ދިވެހި ފުލުހުންގެ މުވައްސަސާއަކި ގައުމުގެ އެތެރޭގެ ސަލާމަތީ ކަންކަމުގެ އެންމެ އުހުގައި އޮތް މުވައްސަސާއެވެ. އަދި ފާއިތުވެދިޔަ ދިގު ޒަމާންތަކުގައި ތަފާތު އެކި ގޮތްގޮތުން، އެކި ރޮގުރޮގުން މިމުވައްސަސާވަނީ ގައުމީ ޚިދުމަތުގެ އެތަކެއް ސަފުހާއެއް ކަޑައްތުކޮށްފައެވެ.
1933 ވަނަ އަހަރުގެ މާރޗްމަހުގެ 29ވަނަ ދުވަހު، އައްސުލްތާން މުހައްމަދު ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި، ގާނޫނަކުން، އެންމެ 120 އޮފިސަރުންނާއެކު ބިންގާ އެޅިގެން އައި ދިވެހި ފުލުހުންގެ ޚިދުމަތް އެކި ގޮތްގޮތަށް ނިއުޅެމުން ފޮރޮޅުމުން މިއަދާ ހަމައަށް އައިއިރު، އުފެދުމަށްފަހު، އާންމު ރައްޔިތުންނާ ހަމައަށް މިޚިދުމަތް ވަނީ މެދު ކެނޑުމެއްނެތި ފޯރުކޮށް ދެވެމުން އައިސްފައެވެ.
1978 ވަނަ އަހަރު ރައީސް މައުމޫން ވެރިކަމާ ހަވާލު ވެވަޑައިގަތުމަށްފަހު، ފުލުހުންގެ މުވައްސަސާ އަލުން އިންތިޒާމް ކުރައްވާ، އެމުވައްސަސާ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުގައި ވަކިން މަސައްކަތް ކުރާ މުވައްސަސާއެއްގެ ގޮތުގައި ގާއިމް ކުރައްވާފައިވެއެވެ. އަދި އެއާއިއެކު، އެއް ޔުނީފޯމެއްގެ ދަށުން ފުލުހުން މަސައްކަތް ކުރަމުން އައިނަމަވެސް، ސިފައިންގެ މަސައްކަތް ބައްޓަން ކުރެވިގެން އައީ، ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ގޮތުގައެވެ.
ރައީސް މައުމޫންގެ ދިގު ވެރިކަމުގައި، ދިވެހި ފުލުހުންގެ މުވައްސަސާ ތަރައްގީ ކުރުމަށް ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ބަދަލަކީ، 1999 ވަނަ އަހަރު، ފުލުހުންގެ މުވައްސަސާގެ ރަސްމީ މަސައްކަތްތައް ޝަހީދު ހުސެން އާދަމް ބިލްޑިންގއަށް ބަދަލުކުރުމާއެކު، އަދި 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމުގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ ކުރެވިގެން މުޅިން އާ މުވައްސަސާއެއްގެ ގޮތުގައި އާންމު ރައްޔިތުންނާ ހަމައަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްވެން ފެށުމެވެ.
އެއަށްފަހު، ދިވެހިރާއްޖޭގެ ވރިކަމުގެ ނިޒާމަށް އައި ބޮޑެތި ބަދަލުތަކާއެކު، 2008ވަނަ އަހަރުގެ އާގާނޫނު އަސާސީގެދަށުން ރާއްޖޭގެ ވެރިކަމުގެ އޮނިގަޑަށް ޑިމޮކްރަޓިކް ބޮޑެތި ބަދަލުތަކެއް ގެނެވި، ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް އެއޮނިގަޑާއެކީ ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަކަށް ކޮށްލަން ޖެހެއެވެ. ވަސީލަތްތަކުގެ ގޮތުންނާއި، ޓެކްނޮލިޖީއާއި އިންސާނީ ވަސީލަތްތަކުގެ ގޮތުންވެސް ދިވެހި ފުލުހުން ފާއިތިވެދިޔަ ކުރު މުއްދަތެއްގެ ތެރޭގައި ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް މިގޮތުން ފާހަގަ ކޮށްލެވެއެވެ.
ގައުމުގައި ހިގާ ސިޔާސީ ކަންކަމުގެ ޝިކާރައަކަށް ފުލުހުން!
ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވެގެން ދިއުމަށްފަހު ކަޑައްތުކުރި، ފާއިތުވެދިޔަ 13 ވަރަކަށް އަހަރަކީ ނުހަނު ހަލަބޮލިކަން ބޮޑު އަހަރުތަކެކެވެ.
މީގެތެރޭގައި ޑިމޮކްރަސީ ތައާރަފްވެގެން އައި ދުވަސްވަރު، ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް އޭރު ނުކުތް ފަރާތްތަކުގެ ކިބައިން ފުލުހުންނަށް ކުރިމަތިވެގެންދިޔަ ފުރައްސާރައާއި ފާޑު ކިޔުންތަކާއި، އަދި އެއަށްފަހު 2012ވަނަ އަހަރު ވެރިކަން ބަދަލުވެގެން ދިޔަ ދަޑިވަޅުގައި، ހާދިސާތައް ހިގައިދިޔަ ދުވަހު ފުލުހުން އަދާކޮށްފައިވާ ދައުރާ ގުޅޭގޮތުން އޭގެފަހުން ފުލުހުންނަށް އަމާޒުވެގެންދިޔަ ފާޑު ކިއުންތަކާއި، އަދި ޖެހިގެން އައި، ރައީސް ވަހީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފަރާތުން ފުލުހުންނަށް ކުރިމަތިވެގެންދިޔަ ގިނަގުނަ ގޮންޖެހުންތައް ފާހަގަ ކޮށްލެވެއެވެ.
ހަމައެއާއެކު، ރައީސް ޔާމީނުގެ ވެރިކަމުގެ ހަލަބޮލި ދައުރުގައި، އޭރުގެ އިދިކޮޅު ފަރާތްތަކާ ސަރުކާރާ ދެމެދު ހިގައިދިޔަ ސިޔާސީ ކޯޅުންތަކުގެ ތެރެއިންވެސް، އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުކުރެވިގެންދިޔަ އެއް މުވައްސަސާއަކަށް ވެގެން ދިޔައީ ދިވެހި ފުލުހުންގެ މުވައްސަސާއެވެ.
އެހެންކަމުން ޑިމޮކްރަސީގެ މިކުރު ހަޔާތުގައި، ހުރިހާ ވެރިކަމެއްގައިވެސް ހިގައިދިޔަ ސިޔާސީ ބޮޑެތި ކޯޅުންތަކުގެ ޝިކާރައަކަށް ފުލުހުންގެ މުވައްސަސާ ވެގެން ގޮސްފައިވާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
މިގޮތުން މަގުމަތީގައި ހިގާ ބޮޑެތި ސިޔާސީ އެއްވުންތަކާއި، އަދި މުޒާހިރާތަށް ހުއްޓުވުމަށް ފުލުހުން އަދާ ކުރަމުންދާ ދައުރުވެސް އަބަދުވެސް ވެގެން ގޮސްފައިވަނީ، އޭރަކު އޮންނަ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ފާޑުކިއުން އަމާޒުވާ ކަމަކަށެވެ. މިފަދަ ގިނަ ހާލަތްތަކުގައި، މުޒާހިރާ ކުރާފަރާތްތަކުން ގަވާއިދާ ގާނޫނާ ޚިލާފަށް އަމަލް ކުރިކަމިގައި ވިނަމަވެސް، އެއްވުންތަކާއި މުޒާހިރާތައް ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް އޮންނަނީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައެވެ.
އެހެންކަމުން ފާއިތުވެދިޔަ ތަނުގައި ފެނިގެން ގޮސްފައިވާ މަންޒަރަކީ، ދިވެހިރާއްޖޭގައި ފުލުހުންގެ މަސައްކަތަކީ، ތައުރީފަށްވުރެ ބޮޑަށް އަބަދުވެސް ގިނަބަޔަކު ފާޑުކިޔުމުގެ ނަޒަރަކުން ދެކެމުން އަންނަ ޚިދުމަތެއްކަމުގައެވެ.
އެހެންނަމަވެސް، ފެންނާން އޮތް ހަގީގަތަކީ، ފަހުގެ މާޒީތަކުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާ ކާރިސާއެއްގައިވެސް، ގައުމީ ޚިދުމަތުގެ އެންމެ ކުރީސަފުގައި ދިވެހި ފުލުހުން ހަރަކާތްތެރި ވެފައިވާކަމެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ބެލިކަމުގައި ވިނަމަވެސް، 2016ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއަށް ބެލި ކަމުގައިވި ނަމަވެސް، އަދި މިހާރުވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް ކާރިސާގައި، ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އާންމު ރައްޔިތުންނަށް ކުރިމަތިވެގެންދިޔަ އެތައް ގިލަންވެރިކަމަކަށް ލުއިފަސޭހަކަން ގެނެސްދިނުމުގައި ފުލުހުން އަދާކޮށްފައިވާ ދައުރަކީ، އަގު ނުކުރެވޭނޭ ވަރުގެ ބޮޑެތި ޚިދުމަތްތަކެއް ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ފުލުހުންގެ ލީޑަރޝިޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މިހާރު ކުރެވޭ މަސައްކަތްތައް!
ކޮންމެ ގައުމެއްގައިވެސް ދައުރަކަށްފަހު ދައުރަކުން ވެރިކަން ބަދަލުވަމުން އައިނަމަވެސް، ދައުލަތުގެ ތެރޭގައި ދިގުދެމިގެންދާނޭ ޚިދުމަތްތައް ހުރެއެވެ.
ސަބަބަކީ، ޑިމޮކްރަސީގެ ނިޒާމު އޮތް ގައުމުތަކުގައި ވެރިކަމަށް އަންނަ ބަދަލަކީ، މައިގަޑުގޮތެއްގައި ސިޔާސަތުތަކަށް އަންނަ ބަދަލަކަށް ވާތީއެވެ. އަދި އެއީ ދައުލަތުގެ ވެރިކަމުގެ ނިޒާމަށް އަންނަ ބަދަލަކަށް ނުވެފައި، ގިނަ ފަހަރަށް، ދައުރު ބަދަލުވެގެން ދާއިރު، ބަދަލުވާންޖެހޭ މީހުންނަކީ އިންތިޚާބީ މަގާމްތަކުގައި ތިބޭ މީހުންނާއި އަދި ސިޔާސީ މަގާމްތަކުގައި ތިބޭ މީހުންކަމުގައި ވާތީއެވެ.
އެހެންނަމަވެސް، ފާއިތުވެދިޔަ ޑިމޮކްރަސީގެ ކުރު ހަޔާތުގައި ރާއްޖޭއިން ފެނިގެން ގޮސްފައިވަނީ، މިއުސޫލާއި މުޅިން ތަފާތު، ހާލަތެކެވެ. ވެރިކަމުގައި ދައުރު ބަދަލު ވެގެންދިއުމަށްފަހު އަންނަ ވެރިކަމަކަމުން ސިޔާސީ މަގާމްތަކުގެ އިތުރުން ދައުލަތުގެ އިސް ހުރިހާ މަގާމްތަކެއް ކަހަލަ ގޮތަކަށް ފާއިތުވެދިޔަ ހުރިހާ ވެރިކަމެއްގައިވެސް ވަނީ ބަދަލު ކޮށްފައެވެ.
މިގޮތުން، ކޯޓުތަކުގެ ފަނޑިޔާރުންނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދައުލަތުގެ މިނިވަން ހުރިހާ މުވައްސަސާއެއްގެ ވެރިންނާއި، ބޯޑުތަކަށް ދާންދެން އަންނަނީ ބަދަލުވަމުންވެ. އެހެންނަމަވެސް، މިމަގާމްތަކުގައި ތިބެން މިޖެހެނީ ގާނޫނު އަސާސީގަ ވާގޮތުގެ މަތިން ވަކި މުއްދަތެއް ކަޑައަޅާ، ތައުލީމާ ތަޖުރިބާގެ ގޮތުންވެސް ވަކި ޝަރުތަކެއް ފުރިހަމަވާ ފަރާތްތަކެވެ.
މިއުސޫލުން ބަލާއިރު، މިއަދު ގިނަބައެއްގެ ސަމާލުކަމަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކަށް ވެގެންދަނީ، ފާއިތުވެދިޔަ ދައުރުގައި، ރައްޔިތުންގެ މަޖިލުހުން ފުލުހުންގެ ބިލަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ދަށުންގެ، އުފެއްދި ޕޮލިސް ބޯޑުގެ މައްޗަށް ގާނޫނު ލާޒިމް ކޮށްފައިވާ ގާނޫނީ ވާޖިބު އަދާ ކުރުމުގެ ގޮތުން، ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރުމަށް އެބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން، ފުލުސް ބޯޑު އައްޔަންކުރާތާ ހަތަރު މަސް ތެރޭގައި، ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓު ކުރެވިފައިވާ އޮފިސަރުން ވަކި ކުރުމާ މެދު ފެންނަ ގޮތެއް ނިންމަންވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި، ފުލުހުންގެ ގާނޫނަށް ގެނެވުނު ބޮޑު ބަދަލު، ރައީސް ތަސްދީގު ކުރައްވާ، ފުލުހުންގެ ބޯޑު އެކުލަވައިލެއްވީ މި އަހަރުގެ އޭޕްރިލް 9ވަނަ ދުވަހު އެވެ.
ބޯޑު އުފެއްދުމަށްފަހު، ފުލުހުންގެ މުވައްސަސާއަށް ގެންނަން ބޯޑަށް ފެންނަ ބަދަލުތައް ކޮމިޝަނަރ އޮފް ޕޮލިސްއަށް ހުށަހެޅުމަށް ލިބުނު މުއްދަތު ހަމަވީ މިމަހުގެ 9 ވަނަ ދުވަހަށެވެ. މިގޮތުން 4 މަސް ފާއިތުވެ ދިއުމުގެ އެންމެ ފަހު ދުވަހު، ޕޮލިސް ބޯޑުންވަނީ އިސް 6 އޮފިސަރަކު މަގާމުން ވަކިކުރަން ކޮމިޝަނަރ އޮފް ޕޮލިސްއަށް ލަފާ ދީފައެވެ.
ފިޔަވަޅު އެޅުމަށް ބޯޑުން ލަފާ ދިން އޮފިސަރުން:
– އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
– އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު
– އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު
– ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު
– ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން
– ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު
ފުލުހުންގެ މުވައްސާގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ، އަދި ތައުލީމާ ތަޖުރިބާގެ ގޮތުންވެސް މުވައްސަސާއަށް ބޭނުންތެރި، މިއޮފިސަރުންގެ ނަންތައް މީޑިއާތަކަށް އާންމު ވެގެން އައިސްފައިވި ނަމަވެސް، މިއަދާ ހަމައަށްވެސް، މަގާމުން ވަކިކުރަން ބޯޑުން ލަފާދީފައިވާ އޮފިސަރުންނަކީ ކޮބައިކަމެއް ރަސްމީކޮށް ފުލުހުންގެ މުވައްސަސާއިން އާންމު ކޮށްފައެއް ނުވެއެވެ.
ގާނޫނުގައި ވާގޮތުގެ މަތިން އެކުލަވާލެވިފައިވާ ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖިލިހުން ބައެއް މެމްބަރުން އައްޔަން ކުރެވިގެން ދިޔަހިސާބުންވެސް، ގިނަބަޔަކު އޭރުވެސް ކުރަމުން ދިޔަ ތުހުމަތަކީ، މި ގެނެވުނު ބަދަލުގެ ހަގީގީ އެއް ބޭނުމަކީ، ފުލުހުންގެ މުވައްސާގެ އިސްބޭފުޅުންގެ ގޮތުގައި ތިބި ބައެއް ބޭފުޅުން މަގާމުން ވަކި ކުރުން ކަމެވެ.
އަދި މިގޮތުން ކުރެވުނު ތުހުމަތުތަކަށް، ބާރުލިބިދިން އެއްކަމަކަށް ވެގެން ދިޔައީ، ޑީސީޕީގެ މަގާމުގައި އޭރު ހުންނެވި ފައިރޫޝް އަމިއްލަފުޅަށް ރިޓަޔަ ކުރެެއްވުމުން، އެކަމާ ހިންހަމަ ޖެހިވަޑައިނުގެން، ވެރިކަންކުރާ އެމްޑީޕީގެ އިސްބައެއް ބޭފުޅުން ފުލުހުންގެ މުވައްސަސާއަށް އޭރު އަމާޒުކުރި ފާޑު ކިޔުންތަކެވެ.
މިހުރިހާ ސަބަަބުތައް މިގޮތަށް ހުރުމާއެކު، އަލަށް އައްޔަންކުރި ޕޮލިސް ބޯޑުން، އެމުވައްސަސާގެ ހިންގު ހަރުދަނާކޮށް، މުޅި މުވައްސަސާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް، ގާނޫނުން ލިބިދިން މުއްދަތު ހަމަވުމުގެ އެންމެ ފަހު ދުވަހު ހުށަހެޅުވިކަމަށް ބުނާ މިބަދަލު ގިނަ ބަޔަކަށް ސިފަކުރެވިގެންދިޔައީ، މުވައްސަސާ ހަރުދަނާ ކުރުމަށް ހުށަހެޅުއްވި ބަދަލެއްގެ ބަދަލުގައި މާޒީގައި ހިގާފައިވާ ބައެއް ކަންކަމުގެ ބަދަލު ހިފުމުގެ ގޮތުން ހުށަހެޅުއްވި ޖަޒްބާތީ ހުށަހެއްހެޅުއްވުންތަކެއްގެ ގޮތުގައެވެ.
ގޮތް ނިންމަވާނީ ކޮމިޝަނަރ އޮފް ޕޮލިސް!
ފުލުހުންގެ ގާނޫނުގައި ވާގޮތުން، ބޯޑުން ނިންމެވި މިނުންމުން ތަންފީޒު ކުރާނީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ. އަދި، ބޯޑުގެ ހުށަހެޅުއްވުމާމެދު ކޮމިޝަނަރ އޮފް ޕޮލިސްގެ ނިންމެވުން އަންނަންދެން، މި އޮފިސަރުންނަށް ގާނޫނުގައި އޮތްގޮތުން ޚިދުމަތުގައިވެސް ދެމި ތިބެވޭނެއެވެ.
އަދި ބޯޑުގެ ނިންމެވުމާމެދު ގޮތެއް ނިންމެވުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ގާނޫނުން ވަކި މުއްދަތެއްވެސް ލިބިދީފައެއް ނުވެއެވެ. މިގޮތުން މި މައްސަލާގައި ފުލުހުންގެ ފަރާތުން މިހާތަނަށް ހާމަ ކޮށްފައިވާ ހަމައެކަނި މައުލޫމާތަކީ، ބޯޑުގެ މި ނިންމެވުން ކޮމިޝަނަރ އޮފް ޕޮލިސް ދިރާސާ ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތެވެ.
ކޮންމެ ގޮތެއްވިޔަސް، ފުލުހުންގެ ލީޑަރޝިޕްގައި ތިއްބެވި އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން މިނިންމެވި ނިންމެވުކީ ކުޑަ ނިންމެވުމެއް ކަމުގައި ބެލެވޭކަށް ނެތެވެ.
ހަމަ އެއާއެކު، ޕޮލިސް ބޯޑުގެ ނިންމުން އެބޯޑުން ނިންމި އަސާސްތައް އަދި މީޑިއާތަކާ ހަމައަށް ތިލަވެގެން އައިސްފައި ނުވާތީ މި ނިންމުންތަކުގެ އިންސާފާ ނާއިންސާފާ މެދު އެއްޗެއް ދަންނަވަން އުދަގޫވިޔަސްވެސް، ފާއިތުވެދިޔަ ދިގު މުއްދަތެއްގައި ފުލުހުންގެ މުވައްސަސާއަށް ޚިދުމަތް ކުރައްވަމުން ގެންދެވި އިސް އޮފިސަރުންތަކެއް ކުއްލިއަކަށް މިބީދައިން މުވައްސަސާއަށް އަލްވަދާއު ކިޔަންޖެހުމަކީ، އެ އޮފިސަރުންނާއި އޮފިސަރުންގެ އައިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތި ކަމަކަށް ވެގެން ދިއުމުގެ އިތުރުން، މުވައްސާސާގައި ޚިދުމަތްކުރަމުންދާ، ތައުލީމާ ތަޖުރިބާ ހާސިލް ކުރައްވައިގެން ތިއްބަވާ ބޭފުޅުން މިބީދައިން މުވައްސަސާއާއި ވަކިވެގެން ދިއުން ވެގެންދާނީ މުވައްސަސާއަށްވެސް އަންނާނެ ހީނަރުކަމެއްކަމީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
One Response
ކަނޑާލާ ކަނޑާލާ ބޭރުކޮށްލާ ތިއީ ބަޣާވާތްކިރަން އުޅޭ ބައެއް