތެރެއެން އެއްފެކްޝަން، ތާލިބާނު ޖަމާއަތުގެ ގޮތުގައި އެންމެ ފުރަތަމަ އުފެދިގެން އައިސްފައިވަނީ 1994 ވަނަ  އަހަރުއެވެ. އަދި އަހުލީ ހަގުރާމައިގެތެރޭގައި، ކާމިޔާބު ހޯދާ، 1996ވަނަ އަހަރު ތާލިބާނުން މުޅި އަފްއާނިސްތާން ކަހަލަގޮތަކަށް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވެއެވެ.

2001 ވަނަ އަހަރު އަފްއާނިސްތާންގެ ވެރިކަމުން ދުރު ކުރުމާއެކު، ތާލިބާނުންވަނީ ފާއިތުވި 20 އަހަރު އަފްއާން ސަރުކާރާ ދެކޮޅަށް ގެރިއްލާ ހަގުރާމައެެއް ކޮށްފަ

1996 ވަނަ އަހަރު އަފްއާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު ތާލިބާނުން އުފެއްދި ސަރުކާރުން އެގައުމުގައި އިސްލާމީ ޝަރީއާ ގާއިމްކުރިއެވެ. އަދި މިމަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވިގެންދިޔައީ، ތާލިބާނުން އެގައުމުގައި އިސްލާމީ ޝައީއަތުގެ ނަމުގައި ހަރުކަށި އެތަކެއް އުސޫލުތަކެއް ގާއިމްކޮށް، އަންހެންކުދިންނަށް ތައުލީމު ދިނުން މަނާކޮށް، އަންހެނުން މަހުރަމަކާ ނުލާ ގެއިން ބޭރުގައި އުޅުންވެސް މަނާ ކުރުންފަދަ އެތަކެއް އުސޫލަތަކެއް ގާއިމޮކޮށް ތަންފީޒު ކުރަން ފެށިއެވެ.

އަދި މީގެއިތުރުން މީހުން މަރާ މީހުންނާއި ޒިނޭ ކުރާ މީހުންނަށް، އާންމު ތަންތަނުގައި މަރުގެ އަދަބު ދިނުމާއި، ވައްކަން ކުރާ މީހުންގެ އަތްކެނޑުމާއި، އަދި ފިރިހެނުން ތުބުޅި ބެހެއްޓުން މަޖުބޫރުކޮށް، އަދި އަންހެނުން މޫނު ބުރުގާ އެޅުންވެސް މަޖުބޫރުކޮށް، ތާލިބާނުންގެ ވެރިކަމުގައި އެގައުމުގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރަން ފަށާފައި ވެއެވެ.

އެހެންނަމަވެސް، 2001 ވަނަ އަަހަރު އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު، އުސާމާ ބިންލާދިންއާއި އަލްގައިދާއަށް އަފްއާނިސްތާނުގައި އޭރު އޮތް ތާލިބާން ސަރުކާރުން ހިމާޔަތް ދިނުމާ ގުޅިގެން، 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އެމެރިކާއިން ފެށި ހަގުރާމާގައި ތާލިބާން ބަލިކޮށް، އަފްއާނިސްތާނުގައި ގާއިމްކުރީ އެމެރިކާއިން ތާއީދުކުރާ ސަރުކާރެކެވެ.

އެއަށްފަހު ފާއިތުވި 20 އަހަރުދުވަހު، އަފްއާނިސްތާނުގެ ސަރުކާރާ ދެކޮޅަށް ތާލިބާނުން ދިޔައީ ގެރިއްލާ ހަގުރާމައެއް ކުރަމުންނެވެ.

 

20 އަހަރުވަނަދެން އެމެރިކާއިން ކުރި ބޮޑެތި ހޭދަތައް

ފާއިތުވެދިޔަ 20 އަހަރުދުވަހުގެ ތެރޭގައި، އަފްއާނިސްތާނުގައި އޮތް، ހުޅަގުން ތާއީދުކުރާ ސަރުކާރު ވަރުގަދަކޮށް، އަދި އަފްއާނިސްތާނުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ، ހުޅަގުގެ ގައުމުތަކުން ކުރި ހޭދައިގެ ބޮޑު ބައެއް ކޮށްފައިވަނީ އެމެރިކާއިންނެވެ.

އަފްއާނިސްތާންގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ފާއިތުވި 20 އަަހަރު ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބިދެތި ހޭދަތަކެއް ކޮށް މަސައްކަތްތަކެއް ކޮށްފަ

މިގޮތުން އެމެރިކާގެ ސަރުކާރުން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، 2010ވަނަ އަހަރާއި 2012ވަނަ އަހަރާ ދެމެދު، އެމުއްދަތުގައި އަފްއާނިސްތާނުގައި އެމެރިކާގެ 100,000 ސިފައިން ތިބިއިރު، އޭރު އެމެރިކާއިން ކުރަމުންއައި ހަގުރާމައަށް އެގައުމުން އެކަނި ކުރަމުން އައި ޚަރަދު އަހަރަކަށް 100 ބިލިއަން ޑޮލަރަށް އަރައިގެން ދިޔައެވެ.

އެހެންނަަމެވެސް އެއަށްފަހު، އެމެރިކާއިން، އަފްއާނިސްތާނުގައި އެގައުމުގެ އަސްކަރިއްޔާގެ މައިގަޑު ފޯކަސް، ހަގުރާމަވެރި ހަރާކްތަތަކަށް އަމާޒު ކުރުމުގެ ބަދަލުގައި އަފްއާނިސްތާނުގެ އަސައްކަރިއްޔާ ތަމްރީނުކޮށް ވަރުގަދަ ކުރުމަށް އަމާޒު ހިފުމަށްފަހު، ކުރަމުން އައި ޚަރަދުތަށް ވަރަށް ބޮޑުތަނުން ކުޑަވެގެން އައިސްފައި ވެއެވެ.

އެެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން އެގައުމުގެ ކޮންގްރެސްއަށް 2018ވަނަ އަހަރު ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެހާތަނަށް އައިއިރު، އެމެރިކާއިން އަފްއާނިސްތާނަށް ޚަރަދު ކުރަމުން އައިސްފައިވަނީ އަހަރަކަށް 45 ބިލިއަން ޑޮލަރެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2001ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، އެމެރިކާއިން އަފްއާނިސްތާނަށް ކޮށްފައިވާ އަސްކަރީ ކަންކަމާ ގުޅޭ ޚަރަދުތައްވަނީ 778 ބިލިއަން އެމެރިކާ ޑޮލަަރަށް އަރާފައެވެ.

މީގެ އިތުރުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންނާއި އަދި ޔޫއެސް އޭޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓު (USAID)އިންނާއި އަދި އެމެރިކާ ސަރުކާރުގެ އެހެން އޭޖެންސީތަކުން އަފްއާނިސްތާނުގެ އުމްރާނީ ތަރައްގީއަށް ކޮށްފައިވާ ޚަރަދުތައް 44 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

އެހެންކަމުން، އެމެރިކާގެ ސަރުކާރުން އާންމު ކޮށްފައިވާ ރަސްމީ ހިސާބުތަކަށް ބަލާއިރު، 2001 ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރުގެ ނިޔަލަށް އެމެރިކާއިން އަފްއާނިސްތާނަށް ކޮށްފައިވާ ޚަރަދުތަކުގެ ޖުމްލަ އަދަދު 822 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އެހެންނަމަވެސް، މި އަދަދަކީ، އެމެރިކާއިން އަފްއާނިސްތާނުގައި ހިންގާ ހުރިހާ އޮޕަރޭޝަނެއްގެ މައި މަރުކަޒުގެ ގޮތުގައި ބޭނުން ކުރަމުންދާ، ޕާކިސްތާނުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ކޮށްފައިވާ ޚަރަދުތައް ނުހިމަނާ ކޮށްފައިވާ ހިސާބުތަކުން ނިކުންނަ އަދަދެވެ.

އަފްއާނިސްތާންގެ އުމްރާނީ ތަރައްގީއަށްވެސް އެމެރިކާގެ އަސްކަރިއްޔާއިންވަނީ ބޮޑެތި އެހީތަކެއް ވެދީފަ

ބްރައިން ޔުނިވަރސިޓީއިން 2019ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، (ދިރާސާ ކޮށްފައިވަނީ، އަފްއާނިސްތާނާއި ޕާކިސްތާނުގައި އެމެރިކާއިން ކޮށްފައިވާ ހަގުރާމަތަކަށް ކޮށްފައިވާ ޚަރަދުތަކުގެ މައްޗަށް) އަފްއާނިސްތާނާއި ޕާކިސްތާނުގައި އެމެރިކާއިން ކޮށްފައިވާ ހަގުރާމަތަކަށް ކޮށްފައިވާ ޚަރަދުތައް، 2020 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގެ ޖުމްލަވެސް ހިމެނޭގޮތުން 978 ބިލިއަން އެމެރިކާ ޑޮލަަރަށް ވަނީ އަރައިގެން ގޮސްފައެވެ.

އެމެރިކާގެ އިތުރުން ދެން އެންމެ ގިނަ އަދަދެއްގެ ސިފައިން އަފްއާނިސްތާނުގައި ގާއިމް ކޮށްފައިވާ ގައުމުތައް ކަމުގައިވާ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން، މުޅި ހަގުރާމައިގެ މުއްދަތުގައި ކޮށްފައިވާ ޖުމްލަ ޚަރަދުގެ އަދަދަކީ، އިނގިރޭސިވިލާތުން 30 ބިލިއަން އެމެރިކާ ޑޮލަރު އަދި ޖަރުމަނުވިލާތުން 19 ބިލިއަން އެމެރިކާ ޑޮލަރެވެ.

އަދި އެންމެ ފަހުން، އަފްއާނިސްތާނުން، ގައުމުތަކުގެ ސިފައިން ބޭލުމަށްފަހުވެސް، ކޮންމެ އަހަރަކުވެސް، އެމެރިކާއާއި ނޭޓޯއިން 2024ވަނަ އަހަރުގެ ނިޔަލަށް، އަހަރަކު 4 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރާނެކަމަށް ވަނީ ވައުދު ވެފައެވެ. މިއީ އަފްއާނިސްތާނުގެ އަސްކަރިއްޔާ ތަރައްގީ ކުރުމަށް މި ގައުމުތަކުން ވެދޭނެކަމަށް ވައުދުވެފައިވާ އެހީތެރިކަމެވެ.

އަދި މިއަހަރު މިހާތަނަށް ނޭޓޯއިންވަނީ، އަފައާނިސްތާނަށް 72 މިލިއަން އެމރިކާ ޑޮލަރުގެ ސަޕްލައި އާއި ތަކެތި އަފްއާނިސްތާނުގެ އަސްކައިއްޔާއަށް އެހީތެރިވެދިނުމުގެ ގޮތުން ފޮނުވާފައެވެ.

 

އެމެރިކާއިން އަދާކޮށްފައިވާ އިންސާނީ އަގު

2001 ވަނަ އަހަރު އެމެރިކާއިން ތާލިބާނުންނާ ދެކޮޅަށް ކުރަން ފެށި ހަގުރާމާގައި، ބޭރު ގައުމުތަކުގެ ސިފައިންގެ ޖުމްލަ 3،500 މީހުން ވަނީ މަރުވެފައެވެ. މީގެތެރެއިން 2،300 މީހުންނަކީ އެމެރިކާ ސިފައިންނެވެ.

އަދި އިނގިރޭސި ވިލާތުގެ 450 އަށްވުރެ ގިނަ ސިފައިންވަނީ މަރުވެފައެވެ.

ފާއިތުވި 20 އަހަރުވަންދެން އެމެރިކާއިން އަފްއާނިސްތާނުގައި ކުރަމުން އައިސްފައިވާ ހަގުރާމާގައި އެމެރިކާގެ 20,660 އަށްވުރެ ގިނަ ސިފައިންނަށް އަނިޔާވެފައި ވެއެވެ.

އެހެންނަމަވެސް މި އަދަދުތަކަކީ، މި ހަގުރާމާގައި، މަރުވެގެން ގޮސްފައިވާ އަފްއާނިސްތާނުގެ ސިފައިންނާ އަދި އާންމުގެ އަދަދުތަކާ އަޅާބަލާއިރު މަދު އަދަދު ތަކެއްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މީގެއިތުރުން، މިހާރު ގައުމު ދޫކޮށް ވަޑައިގެންފައިވާ، އަފްއާނިސްތާނުގެ ރައީސް އަޝްރަފް ޢަނީ 2019ވަނަ އަހަރު ވިދާޅުވެފައި ވާގޮތުގައި، އޭނާ އޭގެ 5 އަަހަރުކުރިން ވެރިކަަމަށް ވަޑައިގެންވި ފަހުން، އެހާތަނާ ހަމައަށް އަފްއާނިސްތާނުގެ ސިފައިންގެ ތެރެއިން 45،000 މީހުން މަރުވެފައިވާ ކަމުގައެވެ.

އަފްއާނިސްތާނުގައި ގާއިމް ކޮށްފައިވާ ޔޫއެންގެ އެސިންޓޭންސް މިޝަންއިން ހާމަ ކޮށްފައިވާ ގޮތުގައި، 2009 ވަނަ އަހަރު އެ މިޝައިން އަފްއާން ހަގުރާމާގައި މަރުވާ ނުވަތަ އަނިޔާވާ މީހުންގެ ރެކޯޑްތައް ބަލަހައްޓަން ފެށިފަހުން އެކަނިވެސް، މަރުވެފައިވާ އަދި އަނިޔާވެފައިވާ ޖުމްލަ އާންމުންގެ އަދަދު 111,000 އަށްވުރެ އިތުރު ވާނެއެވެ.

20 އަހަރުގެ ހަގުރާމާގައި އަފްއާނިސްތާން އާންމުގެ ތެރެއިން މަރުވެފައިވާ މީހުންގެ ހިސާބުތައް ދައްކުވައިދޭ ޗާޓެއް

ވީހާ ގުރުބާނާީއަކާއި، ކުރިހާ ހޭދައެއް ފެނަށް!

ކޮންމެއަކަސް ފާއިތުވެދިޔަ 20 އަހަރުވަންދެން، ޓެރަރިޒާމާއި ދެކޮޅު ހަގުރާމައިގެ ނަމުގައި އެމެރިކާންއިން ވަނީ އަފްއާނިސްތާނުގައި ބޮޑެތި ހޭދަތަކެއް ކޮށް، އަދި ބޮޑެތި ގުރުބާނީތަކެއް ވެފައެވެ. މީގެ ތެރޭގައި ފައިސާގެ ގޮތުން ކުރި ބޮޑެތި ހޭދަތަކުގެ އިތުރުން، އެގައުމުގެ ރައްޔިތުން ފުރާނައިން ވީ ގުރުބާނީތަކުގެ އަގަކީ އަފްއާނިސްތާނަށް ދުވަހަކުވެސް އެމެރިކާއަށް އޭގެ އަގު އަދާ ނުކުރެވޭނެ ވަރުގެ ބޮޑެތި ގުރުބާނީތަކެއްގެ ގޮތުގައި ގިނަ ތަޖުރިބާކާރުން ދެކެއެވެ.

މިހަގީގަތް މިގޮތަށް އޮވެމެ، އެމެރިކާ ސިފައިން އަފްއާނިސްތާން ދޫކޮށް ބޭލުމަށް މީގެ ދެމަސްކުރިން، ނިންމުމަށްފަހު އެމެރިކާގެ ރައީސް ޖޯބައިޑްން އޭރު ވިދާޅުވަފައިވަނީ، އެމެރިކާ ސިފައިން އެގައުމު ދޫކޮށް ދިޔަނަމަވެސް، އަފްއާނިސްތާންގެ ސަމާލަތީ ކަންކަން ބެކެލެހެއްޓުމުގެ ގާބިލްކަން، ގޮންޖެހުންތަކާ އެކުނަމަވެސް އެގައުމުގެ އަސްކަރިއްޔާގައި ހުންނާނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމުގައެވެ.

އެހެންނަމަވެސް، ބައިޑްން މިގޮތަށް ވިދާޅުވިތާ ދެމަހެއްހާ ދުވަސް ފާއިތުވެ ނުދަނީސް، ތާލިބާނުން މިވަނީ، އަފްއާނިސްތާނުގެ ވެރިރަށް ކާބުލް އެމީހުންގެ ބާރުގެދަށަށް ގެނެސް، އެމެރިކާގެ ތާއީދުއޮތް ސަރުކާރު އެގައުމުގެ ވެރިކަމުން ދުރުކޮށްފައެވެ.

20 އަހަރުވަންދެން، އެމެރިކާއިން ކުރިހާ ޚަރަދަކާއި، ވީހާ ބޮޑެތި ގުރުބާނީތަކެއް، މަދު ހަފްތާތަކެއްގެ ތެރޭގައި، ބޭކާރުވެ، އަނެއްކާވެސް، އަފްއާނިސްތާނުގެ ތާރީޚުން އާސަފުހާއެއް މިވަނީ ހުޅިވިގެން ގޮސްފައެވެ. 20 އަަހަރުފަހުން، އެމެރިކާގެ ދުޝްމަނުން، ތާލިބާނުން އަފްއާނިސްތާނުގެ ވެރިކަމަށް އެބުރި އައީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *