ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މާދަމާ އަލުން ފެށުމަށް ނިންމައިފިއެވެ.
ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިދިޔަ ބުދަދުވަހު އެޗްޑީސީން މެދުކަނޑާލީ އެ މަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
އެޗްޑީސީން ބުނީ މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް އަލުންފަށަން ނިންމާފައިވާކަމަށެވެ. ކުރިން އެޗްޑީސީން ކަނޑައަޅާފައި އޮތް ޝެޑިއުލަށް މަސައްކަތް ދިޔަނަމަ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ސޮއިކުރުމުގެ މަސައްކަތް ނިމޭނެވެ. ނަމަވެސް ބަންދު ދުވަސްތަކާއި މަސައްކަތް މެދުކަނޑާލަން ޖެހުމުން މި މަސައްކަތްވަނީ އެޗްޑީސީން ލަފާކުރި ތާރީހަށްވުރެ ލަސްވެފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާ ކުރިއަށް ދާނެ ގޮތުގެ ތާވަލު. pic.twitter.com/Mi0xX6Kbhm
— HDC (@hdcmaldives) August 6, 2021
ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6720 ހައުސިންގ ޔުނިޓު ލިބުނު ފަރާތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.
އެޗްޑީސީއިން ބުނީ އީދުބަންދަށް ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލުމާއި ހަމައަށް 500އަށްވުރެ ގިނަ މީހުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި ހިޔާ މަޝްރޫޢުއިން ލިބުނު ފްލެޓު ދޫކޮށްލާ ވިނަރެސް މަޝްރޫޢިން ފްލެޓް ހޯދުމަށް 200 އަށްވުރެ ގިނަ މީހުން ހައުސިންގ މިނިސްޓްރީއިން ދޫކޮށްފައިވާ ފޯމު ފުރާފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ވިނަރެސްއިން ހައުސިންގ ޔުނިޓު ހޯދުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ