ކޮވިޑާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުންތައް ކުޑަކުރަން، އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ރިލީފް ލޯނު ނެގި ބައެއް ފަރާތްތަކުން، އެސް.ޑީ.އެފް.ސީ އާއި އެފަރާތްތަކާ ދެމެދުވެވުނު އެއްބަސްވުމާ ޚިލާފަށް މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފައިވާކަން، އެސް.ޑީ.އެފް.ސީ މެދުވެވިކޮށް ދޫކޮށްފައިވާ ރިކަވަރީ ލޯން ސްކީމުގެ ޕާރފޯމަންސް އޮޑިޓުގައި ބުނެފިއެވެ.
ކޯވިޑް19އާއި ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދަށާއި، ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރާއި މިރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކަށާއި، ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަގަޅު އަސަރުތަކުން އަރައިގަތުމަށް ދައުލަތުގެ ފަރާތުން އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ދޫކޮށްފައިވާ ލޯންތަކުގެ ޕާރފޮމަންސާ ގުޅޭގޮތުން އޮޑިޓް އޮފީހުން ތައްޔާރު ކޮށްފައިވާ މިރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން، ކޯވިޑް19 ރިކަވަރީ ލޯނު ދޫކުރެވޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގައި ހިމެނޭ އެންމެ މުހިންމު އެއްކަމެއް ކަމުގައިވާ، ލޯން ނަގާ ފަރާތުން ލޯންގެ ފުރަތަމަ ބައިގެ ފައިސާ ލިބޭ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ނުވަތަ ވަޒީފާގެ އެއްބަސްވުމާ ޚިލާފްވެގެން ނޫން ގޮތަަކަށް އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާކަން ކަށަވަރު ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ތައްޔާރު ކޮށްފައިވާ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އެސް.ޑީ.އެފް.ސީއިން ބަލަމުން ގެންދިއުން ހިމެނިފައިވެއެވެ.
މިގޮތުން ލޯނު ނެގިފަރާތްތަކާ، އެސް.ޑީ.އެފް.ސީއާއި ދެމެދު ވެވިފައިވާ މި އެއްބަސްވުމާ ޚިލާފަށް ބައެއް ފަރާތްތަކުން މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފައިވާކަން އޮޑިޓަށް ފާހަގަ ކުރެވި، އެކަން މިހާރު މިނިސްޓްރީ އޮފް ފިނޭންސްގެ ސަމާލުކަމަށްވެސް ގެނެވިފައިވާނެ ކަމަށްވެސް މި އޮޓިޑް ރިޕޯޓުގައި ބުނެފައި ވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ބުނެވިދިޔަ ހާލަތުގައި ނޫން ގޮތަކަށް ދިވެހި މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފިނަމަ، ލޯން އިންޓަރެސްޓުގެ ގޮތުގައި އަހަރަކު އިތުރު %8 ނެގުމަށް ލޯން އެއްބަސްވުމުގައި ބަޔާން ކޮށްފައި ވެއެވެ. އަދި އެކަން ކަށަވަރު ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ތައްޔާރު ކޮށްފައިވާ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އެސް.ޑީ.އެފް.ސީއިން ބަލަމުން ގެންދާކަންވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
އެހެންނަމަވެސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ލޯނު ނެގި ބައެއް ފަރާތްތަކުން މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފައިވާއިރު، އަނެއްބައި ފަތާތްތަކުން، އެއްބަސްވުމާއި ޚިލާފަށް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ބަދަލުގައި މުސާރަ ނުލިބޭ ޗުއްޓީ ދީފައިހުރިކަން މި ކުރެވުނު އޮޑިޓަށްވަނީ ފާހަގަވެފައެވެ. ނަމަވެސް ސެންކްޝަން ލެޓަރ ބުނެފައިވާ ގޮތަށް "މުވައްޒަފުން ވަޒީފާއިން ވަކިކުރުން" ކަމުގައި މިފަދައިން މުސާރަ ނުލިބޭ ޗުއްޓީ ދިނުން ނުބެލެވޭތީ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު އިތުރު %8 ނެގުމުގެ ފުރުސަތު އެސް.ޑީ.އެފް.ސީއަށް ނުލިބޭނެކަންވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
އެހެންނަމަވެސް، މިފަދައިން ފާހަގަ ކުރެވިފައިވާ ވިޔަފާރިތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ރައުޔު ހޯދުމަށް އެސް.ޑީ.އެފް.ސީއެފަރާތްތަކުގެ އެދިފައި ވާކަންވެސް އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި، މިގޮތުން މުސާރަ ނުލިބޭ ޗުއްޓީ ދީފައިވާ މުވައްޒަފުންނަށް "ކޯވިޑް19 އާއި ގުޅިގެން އާމްދަނީއަށް ނުރަގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް ދިނުމާގުޅޭ އުސޫލު"ގެ ތެރެއިން އެލަވަންސް ޝަރުރު ހަމަވާތީ، އެ މުވައްޒަފުންނަށް ދައުލަތުން އިތުރު ޚަރަދު ކުރަން ވަނީ ޖެހިފައެވެ.
މިގޮތުން ވިޔަފާރިތަކަށް ވާރކިން ކެޕިޓަލް ހަމަޖެއްސުމަށް ލޯނުގެ ގޮތުގައި ފައިސާ ދިނުމުގެ އިތުރުން، އެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް އިންކަމް ސަޕޯޓު އެލަވަންސް ދައުލަތުން ދޭންޖެހުމަކީ، ސަރުކާރުން އަމާޒުކުރި ނަތީޖާ ނެރުމަށް ހުރަސް އެޅޭ ކަމެއްކަމަށާއި، ދައުލަތަށް އޭގެ ބުރަ ބޮޑުވާނޭކަމެއް ކަންވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.