އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނަގައި ބަދަލު ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލަ ކޯޓުގައި ކުރިއަށް ދާ ދަނޑިވަޅެއްގައި ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ހެދުނު ކުރި އިއުލާނެއްގައި ބުނެފައިވަނީ އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ، އައްޑޫގެ އިގްތިސާދީ ކަންކަމާއި އަދި އިޖުތިމާޢީ ކަންކަމާއި ގުޅުންހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ކަމަށް ބެލެވޭ ސަރަހައްދެއް ކަމުގައި ވާތީއާއި، މި ސަރަހައްދު ގުޅިފައިވަނީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާއި ކަމުގައި ވާތީ އާއި، އައްޑޫ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ މި ސަރަހައްދުގައި އާއްމުވެގެންވާ މަންފާއަކަށް ބިން އެލޮކޭޓްކުރެވިފައި ނުވާތީއާއި، މި ސަރަހައްދު ތަރައްޤީކުރެވޭ އިރު ހޮސްޕިޓަލްގެ ބޭނުމަށާއި އާއްމު އެހެން ބޭނުންތަކަށް އިތުރަށް މި ސަރަހައްދުން ބިން ބޭނުންވާކަން ފާހަގަކުރެވިފައިވާތީ، މި ސަރަހައްދުގައި ހުރި ބައެއް ބަންޑާރަ ބިންތައް ހިތަދޫގެ ބިން ރަނގަޅު އެހެން ސަރަހައްދަކަށް ޤާނޫނުގައިވާ ގޮތުގެމަތިން ބަދަލުކުރުމަށް ކައުންސިލުން ވަނީ ނިންމަވާފައިވާކަމަށެވެ.
މިގޮތަށް ކައުންސިލުން ނިންމެވުމާއި ގުޅިގެން، ހުސްކުރެވޭ ބްލޮކްތަކުގައި ދިރިއުޅުމަށް ދޫކޮށްފައި ހުރި ގޯތިތަކުގެ ބަދަލުގައި ދެވޭ ގޯތިތައް ވަގުތުން އެގޯތީގެ ވެރިފަރާތާއި ހަވާލުކުރެވޭނެކަމަށެވެ. މިކަމާއި ގުޅިގެން ކައުންސިލުން ކުރަންޖެހޭ އިދާރީ މަސައްކަތް މިހާރު ކައުންސިލުން ކުރަމުން ދާކަމަށާއި، އާއްމުންގެ ފައިދާއާއި ލާބައަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ޝުކުރުދަންނަވާކަމަށް އައްޑު ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން މިގޮތަށް މި އެންގީ، މިހާރު ހިތަދޫ މެޖިސްޓްރޭޓުގައި ކޯޓުގައި އެ ކައުންސިލާ ދެކޮޅަށް ކުރިއަށް ދާ މައްސަލައިގައި މި ގޯތިތައް ދޫކުރުމް މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރުމާ މެދު މި މަހުގެ 11 ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ކޯޓުން ބުނެފައި ވަނިކޮށެވެ. އަދި މިމައްސަލަ މިމަހުގެ 24 ވަނަ ދުވަހު ނިންމުމަށް ކޯޓުން މަސައްކަތް ކުރަމުން ދަނިކޮށެވެ.
ބަންޑާރަ ބިމަކީ ދައުލަތުގެ މިލްކިއްޔާތެއް ނަމަަވެސް ގޯތި ދޫކުރުމަށްފަހު، ދައުލަތުން އެ ބިން ބޭނުން ވެއްޖެ ހާލަތެއްގައި ވެރިފަރާތާ މަޝްވަރާ ކުރުމަށްފަހު އަދުލުވެރި އިންސާފުވެރި ބަދަލެއް ދިނުމަށްފަހު ބިން ނެގުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ. މީގެ ކުރިން އަމަލުކޮށްފައިވަނީ ވެސް މިގޮތަށެވެ. ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓު އެޅުމަށްޓަކައި ބިން ދައުލަތަށް ނެގުމުގައި ވެސް އަމަލުކޮށްފައިވަނީ މިފަދައިންނެވެ.
ކައުންސިލުން އެ ގޯތިތައް ނަގަން ނިންމި އިރު، ބައެއް ތަންތަނުގައި ވަނީ އިމާރާތް ވެސް ކުރަން ފަށައިފައެވެ. އިމާރާތްކޮށްފައިވާ މީހުންނާ ވެސް މަޝްވަރާކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. ގޯތިތައް ނަގަން އިއުލާނުކުރި އިރު ކައުންސިލުން ވަނީ އެ ތަންތަނުގައި އިތުރު މަސައްކަތް ނުކުރުމަށް ވެސް އަންގައިފައެވެ.
އައްޑޫސިޓީގެ ބިމުގެ މައްސަލައިގައި އެ ގޯތިތަކުގެ ވެރިފަރާތުގެ އެންމެ ބޮޑު ޝަކުވާއަކީ، އެއްވެސް މަޝްވަރާކުރުމެއް ނެތި ކައުންސިލުން އެ ގޯތިތައް ނެގުމަށް ނިންމުމެވެ.
ކޮމެންޓު ފޮނުވާ