ކޮވިޑާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުންތައް ކުޑަކުރަން، އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ތައާރަފްކުރި ރިލީފް ލޯނު ސްކީމުގެ ތެރެއިން، ވީހާވެސް ގިނަ ފާރާތްތަކަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެސް.ޑީ.އެފް.ސީ އިން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ވަރަށް ބޮޑަށް ލުއި ކޮށްފައިވާއިރު، 30 އެޕްރިލް 2021ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ލޯނު ދޫކުރެވިފައިވަނީ %52އަށް ކަމަށް، އޮޑިޓް އޮފީހުން އާންމު ކޮށްފައިވާ، މި ލޯން ސްކީމުގެ ޕާރފޮމަންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓް ރިޕޯޓުގައި ވާގޮތުން، ރިލީފް ލޯނު ލިބިފައިވާ ފަރާތްތަކާއެކު އޮޑިޓް އޮފީހުން ކުރި ސާވޭގައި، ވިޔާފާރި ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް 3 މަހަށް ބޭނުންވާ ފައިސާ ލޯނު މެދުވެރިކޮށް ލިބުނު ކަމަށް ސާވޭއަށް އިޖާބަދިން %66 ފަރާތުން ބުނެފައިވާއިރު، ލޯނަށް ލިބުނު ފައިސާއިން 3 މަހުގެ މުވައްޒަފުންގެ މުސާރަ ހަމަޖެއްސޭނެ ކަމަށް ބުނެފައިވަނީ %65 ފަރާތަކުންނެވެ.
އޮޑިޓް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓުގައި ވާގޮތުން ލޯނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން، 705 ފަރާތަކަށް ޝަރުރު ފުރިހަމަ ނުވުމުގެ ސަބަބުން ލޯނު ލިބިފައެއް ނުވެއެވެ. މިގޮތުން ޝަރުތު ހަމަނުވިކަމަށް އެސް.ޑީ.އެފް.ސީއިން ބަޔާން ކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތުގެ ނުވަތަ ވިޔަފާރީގެ އާމްދަނީ ކަށަވަރު ކުރެވޭ ވަރަށް ލިޔެކިޔުން ނެތުމާއި، ލިޔެކިޔުން ހާމަކުރުމަށް ދޭ މުއްދަތުގައި ލިޔެކިޔުން ފުރިހަމަ ނުކުރުމާއި، ހުށަހަޅަންޖެހޭ ކެޓަގަރީ ނޫން އެހެން ކެޓަގަރީއަކަށް ފޯމު ހުށަހެޅުމާއި، އިންކަން ސަޕޯޓު އެލަވަންސް ހަމަޖެހިފައިވާ ފަރާތްތަކުން ލޯނަށް އެދި ހުށަހެޅުންވެސް ހިމެނެއެވެ.
ކޯވިޑް19 އާއި ގުޅިގެން ސަރުކާރުން ދޫކޮށްފައިވާ ރިކަވަރީ ލޯންތަކުގެ މި ޕާފޯމަންސް އޮޑިޓުގައިވާ ގޮތުން، ކޯވިޑް19 ވިޔަފާރި އެހީއަށް އެދި، 30 އެޕްރިލް 2021ގެ ނިޔަލަށް ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ވިޔަފާރިތަކަށް، 343،477،423 (ތިންސަތޭކަ ސާޅީސް ތިން މިލިއަން ހަތަރުސަތޭކަ ހަތްދިހަ ހަތް ހާސް ހަތަރު ސަތޭކަ ތޭވީސް) ރުފިޔާ ދޫކޮށްފައި ވާއިރު، އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް 19،817،000 (ނަވާރަ މިލިއަން އަށްސަތޭކަ ސަތާރަ ހާސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެގޮތުން ވިޔަފާރި އެހީގެ ގޮތުގައި އެސް.ޑީ.އެފް.ސީއިން ދޫކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާފައިވާ 400 މިލިއަން ރުފިޔާގެ ތެރެއިން 363،294،423 (ތިން ސަތޭކަ ފަސްދޮޅަސް ތިން މިލިއަން ދުއިސައްތަ ނުވަދިހަ ހަތަރު ހާސް ހަތަރު ސަތޭކަ ތޭވީސް) (%91) ރުފިޔާގެ ލޯނު 30 އެޕްރިލް 2021ގެ ނިޔަލަށް ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ދޫކުރެވިފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
އޮޑިޓް ރިޕޯޓުގައި ވާގޮތުން، ލޯނުގެ ގޮތުގައި ލިބިފައިވާ ފައިސާއިން 3 މަހުގެ މުއްދަތަށް ވިޔަފާރި ދެމެހެއްޓޭނެ ކަމަށް ލޯނު ލިބުނު ފަރާތްތަކުގެ ތެރެއިން އޮޑިޓްގައި ކުރެވުނު ސާވޭއިން ބުނެފައިވަނީ %58 މީހުންނެވެ. އަދި މި ލޯނު ދޫކުރުމަށް ދައުލަތުން ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓާމެދު ހިންހަމަޖެހޭ ކަމަށް ބުނެފައިވަނީ ސާވޭގެ ބައިވެރިންގެ ތެރެއިން %47 މީހުންނެވެ. އަދި ލޯނު އަބުރާ ދައްކަން ޖެހޭ މުއްދަތާ ދޭތެރޭ އެއްބަސް ވެވޭކަމަށް ބުނެފައިވަނީ %44 ބައިވެރިންނެވެ.