އާދެ! ހިޖުރީ ކަލަންޑަރުން ކޮންމެ މުޙައްރަމް މަހެއްގެ 1 ވަނަ ދުވަހަކީ ދުނިޔޭގެ ހުރިހާ މުސްލިމްތަކުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިޖުރީ އާއަހަރު ފާހަގަ ކުރާ ދުވަހެވެ. މިއީ މުސްލިމުން އެބައިމީހުންގެ އަހަރު ގުނަން ފަށާ ދުވަހެވެ. ހިޖުރީ ކަލަންޑަރަކީ މުސްލިމުންނަށް އެބައިމީހުންގެ އެންމެ މުޤައްދަސް އަޅުކަންތައް ގުޅިފައިވާ ތާރީޚެވެ. އެހެނީ ރަމަޟާންމަސް ގުޅިފައިވަނީ ހިޖުރީ ކަލަންޑަރާއެވެ. ފަސް ވަނަ ރުކުން ކަމުގައިވާ ޙައްޖުގެ މަތިވެރި އަޅުކަންވެސް ގުޅިފައިވަނީ ހިޖުރީ ކަލަންޑަރާއެވެ.
ފަހެ ތާރީޚު ލިޔުމުގައި ޙިޖުރީ ތާރީޚަށް ރިޢާޔަތްކުރުމަށް ނިންމަވައި އެކަން އެންމެ ފުރަތަމަ ކަނޑައެޅުއްވި ބޭފުޅަކީ މާތް ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު رضي الله عنه އެވެ. އެކަލޭގެފާނު މި ތާރީޚީ ނިންމެވުން ނިންމެވީ އެކަލޭގެފާނުން އަރިހަށް ހުށައެޅުނު ދަރަންޏެއްގެ މައްސަލައިގައި ތާރީޚެއްގެ މައްސަލަ ދިމާވެގެންނެވެ. މި މައްސަލައިގައި އޮންނަނީ ދަރަނި ނެގި މީހާ ދަރަނި އަދާކުރަންޖެހެނީ ޝަޢުބާން މަހެއްގައި ކަމަށެވެ. ކޮން އަހަރެއްގެ ޝަޢުބާން މަހެއްކަމެއް އެނގޭކަށް ނެތެވެ. މިހެންވެ އިސްލާމީގޮތުން ބަލާނެ ތާރީޚެއް ކަނޑައެޅުމުގެ މުހިންމުކަން އެބޭކަލުންނަށް ވިސްނިވަޑައިގަތެވެ. މަޝްވަރާގެ މަރްޙަލާގައި 3 ރައުޔެއް ހުށައެޅުނެވެ.
އެއީ ހިޖުރީ ތާރީޚު، رسول الله صلى الله عليه وسلم ދުނިޔޭގެ އަލިކަންދެކެވަޑައިގެން ދުވަހުން ފެށިގެން ގުނަން ފެށުމެވެ. އަނެއް ރައުޔަކީ އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުނު ޙާދިސާއިން ފެށިގެން ތާރީޚު ގުނަންފެށުމެވެ. ނަމަވެސް ދެންތިއްބެވި ބޭކަލުންނާއި އެކު ޢުމަރުގެފާނާއި، ޢުޘްމާންގެފާނާއި ޢަލީގެފާނު ފަދަ ބޭކަލުންނަށް ބުރަވެވަޑައިގެންނެވުނީ ހިޖުރީ ތާރީޚުގެ ފެށުމަކަށް رسول الله صلى الله عليه وسلم ކުރެއްވެވި ހިޖުރައިގެ ޙާދިސާ ހެއްދެވުމަށެވެ. އަދި މިރައުޔަށް އާނ ބަސް ލިބި ހުރިހާ ބޭފުޅުންވެސް މިކަމުގައި އިއްތިފާޤްވެވަޑައިގަތެވެ. މި އެއްބަސްވުން ހިނގައި ހިޖުރީ ތާރީޚަށް ޢަމަލުކުރަން ފެށުނީ ހިޖުރީ ސަނަތުން 17 ވަނަ އަހަރުގައެވެ. އެއީ جمادى الآخرة މަހުގެ 20 ވަނަ ވީ ބުދަ ދުވަހުއެވެ.
އާދެ! ހިޖުރީ އާ އަހަރުގެ ވާހަކަ ދައްކާއިރު ރަސޫލު ﷲ صلى الله عليه وسلم ކުރެއްވެވި ހިޖުރައިގެ މަތިވެރި ޒިކުރާ އާކުރަންޖެހެއެވެ. މައްކާގައި 13 އަހަރު ހޭދަ ކުރެއްވެވީ ﷲ ގެ ދީނަށް ގޮވާލުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވުމުގައެވެ. އެކަލޭގެފާނު އެބައިމީހުންނަށް އެދިވަޑައިގަންނަވަނީ ހެޔޮގޮތްވުމަށެވެ. ދުނިޔެއާއި އާޚިރަތުގެ ސަލާމަތްތެރިކަމަށެވެ. ﷲ އެއްކައުވަންތަ ކުރުމަށެވެ. އަމިއްލަ އަތުން ކޮށާ މަށާ ބުދުތަކަށް ސަޖިދަ ނުޖެހުމަށެވެ. ނަމަވެސް އެކަލޭގެފާނުންގެ ދަޢުވަތަށް އީމާންވީ މަދުބަޔަކު ފިޔަވައި އެކަލޭގެފާނުންނަށް ބަދަލުގައި ލިބުނީ ފުރައްސާރައެވެ. މަލާމާތެވެ. ނުބައި ހުތުރު ބަސްތަކެވެ. ދޮގުވެރިއެއްކަމުގެ ލަޤަބެވެ. ސިޙުރުވެރިއެއްކަމުގެ ނަޖިސް އިލްޒާމްތަކެވެ. ނަމަވެސް އެކަލޭގެފާނުންގެ ކެތްތެރިކަމަށް ކުޑަވެސް ލޮޅުމެއް ނައެވެ. ﷲ ގެ ދީން ފެތުރުއްވުމުގައި ގަދަފަދަ ކަމާއެކު ސާބިތުވެހުންނެވިއެވެ.
ނުހަނު ލޯބިވާ ވަޒަން ދޫކޮށްލަންވަން ޖެހިވަޑައިގަތީ އެކަލޭގެފާނުންގެ ފުރާނަފުޅު ދުއްވާލަން މައްކާގެ މުޝްރިކުން ރާވައި އެކަމުގެ ތައްޔާރީތައް ފަށައިގަތުމުންނެވެ. އެޙާލަތުގައި ވެސް އެކަލޭގެފާނު ނުކުންނެވީ ﷲ ގެ އަމުރުފުޅަށެވެ. އެކަލޭގެފާނުންގެ ބުރަ މަސައްކަތްޕުޅުގެ ނަތީޖާއަކަށް ވީ ﷲ ތަޢާލާ އެކަލޭގެފާނުން ސަލާމަތްކޮށްދެއްވުމެވެ. އެކަލޭގެފާނަށް ނަޞްރުދެއްވުމެވެ. މުޝްރިކުންގެ ނުބައިރޭވުންތައް ނާކާމިޔާބު ކޮށްލެއްވުމެވެ. ފަހެ ﷲ އެކަލާނގެ ދީންމަތީގައި ސާބިތުވާ އަޅުތަކުން ދޫކޮށެއް ނުލައްވާނެއެވެ. ވަރުބަލިވެ ދޫކޮށްލަނީ އަހުރެމެންނެވެ.
ހިޖުރައިގެ ވާހަކަތައް ދައްކައި ކޮޅުންނުލާހާވެސް ދިގެވެ. ނަމަވެސް ހުރިހާ ވާހަކަ ތަކަކީ މިފަދަ ކުރު އާޓިކަލްއެއްގައި ގެނެސްދެވޭނެ ވާހަކަތަކަކަށް ނުވާތީ މިހާހިސާބަށް ކުރުކޮށްލަމެވެ. ލިޔުން ކިޔުއްވީތީ ޝުކުރު ދަންނަވަމެވެ.
އެޑިޓަރުގެ ނޯޓް: މިއީ ހިޖުރީ އައު އަހަރު ފެށޭ ދުވަހަށް ޚާއްޞަކޮށް، ދީނީގޮތުން އެދުވަހުގެ މުހިންމު ކަމާއި، އެދުވަސް ފާހަގަކުރަން ފެށުނު ގޮތުގެ މައްޗަށް ބިނާކޮށް، އައްޝައިޚް ޢަލީ ޒައިދު ތައްޔާރުކޮށްފައިވާ ކުރު ލިޔުއްވުމެކެވެ! ޝައިޚް ޢަލީ ޒައިދަކީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ އިތުރުން، ދީނީ އިޖްތިމާޢީ އަދި އަޚްލާޤީ އެކިއެކި ކަންކަމުގައި އަގުހުރި ދަރުސް ތަކެއް ދެއްވާ ބޭފުޅެކެވެ.