ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް އެއްމަސް ދުވަހުގެ މުއްދަތަކަށް ދޫކޮށްފިއެވެ.
ކޯޓު އަމުރަކާއި ގުޅިގެން ޖާބިރުގެ ޕާސްޕޯޓް ޖުލައިމަހުން ފެށިގެން ހިފަހައްޓާފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޮން މައްސަލައަކާއި ގުޅިގެންކަމަށް ސާފެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާގެ މުވައްޒިފަކަށް މުސާރަ ނުދިން މައްސަލައެއްގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާއި ގުޅިގެންނެވެ.
ޖާބިރު ވަނީ މިދިޔަ ހަފްތާގައި ދެފަހަރެއްގެ މަތީން ފުރަން އެއާޕޯޓަށްވެސް ގޮސްފައެވެ. ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ޖާބިރަށް ވަނީ ފުރޭގޮތް ނުވެފައެވެ. އޭނާގެ ޕާސްޕޯޓް ހިފަހެއްޓީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އިމިގްރޭޝަނުން ވަނީ އޭނާގެ ޕާސްޕޯޓް އެއްމަސް ދުވަހަށް މިހާރު ދޫކޮށްފައެވެ.
ޖާބިރުވަނީ މިކަމާއި ހިންހަމަ ނުޖެހިގެން މިއަދު މަޖިލިސް ކައިރީގައި މުޒާހަރާވެސް ކޮށްފައެވެ. ޖާބިރު ބުނަމުންދިޔައީ އޭނާ މުޒާހަރާ ކުރަމުންދަނީ ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުން ކުރުމުގެ ގޮތުންކަމަށެވެ. ޖާބިރު މުޒާހަރާ ކުރަމުންދާއިރު، އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އޭނާ ތެދުކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި ދިޔާނާ ވަނީ ފަހުން އޭނާ އެސަރަހައްދުން ގެންގޮސްފައެވެ.
ޖާބިރުވަނީ އިއްޔެ ރައީސް މައުމޫންގެ ގެކޮޅަށްވެސް އެކި ވަރުގެ ގެއްލުން ދީފައެވެ.