ސައްހަ ނޫން ބެންކް ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފުލުހުން އިސްނަގައިގެން މާލެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ވަނީ ފައިސާ ލިބުމުން ނޫނީ މުދާ ނޫކުރުމަށް އިލްތިމާސް ކުރައްވަފައެވެ.
ފުލުހުން މިފަދަ ޕްރޮގުރާމެއް ހިންގާފައިވާއިރު މިލިއަނެއްހާ ރުފިޔާގެ ފޭކު ބޭންކު ސްލިޕް ބޭނުންކޮށްގެން ތިން ފިހާރައަކުން ވައްކަން ކުރި މައްސަލައިގައި މީހަކު ވަނީ ދާދިފަހުން ހައްޔަރުކޮށްފައެވެ. އެ މީހާ ގެންދިޔަ މުދާތަކުގެ ތެރެއިން ވެރިފަރާތް ހޯދިފައިވާ ފަރާތްތަކާ ބައެއް މުދާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމްް ޑިޕާޓްމަންޓާއި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އިތުރުން ނެއިބަރ ހުޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މާލޭގެ އުތުރުފަރާތު ބަނދަރު ސަރަހައްދުގެ 147 ފިހާރައަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، ފިހާރަތަކުން އެ ބުނެފައިވާ އެކައުންޓަށް ފައިސާ ޖަމާކުރިކަމަށް ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފިހާރަތަކުގެ ސޭޓުންނަށް ނަސޭހަތްތެރިވެފައި ވެއެވެ.
އަދި ފައިސާ ލިބުނުކަން ޔަގީންކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށާއި، ސްލިޕްގައިވާ މައުލޫމާތު ރަނގަޅަށް ޗެކު ކުރުމުގެ އިތުރުން އެކައުންޓް ނަންބަރު އަދި ފައިސާގެ އަދަދު ކަށަވަރު ކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ފައިސާ ޓްރާންސްފަރ ކުރި ތާރީހާއި ގަޑީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން ޓްރާންސްފަރ ކުރި މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ފޯނު ނަންބަރު ނޯޓު ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
އޭގެ އިތުރުން، ފައިސާ ޓްރާންސްފަރ ކުރި ސައްހަ ސްލިޕް ލިބުނުކަމުގެ ޔަގީންކަން ދިނުމާއެކު ޗެޓްލޮގް ސްކްރީން ޝޮޓް ނަގައި ސޭވް ކުރުމަށާއި، ހިނގާފައިވާ މުއާމަލާތުގައި ޝައްކުކުރެވޭފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ފުލުުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ފިހާރަތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިޔަ އެ ޕްރޮގްރާމްގައި، މަކަރާއި ހީލަތުގެ މައްސަލަތަކުން ވިޔަފާރިވެރިން ރައްކާތެރިކުރުމަށް މައުލޫމާތު ހިމެނޭ ސްޓިކާއެއް ޒިޔާރަތް ކުރެވުނު ކޮންމެ ފިހާރައެއްގައިވެސް ވަނީ ތަތްކޮށްފައެވެ.