ބާސެލޯނާގެ ލެޖެންޑް ލިއޮނަލް މެސީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.
މެސީ ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ޖޫން މަހުގެ 30 ވަނަ ދުވަހު ބާސެލޯނާއާއެކު މެސީ ހަދާފައި އޮތް އެއްބަސްވުން ހަމަވެފައިވާއިރު، ބާސާއިން ވަނީ މެސީގެ އެއްބަސްވުން އާކުރަން މަސައްކަތްކޮށްފައެވެ. އެކަމަކު ލަލީގާގެ މާލީ ގަވާއިދުތަކުގެ ސަބަބުން ބާސާއަށް ޖެހުނީ ފަހު ވަގުތު މެސީ ދޫކޮށްލާށެވެ.
34 އަހަރުގެ ފޯވާޑް ޕީއެސްޖީ އާ ގުޅެން ސޮއިކުރި އެއްބަސްވުމުގައި އިތުރު އެއް އަހަރު ދުވަހަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަނީ ހިމަނާފައެވެ.
ޕީއެސްޖީއާއެކު ވެވުނު އެއްބަސްވުމާއި އެކު މެސީއަށް އަހަރެއްގެ މައްޗަށް 35 މިލިޔަން ޔޫރޯގެ މުސާރައެއް ލިބިގެންދާނެއެވެ. މީގެއިތުރުން ބޯނަސް ބައެއް ބައިތަކެއްވެސް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.
އުމުރުން 13 އަހަރުގައި ބާސެލޯނާގެ ޓީމާ ގުޅުނު މެސީ ވަނީ އެ ކްލަބަށް ކުޅުނު 778 މެޗުގައި 672 ލަނޑު ޖަހައިފަ އެވެ. ހަތަރު ޗެމްޕިއަންސް ލީގު ހިމެނޭގޮތަށް ބާސެލޯނާއާ އެކު މެސީ 35 ތަށި ހޯދި އެވެ.
މެސީ ޕީއެސްޖީއަށް ސޮއިކުރިންކަން އެ ކްލަބުން ރޭ ޔަގީންކޮށްދީފައިވާއިރު، ޕީއެސްޖީގައި މެސީ ބޭނުންކުރާނީ 30 ނަންބަރު ޖާޒީއެވެ. ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށިއިރު މެސީ ބޭނުންކޮށްފައިވަނީ 30 ނަންބަރު ޖާޒީއެވެ.ބާސެލޯނާގައި މެސީ ބޭނުންކުރަމުން އައި 10 ނަންބަރު ޖާޒީ ޕީއެސްޖީގައި މިވަގުތު ބޭނުންކުރަނީ ނޭމާއެވެ.
ޕީއެސްޖީ ޓީމުގައި މެސީއާ އެކު ކުރިއަށް ކުޅޭނީ ދުނިޔޭގެ އެންމެ އަގުބޮޑު ދެކުޅުންތެރިން ކަމަށްވާ ނޭމާ އާއި ކިލިއަން އެމްބާޕޭ އެވެ. މި ތިން ކުޅުންތެރިންނާ އެކު ޕީއެސްޖީ ވެގެންދާނީ ދުނިޔޭގެ އެންމެ ވަރުގަދަ އެޓޭކެއް އޮތް ކްލަބަށެވެ.
ކޮމެންޓު ފޮނުވާ