ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނާމެދު ރުޅިވެރިކަން އުފެދޭ ގޮތަށް މީސްމީޑިޔާ ބޭނުންކުރުން ޤައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް މަނާކޮށްފިއެވެ.
ޔުނިވާސިޓީގެ ކައުންސިލުންވަނީ ޔުނިވާސިޓީގެ މުވައްޒަފުން ސޯޝަލް މީޑިޔއާ ބޭނުންކުރުމުގައި ހިފަހައްޓަންޖެހޭ އުސޫލުތައް ފާސްކޮށްފައެވެ. އެ އުސޫލުގައި މުވައްޒަފުންނަށް މީސްމީޑިއާއާއި އިތުރު އެހެން މަންސަތައް ބޭނުންކޮށްގެން ހާމަކުރުން އެކަށީގެންވާ ކޮންޓެންޓާއި އެކަށީގެންނުވާ ކޮންޓެންޓު ކަނޑައަޅާފައިވެއެވެ. ޔުނިވަސިޓީ މުވައްޒަފުން ސަރުކާރާއި ދެކޮޅަށް ހިޔާލު ފާޅުކުރުން މަނާކުރިއިރު ޔުނިވަސިޓީ ގާނޫނު ބުނާ ގޮތުން ޔުނިސިޓީއަކީ މިނިވަން ވަކި ގާނޫނީ ޝަހްސެކެވެ.
ސޯޝަލް މީޑިއާގައި ޔުނިވާސިޓީ މުވައްޒަފުން ހާމަކުރުން އެކަށީގެންނުވާ ޚިޔާލުތައް ނުވަތަ ކޮންޓެންޓުގެ ތެރޭގައި ޤައުމުގެ ހަމަޖެހުމާއި އަމަން ގެއްލިދާނެ ނުވަތަ ޖަގަޑާ ނުވަތަ ގަޑުބަޑުކަމަށް މަގުދައްކައިފާނެ ކޮންޓެންޓު ހިމަނާފައިވެއެވެ. އަދި އިސްލާމްދީނަށް ތައުހީނުކުރާ ކޮންޓެންޓުވެސް ވަނީ މި ބާވަތުގެ ކޮންޓެންޓުގެ ތެރޭގައި ހިމަނާފައެވެ.
މީގެ އިތުރުން ރައްޔިތުން ހޮވާފައިވާ ސިޔާސީ މަޤާމެއްގައި ހުރި މީހަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މަޤާމެއްގައި ހުރި މީހަކާ މެދު ރުޅިވެރިކަން އުފައްދައިފާނެ ކޮންޓެންޓު ތަކާއި، ޔުނިވަރސިޓީ މަސްލަޙަތަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކޮންޓެންޓުތަކުގެ އިތުރުން ކަމާބެހޭ ފަރާތްތަކުގެ ހުއްދަނެތި ހާމަ ކުރެވޭ ދަރިވަރުންގެ ނުވަތަ މުވައްޒަފުންގެ ނުވަތަ އެހެންވެސް ސިއްރު މަޢުލޫމާތު ހާމަ ނުކުރެވޭނެކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް މުވައްޒަފުންގެ މެދުގައި އޮންނަ އެއްގާނިކަން ގެއްލޭ ނުވަތަ ސުޕަރވައިޒަރުން މުވައްޒަފުންގެ ސުލޫކު ހިފެހެއްޓުމަށް ހުރަސް އެޅިދާނެ ކޮންޓެންޓުތަކާއި، ސްޕަރވައިޒަރަށް ވަފާތެރިކަމާއި އިތުބާރު ބޭނުންވާ މަސައްކަތު މާހައުލުގެ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާ ކޮންޓެންޓުތަކާއި، މުވައްޒަފުންގެ ރަސްމީ މަސައްކަތް ކުރުމަށް ހުރަސް އެޅޭ ކޮންޓެންޓުގެ އިތުރުން ޔުނިވަރސިޓީގެ ޢާއްމު ޚިދުމަތްތަކާއި އޮޕަރޭޝަން އަށް ދަތިތަކެއް ކުރިމަތިވެދާނެ ކޮންޓެންޓު ނުކުރެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ޤަވާޢިދުގައި ބުނެފައިވާ ގޮތުން އެއިން ކޮންޓެންޓެއް ހިއްސާކުރުމާ ގުޅިގެން އިސްލާހީ ފިޔަވަޅު އެޅުމުގައި ބަލާނީ އެ ކޮންޓެންޓުގެ ސަބަބުން ޔުނިވާސިޓީގެ މަސައްކަތް އޮމާންކޮށް ހަރުދަނާކޮށް ފޯރުކޮށްދިނުމަށް އެ ކޮންޓެންޓުން ކުރާ އަސަރަށެވެ. ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ދީނީ އިލްމުވެރިޔާ އަދި އެ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އިޔާޒް ވަކި ކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ވަނީ ހުށަހަޅާފައެވެ.