އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލި އިހުސާން އެމްއެންޕީއާ ގުޅިވަޑައިގެންފި ކަމަށް ޚަބަރު އޮންލައިނަށް މަޢުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްއެންޕީއާއި ގުޅިވަޑައިގަތުމަށްފަހު އަލީ އިހުސާން ގެންދަވަނީ، އެމްއެންޕީގެ މަސައްކަތުގައި ރަސްމީ ސިފައެއްގައި ހަރަކާތްތެރި ވަމުންނެވެ.
އަލީ އިހުސާން އެމްއެންޑީއެފްގެ ކެޕްޓަންކަމުގެ މަގާމު އަދާ ކުރެއްވުމަށް މަގާމުން އިސްތިއުފާ ދެއްވިފަހުން، އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، އާއިލީ ވިޔަފާރީގައެވެ. އެގޮތުން އޭނާ މިހާރު އަދާ ކުރައްވަމުން ގެންދަވަނީ، ހެޕީ މާރކެޓްގެ ސީއީއޯކަމުގެ މަގާމެވެ.
އަލީ އިހުސާން އެމްއެންޕީއާއި ގުޅިވަޑައިގަތުމާއި ގުޅޭގޮތުން ރަސްމީ ސިފައެއްގައި އެމްއެންޕީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
އަލީ އިހުސާން އެމްއެންޕީއާ އަލަށް ގުޅިވަޑައިގެންނެވިއިރު، އޭނާ މީގެކުރިން އެއްވެސް ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރައްވާފައިވާ ކަމެއް އެގިފައެއް ނުވެއެވެ. އެހެންނަމަވެސް، އެމްޑީއެފްގެ އިސް މަގާމެއް އަދާކުރެއްވުމަށްފަހު، ސިފައިންގެ ޚިދުމަތާ ދުރަށް ވަޑައިގެންނެވި ހިސާބުން އޭނާ ގެންދަވަނީ، ސިޔާސީ ގިނަ ކަންކަމުގައި އަދި ގައުމީ މުހިންމު ކަންކަމުގައި އަމިއްލަފުޅު ޚިޔާލު ފުޅާދާއިރާއެއްގައި ފާޅު ކުރައްވަމުންނެވެ.
އަދި ވަކީން ޚާއްސަކޮށް، އޭނާ ފާހަގަ ކުރެވިގެން ގޮސްފައިވަނީ، ފަހަކަށް އައިސް، އިންޑިއާސަރުކާރާ މިސަރުކާރާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ރާއްޖޭގައި ހިގަމުންދާ އިންޑިއާ ސަރުކާރާ ގުޅުންހުރި ގިނަ ކަންކަމުގައި ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.
ކެޕްޓަން އަލީ އިހުސާންގެ އިތުރުންވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް ހަރަކާތްތެރި ވަމުންދާ އެހެން ބައެއް ބޭފުޅުންވެސް ދަނީ އެންއެންޕީއާއި ގުޅިވަޑައި ގަންނަވަމުންނެވެ. އޭގެތެރޭގައި، ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި ޕީޕީއެމްގެ ވެރިކަމުގައި އިންޑިއާގެ ސަފީރުކަން ކުރެއްވި އަހުމަދު މުހައްމަދު (އަންޑޭ)ވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންވެސް މިހާރު އެމްއެންޕީއަށް ސޮއި ކުރައްވާފައިވާ ކަމަށްވެސް ވަނީ މައުލުމާތު ލިބިފައެވެ.
އެމްއެންޕީން ހާމަ ކޮށްފައިވާ ގޮތުގައި ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށްޓަކާ ރާއްޖެތެރޭގެ އެކިރަށްތަކަށް ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރަށް އަވަހަށް ޕާޓީގެ ވަފުދެއް އައްޑުއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިވައެވެ. އަދި މިދަތުރުގައި އައްޑޫގެ ވަރަށް އިސްބޭފުޅުންކޮޅެއް އެމްއެންޕީއަށް ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެޕާޓީން މިހާރު ގެންދަނީ، އައްޑު އަތޮޅު ހިތަދޫގައި އެޕާޓީގެ އޮފީހެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެންޕީއަށް މެންބަރުން ހޯދުމަށް ގިނަ ހަރަކާތްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މިއަހަރުގެ ސެޕްޓްމަބަރު މަހު ޕާޓީ އުފައްދަން ޖަލްސާއެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މީގެކުރިން ކާނަލް ނާޒިމް ވިދާޅުވެފައި ވެއެވެ.
އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފަ އެވެ.