ކޯވިޑް-19އަށް ޓެސްޓު ކުރުމަށްޓަކައި ހދ.ކުޅުދުއްފުށިން ފަހުން ނެގި ހުރިހާ ރެންޑަމް ސާމްޕަލެއްވެސް ނެގެޓިވްވެފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށިން ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މިހާރުވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. އެޗްއީއޯސީން ވިދާޅުވީ ކޯވިޑް-19އަށް ޓެސްޓު ކުރުމަށްޓަކައި ރެންޑަމް ސާމްޕަލް ނެގުމަށް އެރަށުގައި ކުރިއަށްގެންދިޔަ ދެވަނަ ބުރުގައި 100 ރެންޑަމް ސާމްޕަލް ނަގާފައިވާކަމަށެވެ.
އެޗްއީއޯސީގެ އެޓޯލް ޕްރިޕެއަރޑްނަސްގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ޢަބްދުﷲ މައުރޫފް ވިދާޅުވީ ކުޅުދުއްފުށި މޮނިޓަރިންގގެ ޙާލަތަށް ގެނައިފަހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި އައި 84 މީހަކުވެސް ކޯވިޑް-19އަށް ޓެސްޓުކޮށްފައިވާކަމަށެވެ. ނަމަވެސް އެ އެންމެންވެސް ނެގެޓިވް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށިން ރެންޑަމް ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ކުރިއަށްގެންދިޔަ ދެވަނަ ބުރުގައި ރަށުން ހޮވާލެވުނު 15 ގެކައުން 15 މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކޮށްފައިވެއެވެ. އަދި މީހުން އާއްމުކޮށް ޚިދުމަތް ހޯދަންދާ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ ސާމްޕަލްވެސް ވަނީ ނަގާފައެވެ.
"ކެފޭ ރެސްޓޯރަންޓާއި ފިހާރަތަކުން 25 ސާމްޕަލް، އާއްމު ޚިދުމަތްދޭ ތަންތަން، މިސާލަކަށް ބޭންކް އެއަރޕޯޓްފަދަ ތަންތަނުން 9 ސާމްޕަލް، 11 ޓެކްސީ ޑްރައިވަރުންގެ ސާމްޕަލްވެސް ނެގިން. ހުރިހާ ސާމްޕަލްވަނީ ނެގެޓިވް". އަބްދުﷲ މައުރޫފް ވިދާޅުވިއެވެ.
ކޯވިޑް-19އަށް ޓެސްޓު ކުރުމަށް ކުޅުދުއްފުށިން ފުރަތަމަ ނެގި 120ސާމްޕަލްވަނީ ނެގެޓިވްވެފައެވެ. އަދި ދެވަނަ ބުރުގައި ނެގި 100 ރެންޑަމް ސާމްޕަލްވެސް މިވަނީ ނެގެޓިވް ވެފައެވެ.
ކުޅުދުއްފުށިން ކޯވިޑް-19 ޖެހިފައިވާ ފުލުހަކު ފެނުމާއި ގުޅިގެން އެރަށުގައި ލޯކަލް ޓްރާންސްމިޝަނެއް އޮތްކަން އެޗްއީއޯސީން ހާމަކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ކުޅުދުއްފުށީގައި މިވަގުތުވެސް ކޯވިޑް-19 ޖެހިފައިވާ 9 މީހަކު އެބަތިއްބެވެ. އެއީ އަލާމާތްތައް ހުރެގެން ޓެސްޓު ހެދިއިރު ބައްޔަށް ޕޮޒިޓިވްވި މީހަކާއި، ރެންޑަމް ސާމްޕަލްއިން ޕޮޒިޓީވްވި ދެ މީހުންނާއި، 6 ކޮންޓެކްޓުންނެވެ. މި އެންމެންނަކީވެސް އެއް ކްލަސްޓަރއަކަށް ނިސްބަތްވާ މީހުންކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.