ދަޢުވާ ނުކުރުމުން ފާތިހު ދޫކޮށްލައިފި

ދަޢުވާ ނުކުރުމުން ފާތިހު ދޫކޮށްލައިފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފުލުހުންހައްޔަރުކޮށްފައިވާ އަޙްމަދު ފާތިޙު ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ޕީޖީން ދައުވާ ނުކުރަން ނިންމާފައިވާތީ ފާތިހު ދޫކޮށްލާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ އަލުން ދަރަވަންދޫ އަށް ފުރައިފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެން ޝަމީމް ވިދާޅުވީ މިވަގުތައް ނިންމާފައި ވަނީ ފާތިހުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށެވެ. ހަމަލާ އާއި ގުޅޭ ތަހުގީގު މިހާރުވެސް ކުރިއަށް ދާ ކަމަށާއި ތަހުގީގުން ދައުވާ ކުރަންޖެހޭ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ދައުވާ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފާތިޙަކީ މި މައްސަލައާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރެއިން އެކެކެވެ. ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫ އިންނެވެ. އޭނާ އަކީ ކުރިން ފުލުހުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ އެ ވަޒީފާއިން ވަކިވީ މިއަހަރު އަމިއްލައަށެވެ. ފާތިހު އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. އޭނާ އަކީ ހަމަލާ ދިނުމުގައި ދެން އުޅުނު މއ. ފޭރުގެ މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ މީހާއެވެ.

ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެދީފައެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވެއެވެ. މއ. ފޭރުގެ މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ. ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފަައެވެ.

ފާތިހު ދޫކޮށްލިއިރު ބޮން ގޮއްވައިލި އަދުހަމާއެކު ދައުލަތުންވަނީ އިއުތިރާފު އެއްބަސްވުމެއް ހަދާފައެވެ. އަދި އަދުހަމުގެ މައްޗަށް ދައުލަތުން އުފުލަން ނިންމި ހަތަރު ދައުވާގެ ތެރެއިން އެއް ދައުވާނުކުރުމަށް އެ އެއްބަސްވުމުގެ ދަށުން ދައުލަތުން ނިންމާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަހްމަދު ފާތިހަށް މިވަގުތު ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމާމެދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ރޭބޭއްވި ބައްދަލުވުމުގައި ސުވާލު އުފައްދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ