ފުލުހުންގެ އުމްރާނީ ވަސީލަތް ތަރައްޤީ ކުރުމަށް އިންޑިއާއިން 600 މީހުން ގެންނަނީ

ފުލުހުންގެ އުމްރާނީ ވަސީލަތް ތަރައްޤީ ކުރުމަށް އިންޑިއާއިން 600 މީހުން ގެންނަނީ

ގުޅުންހުރި

އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފުލުހުންގެ ބޮޑު މަޝްރޫއަށް އެ ގައުމުގެ 600 އެއްހާ މީހުން ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ތާރީހުގައި ވެސް އެ މުއައްސަސާއިން ހިންގާ އެންމެ ބޮޑު މަޝްރޫއުއަށް އިންޑިއާ އިން 600 އެއްހާ މަސައްކަތު މީހުން ގެންނަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި މިމަސައްކަތް ކުރާ ކުންފުނިން ވަނީ ބުނެފައެވެ. އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާއެކު އެއްބައިވައިވާ މިމަޝްރޫއަކީ 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.

އިންދިރާ ޕްރޮޮޖެކްޓްސްގެ ޗެއާމަން ބުޕޭޝް ނަގަރާޖަންއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން، އެ މަޝްރޫއަށް ރާއްޖެ ގެންނަނީ ޓެމިލްނާޑޫގެ 500 އެއްހާ މަސައްކަތު މީހުންނާއި 100 އެއްހާ އިންޖިނިއަރުންނެވެ. މީހުން ހޮވުމުގައި އިސްކަން ދެނީ ކުރިން މެދުއިރުމަތީގެ ގައުމުތަކުގައި މަސައްކަތްކުރި މީހުންގެ ތެރެއިން ވަޒީފާ ގެއްލިފައިވާ މީހުންނަށް ކަމަށް ނޫސްތަކުގައިވެ އެވެ

މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް، ޖޭވީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަންއެވެ.

މި އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި އިމާރާތް ބިނާ ކުރާނެއެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްޤީ ކުރުމާއި، އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ޑިމޮކްރެޓިކް ޚިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެއެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮޖެކްޓަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓްކަން ފާހަގަ ކުރެއްވިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ދަށުން ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި، އިންސާނީ ވަސީލަތާއި ޤާނޫނާއި ޤަވާއިދުތަކާއި ފުލުހުން ޒިންމާދާރު ކުރުވޭނެ ޑިމޮކްރެޓިކް އުސޫލުތަކުގެ އިތުރުން އެކަށީގެވާ އުމްރާނީ ވަސީލަތަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އެގޮތުން މިއަދު މިވެވޭ އެއްބަސްވުމަކީ މިމަގުން ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަން ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން، މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއްކަން ފާހަގަކުރައްވައި މި ޕްރޮޖެކްޓްގައި އެހީތެރިވެދެއްވި ސަރުކާރުގެ ވުޒާރާތަކަށާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ އިތުރުން އިންޑިއަން ހައިކޮމިޝަނަށް ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާ ކުރެއްވިއެވެ.

އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސްގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ އެންމެނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ދިވެހި ސަރުކާރާއި ދިވެހި ފުލުހުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ފުރުސަތު ލިބުނީތީ އުފާ ކުރާކަމަށާއި މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ދިވެހި ސަރުކާރުން ބޭނުންވާ ފެންވަރުގައި ކަނޑައެޅޭ ތާރީޚުތަކަށް ނިންމައި ހަވާލުކުރާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ. މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުން މަޝްރޫއުގެ 85 އިންސައްތަ އެގްޒިމް ބޭންކުން ފައިނޭންސް ކުރާގޮތަށެވެ. ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.

މި މަޝްރޫއަކީ ބިޑްކުރުމަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ދާ ޚަރަދާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ބަލާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޕީއެސްއައިޕީގެ ދަށުން ހިންގާފައިވާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށްވުރެ މި މަޝްރޫއަށް ކުރަންޖެހޭ ޚަރަދު ނިސްބަތުން ކުޑައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަންގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް އޮފިސަރުންނާއި އިންޑިއަން ހައި ކޮމިޝަންގެ ބައެއް އޮފިޝަލުން ބައިވެރިވެލެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ޤައުމެއް ނެތް.
    ސަރުކާރާދޭތެރޭ އޮތް އުންމީދު ގެއްލިއްޖެ.
    މާދަން ބުނަންޖެހޭނީ ކީކޭބާ؟
    " ޖޭ ހިންދު " ބާ
    " ނަމަސްތޭ " ބާ
    ޤައުމު ކޮރަޕްޝަނަށް ގޮސް ހުސްވެއްޖެ.
    އަދުލު އިސްސާފުގެ ދަންމަރު ހުލިވެއްޖެ.

  2. ރާއްޖޭގައި ވަޒީފާ ގެއްލިފައިވާ ހަމައެކަކުވެސްނެތް. މިހާރުވެސްއޮތީ އެތަށްބަަކަށް ވަޒީފާދީފައި. ރާއްޖޭގެ ކޮންމެރައްޔިތަކީވެސް ސަރުކާރުގެ މުވައްޒަފެއް ކޮންމެ މުވައްފކަށްވެސް މިނިވަންވޭޖް މުސާރަ -/10000 ރުފިޔާ މަަހަކު ލިބޭނެ. އިންޑިޔާގައިތިބީ މުޅިންވެސް ވަޒީފާ ގެއްލިފައިތިބި މީހުން. އެހެންވީމަ ދިވެހިސަރުކާރު އިންޑިޔާއަށް އޯގާތެރީ. މިއީވާ އެނގިތިބެ އަހަރުމެން ގެނައި ހާލަތެއް. އަހަރމެންގެ ހާލަތު ބަދަލުކުރީ އަހަރުމެން އަމިއްލައަށް. އަހަރުމެންގެ ޙާލަތު އަހަރުމެން އަމިއްލައަށް ބަދަލުކޮށްފުމަށްދާންދެން ﷲ އަހަރުމެންގެ ޙާލަތު ބަދަލު ނުކުރައްވާހުށި. ރިސޯޓް ހުރިހާ މުވައްޒަފުންނަށް ކޮންމެ ރެއަކު އެމީހުންގެ އަނބިދަރިންގެ ގާތަށް ނިދަންވެސް އާދެވޭނު. ދެންމިވަރުދޯ ކޮށްދެވޭނި.

  3. ލަންކާގައި ސައިފަތްދަނޑު ތަކުގެ މަސައްކަތް ކުރަން އައި އިންޑިއާގެ ތަމަޅައިން ވެސް ފަހުން ވީ އެގައުމުގެ ރައްޔިތުންނަށެވެ. ހަމަ އެގޮތަށް މިގައުމަށް މަޝްރޫޢެއް ހިންގުމުގެ ނަމުގައި ރީނދޫ ސަރުކާރުން މަކަރާ ޙީލަތުން ރައްޔިތުންނަށް އޮޅުވާލައިގެން މިގެންނަ އިންޑިއާ މީހުންނަކީ ވެސް ދެން އަނބުރާ އެ ގައުމަށް ދާނެ ބައެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ