15 ޖަމިއްޔާއަކަށް 2.9 މިލިއަން ރުފިޔާ ސަރުކާރުން ދީފި

15 ޖަމިއްޔާއަކަށް 2.9 މިލިއަން ރުފިޔާ ސަރުކާރުން ދީފި

Author
މުޙައްމަދު ޝަޒައިމް
11 އޮގަސްޓް 2021 07:37
0

މުޖުތަމަޢު ބާރުވެރިކުރުމަށް ޖަމިއްޔާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ސަރުކާރުން އެހީވުމުގެ ގޮތުން، 15 ޖަމިއްޔާއަކަށް މާލީ އެހީދީފިއެވެ.

ސަރުކާރުގެ އެހީގައި މަދަނީ ޖަމުއިއްޔާތައް ބާރުވެރިކުރުވާ، ޖަމިއްޔާތަކުގެ މަސައްކަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ. މި ވަޢުދުގެ ދަށުން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ހުޅުވާލީ، ޖަމިއްޔާތަކުން ކުރިއަށްގެންދިއުމަށް ބޭނުންވާ މުހިންމު ޕްރޮޖެކްޓަކަށް ސަރުކާރުގެ ފަރާތުން މާލީ އެހީދިނުމަށެވެ. ފުރުޞަތު ހުޅުވާލީ އެންމެ މަތިން ޕޮއިންޓް ލިބޭ 15 ޕްރޮޖެކްޓަކަށް މާލީ އެހީ ދިނުމަށެވެ.

މިންގަނޑުތަކަށް ބެލުމަށްފަހު މިހާރު ވަނީ އެންމެ މަތިން ޕޮއިންޓް ލިބުނު 15 ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ޖަމުއިއްުޔާތަކާއި ފައިސާ ހަވާލުކޮށްފައެވެ. މި ޖަމުއިއްޔާތަކާއި ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.އަބްދުﷲ މަޢުސޫމްއެވެ. އެންޖީއޯތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލި ފުރުޞަތުގަ 62 ޖަމިއްޔާއަކުން ޕްރޮޕޯސަލް ހުށައެޅިއެވެ. މާލީ އެހީ ދިނުމަށް ހޮވުނު ޕްރޮޖެކްޓްތަކުގެ ތެރޭގައި ތިމާވެއްޓާމެދު މީހުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާއި ރަށްރަށުގައި އިޖްތިމާޢީ ސަރަޙައްދުތައް ޤާއިމުކުރުމާ، މުޖުތަމަޢުއަށް ޤާނޫނީގޮތުން އެހީ ދިނުމުގެ ޕްރޮޖެކްޓްތަކާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުމުގެ ޕްރޮޖެކްޓްތަކެވެ.

އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަޢުޞޫމް ވިދާޅުވީ ޖަމިއްޔާތަކުން ކުރާ މަސައްކަތަކީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަށް ލިބިގެންދާ ބޮޑު އެހީއެއްކަމަށެވެ. އަދި މިފަހަރުގެ އެހީ ހަވާލުކުރި ޖަމިއްޔާތަކުގެ ޕްރޮޖެކްޓްކަކީވެސް ސަރުކާރުގެ ސިޔާސަތާ ގުޅޭ، އެރަށެއްގެ ކައުންސިލް އަދި ރައްޔިތުންނަށް އެންމެ ބޭނުންތެރި ޕްރޮޖެކްޓްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 15 ޖަމިއްޔާއިން ހުށައެޅި ޕްރޮޖެކްޓްތަކަށް ޖުމްލަ 2.9 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ މަޢުޞޫމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.