ދ. އަތޮޅު ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓްގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެ ކޮޓަރީގައި ރޯވާން މެދުވެރިވި ސީދާ ސަބަބެއް އަދި ނޭނގޭއިރު، ރިސޯޓުގެ މުވައްޒަފުން ރޯވި އަލިފާންގަނޑު ނިއްވާލާފައި ވާކަމަށް އެރިސޯޓުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އޭނާ ބުނީ އަލިފާން ރޯވީ މިރޭ 8:30 ހާއިރު ކަމަށާއި ރޯވީ ގާތްގާތުގައި ހަދާފައިހުރި މޫދުކޮޓަރިތަކެއްގެ ތެރެއިން އެއް ކޮޓަރީގައި ކަމަށެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ދިނުމުން ސިފައިން އެ ރިސޯޓަށް ދިޔައިރު މުވައްޒަފުން އަލިފާން ނިންވާލާފައި ވާކަމަށް ރިސޯޓުން ވާހަކަދެއްކި މީހާ ބުންޏެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށްވެސް އޭނާ ބުންޏެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ.