ސިޔާސީ ގޮތުން ޚިޔާލުތަފާތު ވިކަމުގައި ވީނަމަވެސް، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއާއި، ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރުން ކަންކަމުގައި މަޝްވަރާކުރުމަށް ދަސްކުރަންޖެހޭ ކަމުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ރޭ ވިލިމާލޭގެ ރައްޔިތުންނާއި ބައްދަލުކޮށް ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު އުޝާމް ވިދާޅުވީ މިބައްދަލުވުމަށް މާލެ ސިޓީ ކައުންސިލްގެ މެމްބަރުން އައުމުގެ ކުރިން މެމްބަރުންނާއި، މޭޔަރާއި މަޝްވަރާ ކުރުމަށް މަސައްކަތް ކުރިކަމަށެވެ. ނަމަވެސް އެއްވެސް ގޮތަކަށް މަޝްވަރާ ކުރުމަށް ޖާގަ ނުލިބުނުކަމަށް އުޝާމް ވިދާޅުވިއެވެ.
މިބައްދަލުވުމަށް އައުމުގެ ކުރިން، މިބައްދަލުވުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އަޅުގަނޑު މޭޔަރ މުއިއްޒުއަށް މެސެޖެއް ކޮށްލިން. މެސެޖް ކިޔުއްވާފަ ރިޕްލައިއެއް ނުކުރައްވާ. މިތަނައައިސް އަޅުގަނޑު މޭޔަރ މުއިއްޒުއާއި ވާހަކަ ދެއްކުމަށްޓަކައި މަސައްކަތް ކުރިން. ކާމިޔާބެއްނުވި. މިތަނުން ދޮރުން ވަންނަމުން މިތާ ތިން ކައުންސިލަރުން ތިއްބައި އެތިން ބޭފުޅުންނާއި އަޅުގަނޑު ވާހަކަ ދެއްކިން، ހުރިކަމަށްވެސް ނެހެދި، އަނގައިވެސް ނުބުނި. ދަނަންވަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެންގެ ސިޔާސީ ފިކުރު އެއްގޮތް ނުވި ކަމުގައި ވީނަމަވެސް އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކާއި ވާހަކަ ދެކެވެންވާނެއޭ. އެއުސޫލު ތިބޭފުޅުންގެ ގައިގައި ހުންނާނެކަމަށް އަޅުގަނޑު އުންމީދުކުރަން ކުރިއަށް އޮތްތާގައިވެސް.
– އުޝާމް ވިދާޅުވިއެވެ.
މާލެ ސިޓީ ކަންސިލުން ހުށަހެޅި ޕްލައިނާއި ގުޅޭގޮތުން އުޝާމް ވިދާޅުވީ ވިލިމާލޭގައި އިމާރާތްތައް 10 ބުރިއަށް ހުއްދަ ދިނުމުގެ ބަދަލުގައި އެކަން ވެދާނެ ގޮތާއިމެދު ވިސްނަން ޖެހޭކަމަށެވެ. ވިލިމާލޭގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ކަންކަމަށް ނުކަތާނަމަ މިކަން ކުރެވުމުގެ ބޭނުމެއް ނެތްކަމަށެވެ.
މޭޔަރު މުއިއްޒުކީ 7 އަހަރު ސަރުކާރުގެ ވުޒާރާއެއްގައި ހަވާލުވެ ހުންނެވި ބޭފުޅަކަށްވާއިރު، ދައުލަތުގެ ބަޖެޓާއި ކަންކަން ހުރިގޮތުން އެގޭނެކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ ބަޖެޓް ފާސްކުރާ ގޮތާއި ސަރުކާރު ހިންގާ ގޮތް މުއިއްޒުއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިހާރު ރާވާފައިވާ ހުރިހާ މަސައްކަތެއްވެެސް ކުރިއަށް ގެންދެވޭނީ ފައިސާ ލިބިގެން ކަމަށްވީއިރު ކައުންސިލުން ބޭނުންވާ މިންވަރަށް ސަރުކާރުގެ ތެރެއިން ފައިސާ ނުލިބޭނެ ކަމަށެވެ.
ޕްލޭނެއް ހަދާއިރު މަޖިލީސްތެރެއިން ބަޖެޓްގައި އެކަންކަން ހިމަނަން މަސައްކަތް ކުރުމަކީ އޭނާގެ ޒިންމާއަކަށްވީއިރު ސިޓީ ކައުންސިލުން އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ނަމަވެސް މެމްބަރު އުޝާމްގެ ވާހަކަފުޅުތައް މޭޔަރ މުޢިއްޒު ވަނީ ދޮގުކުރައްވާފައެވެ. މުޢިއްޒު ވިދާޅުވީ ވިލިމާލޭގެ ތަރައްޤީއާއި ގުޅޭކަމެއްގައި މެމްބަރު މަޝްވަރާކުރެއްވީ ހަމައެކަނި ވިލިމާލޭ ފެރީތައް އޭސީ ކުރުމުގެ ކަމެއްގައި ކަމަށާއި އެކަމުގައި މެމްބަރަށް ޖަވާބު ދެއްވި ކަމަށެވެ. މީގެ އިތުރުން ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތްކުރަނީ ދާއިރާތަކުގެ މެމްބަރުންނާއި ގުޅިގެން ކަމަށާއި ކޮންމެ ޕާޓީއެއްގެ މެމްބަރެއް ކަމަށްވިޔަސް ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމެއްގައި އެބޭފުޅާޔާ މަޝްވަރާ ކުރެވޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ