ރިލްވާންގެ މައްސަލާގައި ދައުލަތަށް ކޮށްދެވުންހާވެސް ކަމަކީ އަޅާނުލުން، ލަދުވެތި: ވައްޑެ

ރިލްވާންގެ މައްސަލާގައި ދައުލަތަށް ކޮށްދެވުންހާވެސް ކަމަކީ އަޅާނުލުން، ލަދުވެތި: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
08 އޮގަސްޓް 2021 02:31
0

ނޫސްވެރިޔާ އަހުމަދު ރިޟުވާން ޢަބްދުﷲ ގެއްލުވާލި މައްސަލާގައި، ދައުލަތަށް މިހާތަނަށް ކޮށްދެވުނުހާވެސް ކަމަކީ މިމައްސަލާގައި އަޅާނުލައި ތިބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔާ އަހުމަދު ރިޟުވާން ޢަބްދުﷲ ގެއްލުވާލި މައްސަލާގައި، މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ނެތުންކަމަށާއި، އެފަދަ މާހައުލެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކޮމިޝަނުން ވަނީ މިއަދު ބުނެފައެވެ.

ވައްޑޭ ވިދާޅުވީ ރިޞުވާން ގެއްލުނުތާ 7 އަހަރު ރުފިގެންދާއިރު، ރިޟްވާނަށް ވީގޮތް ހޯދުމުގައި ޢާއިލާއިންނާއި ރައްޓެހިން ކުރި ބުރަ މަސައްކަތާއި ހިތްވަރު ފިޔަވައި ފެންނާން އޮތް އެހެން މާބޮޑު ކަމެއް ނެތްކަމަށެވެ. މިކަމުގައި ދައުލަތަށް މިހާތަނަށް ކޮށްދެވުނު ހަމަ އެއްކަމެއްވެސް ނެތްއިރު، ވީހާވެސް ކަމަކީ މިކަމުގައި އަޅާނުލައި ތިބުންކަމަށާއި، މިއީ ލަދުވެތި ކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ.

7 އަހަރު ފުރުނުއިރު އަޙުމަދު ރިޟްވާނަށް ވީގޮތް ހޯދުމުގައި ޢާއިލާއިންނާއި ރައްޓެހިން ކުރި ބުރަ މަސައްކަތާއި ހިތްވަރު ފިޔަވައި ފެންނާން އޮތް އެހެން މާބޮޑު ކަމެއް ނެތް. ދައުލަތަށް ކޮށްދެވުންހާވެސް ކަމަކީ އަޅާނުލުން. ލަދުވެތިކަމުގެ އިންތިހާ.

– ވަހީދު ވިދާޅުވިއެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ސެޕްޓެމްބަރު، 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާއާ ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފެއްތީ ކަމަށެވެ. ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ އިތުރުން މަސްތުވާތަކެތި ވިއްކުމާއި މި ބާވަތުގެ ކުށްތަކަށް ވެސް އަރައިގަންނަ ބައެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.