ކަރީނާގެ ހަގު ދަރިފުޅުގެ ފުރިހަމަ ނަމާއި ފޮޓޯއެއް އެންމެފަހުން އާންމުކޮށްފި

ކަރީނާގެ ހަގު ދަރިފުޅުގެ ފުރިހަމަ ނަމާއި ފޮޓޯއެއް އެންމެފަހުން އާންމުކޮށްފި

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާނަށް ފުރަތަމަ ދަރިއަކު ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ. ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ކިޔާފައިވާ ނަމަކީ ތައިމޫރް އެވެ. އެއާއި އެކު ގިނަބައެއްގެ ނުރުހުން އެނަމަށް އަމާޒުވެގެން ދިއައެވެ. އެއީ އަނިޔާވެރި ރަސްކަލެއްގެ ނަންކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ އެނަން ބަދަލު ކުރުމަށް ގޮވާލުމަށެވެ.

ފާޑުކިއުންތަކާއި ކުރިމަތިވި ނަމަވެސް އެދެމަފިރިން ދަރިފުޅުގެ ނަން ބަދަލުކޮށްފައެއް ނުވެއެވެ. އެއާ ހިލާފަށް ތައިމޫރު ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ ހިތުން ޖާގަހޯދި ކުއްޖަކަށެވެ. މިހާރު ބޮލީވުޑްގެ އެންމެ މަގުބޫލު ސްޓަރ ކިޑުންގެ ލިސްޓުގެ އެންމެ މަތިން ކުޑަކުޑަ ތައިމޫރު ޖާގަ ހޯދައެވެ.

ކަރީނާ ވަނީ ދާދިފަހުން "ކަރީނާ ކަޕޫރު ހާންސް ޕްރެގްނެންސީ ބައިބަލް"ގެ ނަމުގައި، މާބަނޑު އިރުގެ ތަޖުރިބާތައް ހިމެނޭ ފޮތެއް ލިޔެ ޝާއިޢުކޮށްފައެވެ. އޭނާގެ ދެވަނަ ދަރިފުޅަށް 5 މަސްވެފައި ވަނިކޮށް ނެރުނު މި ފޮތުގައި އޭނާ މަޔަކަށް ވުމުގައި ތަޖުރިބާ ކޮށްފައިވާ ކަންތައްތައް ވަނީ ހިމަނާފައެވެ. ދެކުދިން ލިބުނު އިރު ކުރެވުނު ތަޖުރިބާތައް ތަފްސީލުކޮށް މި ފޮތުގައި ވަނީ ހިމަނާފައެވެ.

މި ފޮތުގައި ކަރީނާ ވަނީ އޭނާގެ ދެވަނަ ފިރިހެން ދަރިފުޅުގެ ފުރިހަމަ ނަން ހާމަކޮށްފައެވެ. އެގޮތުން އެކުއްޖާއަށް ކިޔަނީ ޖަހަންގިރް އަލީ ޚާން ކަން ފޮތުގެ ވަރަށް ފަހަތުގައި ހާމަކޮށްފައި ވެއެވެ. މީގެކުރިންވެސް ހަގު ދަރިފުޅުގެ ނަމަކީ "ޖެހް" ކަން އެ އާއިލާއިން ހާމަކޮށްފައި ވެއެވެ. އަދި ކަރީނާގެ ފޮތުގައިވެސް ފުރަތަމަކޮޅު ދަރިފުޅަށް ބޭނުންކޮށްފައި ވަނީ އެނަމެވެ. އެހެންނަމަވެސް ފޮތުގެ އެންމެ ފަހަތުގައި ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއްވެސް ފުރަތަމަ ފަހަރަށް އާންމުކުރަމުން ކަރީނާ ބުނެފައި ވަނީ ދަރިފުޅުގެ ފުރިހަމަ ނަމަކީ ޖަހަންގިރް ކަމަށެވެ.

ތައިމޫރެކޭ އެއްފަދައިން ޖަހަންގީރަކީވެސް ރަސްކަލެއްގެ ނަމެކެވެ. ނަމަވެސް މިފަދަ ގޮތަކަށް ދަރިންނަށް ނަންތައް ދިނުމުން ސޯޝަލް މީޑިއާގައި އެ ދެމަފިރިންނަށް ފާޑުކިއުމާއި ޖޯކުޖެހުންވެސް އަނެއްކާ ވަނީ އިތުރުވެފައެވެ. ހަމައެއާއެކު އެނަން ރީތިކަމަށް ބުނެވެސް ގިނަބަޔަކު ކޮމެންޓް ކުރަމުންގެންދާ ކަމަށް އެއާއިލާގެ ބައެއް މެމްބަރުން ވަނީ ބުނެފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *